ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ޖޯޑު، ދިޕިކާ ޕަދުކޯން އަދި ރަންވީރު ސިންގް އެކުގައި ފެނިގެންދިޔަ ފިލްމު، "ބާޖީރާއޯ މަސްތާނީ" އަކީ ކާމިޔާބު ފިލްމެކެވެ. މިއަހަރު ބޭއްވި ބޮލީވުޑްގެ އެންމެ ގިނަ ދުވަސްވީ އެންމެ ޝަރަފްވެރި އެވޯޑް ފިލްމްފެއާ އެވޯޑުން އެ ފިލްމަށް ލިބުނު ރަންވަނަތައް އެކަމަށް ހެއްކަކަށް ފުދެއެވެ.

ކުރިއަށް މިއޮތީ 17 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ (އައިފާ) އެވޯޑް ހަފްލާއެވެ. އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑުގައި ބާއްވަން ނިންމާފައިވާ އެ އެވޯޑް ހަފްލާއަށް ވެސް ސަންޖޭ ލީލާ ބަންސާލީގެ ފިލްމު، މިވަނީ އަތްގަދަ ކޮށްފައެވެ.

އައިފާ އެވޯޑްސްގެ ނޮމިނޭޝަން ލިސްޓުގައި އަށް އެވޯޑަކަށް އެ ފިލްމު ވާދަކުރެއެވެ. އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ޕިކްޗާސްގެ މަގާމަށް ވާދަކުރެއެވެ. އަދި އެންމެ މޮޅު ބަތަލް އަދި ބަތަލާ އަށް ނޮމިނޭޓްވި ތަރިންގެ ލިސްޓުގައި ހިމެނެނީ، އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔަ ދިޕިކާ އަދި ރަންވީރެވެ.

އެންމެ މޮޅު ފިލްމަށް ވާދަކުރާ ފިލްމުތައް:

  • ބަޖްރަންގީ ބައިޖާން
  • ޕީކޫ
  • ތަލްވާރު
  • ޓަނޫ ވެޑްސް މަނޫ ރިޓާންސް
  • ބާޖީރާއޯ މަސްތާނީ

ފިލްމު، "ޕީކޫ" އިން ވެސް ދިޕިކާ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓް ވެފައެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑަށް ދިޕިކާއާ ވާދަކުރަނީ، އެމެރިކާގެ ޓީވީ ޝޯ، "ކުއެންޓިކޯ" ގެ ތަރި ޕްރިޔަންކާ ޗޯޕްޅާއެވެ. އުމުރުން 33 އަހަރުގެ ޕްރިޔަންކާ އެ އެވޯޑަށް ވާދަކުރަނީ ފިލްމު، "ދިލް ދަޅެކްނޭ ދޯ" އިންނެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓްވެފައިވާ ތަރިން:

  • ޕްރިޔަންކާ ޗޯޕްޅާ – ދިލް ދަޅެކްނޭ ދޯ
  • ޝްރައްދާ ކަޕޫރު – އޭބީސީޑީ 2
  • ދީޕިކާ ޕަޑުކޯން – ޕީކޫ އަދި ބާޖީރާއޯ މަސްތާނީ
  • ކަންގަނާ ރަނާވަތު – ޓަނޫ ވެޑްސް މަނޫ ރިޓާންސް

"ބާޖީރާއޯ މަސްތާނީ" ގައި ލީޑް ރޯލެއް އަދާކޮށްފައިވާ ޕްރިޔަންކާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑަށްވެސް ނޮމިނޭޓް ވެފައެވެ. އެ އެވޯޑަށް އޭނާއާއެކު ވާދަކުރަނީ ހުމާ ގުރޭޝީ އާއި ކޮންކަނާ ސެން ޝަރްމާ ގެ އިތުރުން ތަންޒީ އަޒްމީ އަދި އަނުޝްކާ ޝަރުމާއެވެ.

ފިލްމު، "ބާޖީރާއޯ މަސްތާނޯ" ގެ ފަހަތުން އައިފާގެ އެވޯޑުތަކަށް ވާދަކުރާ އަނެއް ފިލްމަކީ، ސަލްމާން ޚާންގެ ފިލްމު، "ބަޖްރަންގީ ބައިޖާން" އެވެ. އެ ފިލްމު ވަނީ ހަތް އެވޯޑަކަށް ނޮމިނޭޓްވެފައެވެ.

ވާހަކަ ނުދެއްކޭ ހަ އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ޕާކިސްތާނަށް ދިއުމަށްކުރާ ދަތުރެއްގެ މައްޗަށް ހަދާފައިވާ އެ ފިލްމުގައި ސަލްމާން ދައްކާފައިވާ އެކްޓުން، އޭނާ ވަނީ އެންމެ މޮޅު ބަތަލްގެ އެވޯޑަށް ނޮމިނޭޓް ވެފައެވެ.

އެންމެ މޮޅު ބަތަލްގެ އެވޯޑަށް ނޮމިނޭޓްވެފައިވާ ތަރިން:

  • ސަލްމާން ޚާން – ބަޖްރަންގީ ބައިޖާން
  • އަމީތާބް ބަޗަން – ޕީކޫ
  • ރަންބީރު ކަޕޫރު – ތަމާޝާ
  • ރަންވީރު ސިންގް - ބާޖީރާއޯ މަސްތާނީ
  • ވަރުން ދަވަން - ބަޑްލަޕޫރް

ފިލްމު، "ބަޖްރަންގީ ބައިޖާން" ގައި ނަވާޒުއްދީން ސިއްދީގު އަދާކޮށްފައިވާ ރޯލުން އޭނާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރާއި ކޮމިކް ރޯލަކުން އެންމެ މޮޅު އެކްޓެއް ދެއްކި މީހަކަށްދޭ އެވޯޑަށް ނޮމިނޭޓްވެފައެވެ. ނަވާޒުއްދީންއާއެކު ސަޕޯޓިން އެކްޓަރުގެ އެވޯޑަށް ވާދަކުރަނީ އިރްފާން ޚާން އާއި އަނިލް ކަޕޫރުގެ އިތުރުން ދީޕަކް ޑޮބްރިޔާލް އަދި ފަރްޚާން އަކްތަރެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރި ނޮމިނޭޝަންތަކުގެފުލް ލިސްޓުމިއޮތީ އެވެ.