ދުނިޔޭގެ މަޝްހޫރު ދެ ޓެކްނޮލޮޖީސް ކުންފުނި ފޭސްބުކްއާއި މައިކްރޮސޮފްޓް ގުޅިގެން، އެޓްލާންޓިކް ކަނޑު ހުރަސްކޮށް ހައިސްޕީޑް އަންޑަސީ ކޭބަލެއް އަޅާނެކަން، އެ ދެ ކުންފުނިން އިއުލާން ކޮށްފި އެވެ.

"މަރެއާ"ގެ ނަމުން ވަގުތީ ގޮތުން ނަން ދެވިފައިވާ މި ހައިސްޕީޑް ކޭބަލް އެޅިގެން ދާނީ، އެމެރިކާގެ އިރުމަތީގައި އޮންނަ ވާޖިނިއާ ސްޓޭޓުން ފެށިގެން، އެޓްލާންޓިކް ކަނޑު ހުރަސްކޮށް، ސްޕެއިންގެ ބިލްބާއޯ ސިޓީއަށެވެ. އަދި، އެފްރިކާ، މެދު އިރުމަތި، އޭޝިއާ އަދި ވިލާތުގެ އެހެނިހެން އިންޓަނެޓް ހަބްތަކަށް މި ކޭބަލް ދާނީ ބިލްބާއޯ ތެރެއިންނެވެ. ކަނޑު އަޑިން، އެމެރިކާ އާއި ސްޕެއިން ގުޅުވައިދޭ މި ކޭބަލްގައި 6،600 ކިލޯ މީޓަރުގެ ދިގުމިން ހުންނާނެ އެވެ.

މަރެއާ ކޭބަލްގައި އަށް ފައިބާ ޕެއާ ހުންނަ އިރު، އޭގެ އެސްޓިމޭޓް ޑިޒައިނަށް ބަލާ އިރު، ސިކުންތަކު 160 ޓެރަބައިޓުގެ ޑޭޓާގެ ކެޕޭސިޓީ ހުންނާނެ އެވެ. މިއީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެޅިގެންދާ އެންމެ ބޮޑު ކެޕޭސިޓީގެ އަންޑަސީ ކޭޕަލް ކަމަށް ފޭސްބުކްއާއި މައިކްރޮސޮފްޓުން ބުނެ އެވެ.

މި ކޭބަލްގެ މަސައްކަތް މި އަހަރުގެ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ އިރު، މި މަޝްރޫއު ނިންމާލެވޭނީ 2017 ގެ އޮކްޓޫބަރު މަހަށެވެ. ކޭބަލް އަޅާ ނިމުމުން އެ މެނޭޖުކޮށް، އޮޕަރޭޓު ކުރާނީ ސްޕެއިންގެ ޓެލްކްސިއަސް ކުންފުނިންނެވެ.

ފޭސްބުކާއި މައިކްރޮސޮފްޓުން މި ކޭބަލް އެޅުމަށް ނިންމީ، އެ ދެކުންފުނީގެ ކްލައުޑް އަދި އޮންލައިން ޚިދުމަތްތަކަށް ޔޫޒަރުންނަށް ފަސޭހަ، އަދި ރަނގަޅު އެކްސެސްއެއް ދިނުމަށެވެ.