ފޭސްބުކް އިން ރީތި އަންހެން ކުއްޖެއް ފެނުމާ އެކު އެޑްކޮށްފި އެވެ. އެއާ އެކު ޗެޓް ކުރަންފަށި އެވެ. ގިނައިން ވާހަކަ ދެެކެވުނު ވަރަކަށް އެކެއް އަނެކެއްގެ ޒާތީ މައުލޫމާތުތައް އޮޅުންފިލުވާން ފެށި އެވެ. އަންހެންކުއްޖާ ސުވާލުގިނަ އެވެ. ފިރިހެން ކުއްޖާދޭ ޖަވާބު އެހާމެ މޮޅެވެ. މުޅިންހެން ދިޔައީ ދޮގުހަދައި އޮޅުވާލަމުންނެވެ. ބޭނުމަކީ އަންހެން ކުއްޖާގެ ކުރިމަތީގައި ވަރަށް މޮޅުމީހަކަށްވުމެވެ. އެހެންކަމުން ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އަދި އަމިއްލަ ވިޔަފާރިކުރާ މީހަކަށް ވެގެން ގުޅުން ކުރިއަށްގެންދިޔައީ އެވެ.

އެ ގުޅުން އެހެން ކުރިއަށްގޮސް އެކަކު އަނެކަކާއި ނުލައި ނޫޅެވޭ ހިސާބަށް ކަންކަން ދިޔަ އެވެ. ހަމަ އެއޮޅުވާލުންތަކާ އެކު އެވެ. އެ ގުޅުން ކުރިއަށްގެންދިޔައީ އިންތިހާއަށް ދޮގުހަދައި ދެއްކުންތެރިކަމާ އެކު އެވެ. މާކަ ގިނަ ދުވަހެއްނުވެ އެވެ. ފަހަރަކު ކަމެއް ފަހަރަކު ކަމެއް ފަޅާއަރަމުންގޮސް އެނގުޅުން ނިމުމަކަށް އައީ ވަރަށްވެސް ހަޑިގޮތަކަށެވެ. އެއީ އެތައް ބަޔަކަށް ބޭޒާރު ވެގެންނެވެ.

އެ އަންހެން ކުއްޖާ ކާމިޔާބު ކުރުމަށް ހަދަން ފެށި ދޮގުތަކާ އެކު އެފިރިހެން ކުއްޖާ މިހާރު ވަނީ ދޮގުގެ އަޅަކަށްވެފަ އެވެ. ތެދެއް ހެދުމަކީ މިއަދު އޭނާ އަށް އުނދަގޫކަމަކަށްވި އެވެ. އަންހެން ކުއްޖާއަށް ޓަކައި ހަދަން ފެށި ދޮގުތައް އެންމެ ފަހުން ރައްޓެހިންނާއި މައިންބަފައިން ކައިރިވެސް ހަދަންފެށި އެވެ. މުޅި މީހާ ދޮގުވެރިއަކަށްވި އެވެ.

ދޮގުހެދުން ހައްދުފަހަނަ އެޅުމަކީ ބައްޔެއް

މަޖަލަކަށް ނުވަތަ މަސްލަހަތަށް ޓަކައި މަދުން ނަމަވެސް މީހުން ދޮގުހަދަ އެވެ. ނަމަވެސް މި ރިޕޯޓްގައި މިދައްކަނީ އެކަން ހައްދު ފަހަނައަޅާފައިވާ މީހުންގެ ވާހަކަ އެވެ. އެފަދަ މީހުންނަށް ނަފްސާނީ އިލްމުވެރިން ކިޔަނީ "ކޮމްޕަލްސިވް ލައިން ޑިސް އޯޑާ" ޖެހިފައިވާ ފަރާތްތައް ކަމަށެވެ.

އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓަރު އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވި ގޮތުގައި އެ ބަލި ޖެހިފައިވާ ފަރާތްތަކުުން އަބަދު ދޮގުހަދާނެ އެވެ. ކިތަންމެ ކުޑަކަމެއްގައި ވިޔަސް އޮޅުވާލާނެވެ.

އެފަދަ މީހުން އަބަދު ދޮގުހަދާ ސަބަބުތަކުގެ ތެރޭގައި މީހެއްގެ ނުވަތަ ބައެއްގެ ސަމާލުކަން ހޯދުމަށާއި މަޝްހޫރުވުން ހިމެނެ އެވެ. ނުވަތަ އަނެއް މީހާ ނުވަތަ ބައެއްގެ މައްޗަށް ގަދަވެގަންނަންވެސް އެގޮތަށް ދޮގުހަދަ އެވެ. ހަމައެހެންމެ އަމިއްލަ ފެއިލްވުމުން އެކަން އޮޅުވާލުމަށް ވެސް ދޮގުހަދަ އެވެ. މިކަން ބައްޔަކަށްވާ ހިސާބަކީ އިންތިހާއަށް ދޮގުހެދުމެވެ.

"މިކަން ބަލިމަޑުކަމަކަށް މިވަނީ އެކަމުން އޭނާ އަށް އަރައިނުގަނެވުނީމަ، މީހުން ދޮގުހަދާނެ މަޖަލަކަށް ވިޔަސް، މިބުނީ އެއީ ރަނގަޅު ކަމެކޭ ނޫން، އެކަމަކު މިކަލަ މީހުން މުޅި ދިރިއުޅުން ބައްޓަންވެފައި ވަނީ ދޮގުގެ މައްޗަށް،" ސައުދާ ވިދާޅުވި އެވެ.

އެފަދަ މީހުންގެ ތަފާތު އެހެންކަމެއްވެސްވެ އެވެ. އެއީ ނުހިނގާ ކަންކަން އެއީ ހިނގިކަންކަމަށް އެމީހުން ގަބޫލްކޮށް އެވާހަކަތައް މީހުންނަށް ކިޔައިދިނުމެވެ. އެ ވާހަކަތައް އެމީހުން ކިޔައިދޭ އިރު މީހަކު އެވާހަކަ ގަބޫލުކުރާނެ ހުރިހާ ހެކިތަކެއް ދައްކަ އެވެ. އެހަދަނީ ދޮގެކޭ ހީ ނުކުރާ ވަރަކަށް ވާހަކަ ހަދައި ދައްކަ އެވެ.

"ޕެތަލޮޖިކަލް ލަޔާސްއަށް ވާގޮތަކީ އެ މީހުންގެ މި އަންނަނީ ފޯލްސް މެމޮރީ ސިމްޑަމްސް ކިޔާ އެއްޗެއް، އެއާ އެކު ކުރީގައި ނުހިނގާކަމެއް އޭނާ އެކަން އަމިއްލައަށް މޭކަޕްކޮށްފައި ގަބޫލު ކުރަނީ ހިނގިކަމަށް، ދެން އޭތި އެހެން މީހުން ކައިރި ކިޔާދޭއިރު ވަރަށް އަސްލުވާނެ،" ނަފްސާނީ އިލްމުވެރިޔާ ސައުދާ ވިދާޅުވި އެވެ.

ގިނަފަހަރަށް އެކަން ދިމާވަނީ ބައެއް ނަފްސާނީ މައްސަލަތަކާއި ގުޅިގެންނެވެ. އެގޮތުން ނަފްސާނީ މައްސަލަތައް ކަމަށްވާ އެހެން މީހުން ނިންމާ ހުރިހާ ކަމަކަށް އިދިކޮޅު ހެދުމާއި ތިމާއަކީ އެންމެ މޮޅު މީހާ ކަމަށް ދެކުމުގެ އިތުރުން މީހުންނާއި ޖައްސާލައިގެން އުޅުން ހައްދުފަހަނަ އަޅާފައިވާމީހުންނަށް އެބަލިޖެހެ އެވެ.

މީހާ ނަރަކައަށް ހުށައެޅޭ ފާފައެއް

ތެދުވެރިކަމަށް އިސްލާމް ދީން ބާރު އަޅަ އެވެ. ޝެއިހް ޙަސަން މޫސާ ފިކުރީ ވިދާޅުވީ، ދޮގުހެދުމުގައި ދެމިހުރެއްޖެ ނަމަ ﷲގެ ހަޒުރަތުގައި އެމީހަކީ ދޮގުވެރިއެއް ކަމަށް ލިޔުއްވޭނެ ކަމަށާއި އެއީ ވަރަށް ނުބައި ދަރަޖައަކަށް ދިއުން ކަމަށެވެ. އެހާ ހިސާބަށް ދިއުމުން އޭނާ ދިރިއުޅުން އެ ވަނީ އެކަންކަމަށް ސަލާމަތް ނުވެވޭ ކަންކަން ކަމަށާއި ދުލަށް ރައްކާތެރިނުވުމަކީ ނަރަކައަށް ދިއުމަށް މަގުފަހިވާކަމެއް ކަމަށް ވިދާޅުވި އެވެ.

"ރަސޫލާގެ ހަދީސެއްގައި ވަނީ ތިޔަބައި މީހުން ދޮގުހެދުމުން އެއްކިބާވާށޭ ދޮގުހެދުން މަގުފަހިކޮށްދެނީ ނުބައި ކަމަށޭ، އަދި ނުބައިކަންތައްތައް މަގުފަހިކޮށްދެނީ ނަރަކައަށޭ. މީހަކު ދޮގުހެދުމުގައި ދެމިހުރެ ﷲތައާލާ ހަޒުރަތުގައި އެ މީހަކީ ކަށްޒާބެކޭ، އޭގެ މާނައަކީ ގިނަގިނައިން ދޮގުހަދާ މީހެއްގެގޮތުގައި ލިޔުއްވުމަށް ދާންދެން." ފިކުރީ ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

ދޮގުހެދުން ކަށީގައި ހިފާފައިވުމުން އެކަމަށް ފަރުވާ ކުރަންޖެހެ އެވެ. އަދި ދީނީ ފަރުވާ ވެސް ހޯދަންޖެހެ އެވެ. އެގޮތުން ސިއްހީ ގޮތުން ބަލާއިރު ނަފްސާނީ އިލްމުވެރިޔާ ސައުދާ ވިދާޅުވީ އެފަދަ ފަރާތްތަކަށް ދޭ ބޭހެއް ނުހުންނަ ކަމަށާއި އެކަން ރަނގަޅު ކުރެވޭނީ މީހާގެ ނަފްސު ކޮންޓުރޯލް ކުރަން ބުނެދޭ ކޮގްނަޓިވް ބިހޭވިއާ ތެރަޕީ (ސީބީޓީ) ފަދަ ތެރަޕީތައް ދީގެން ކަމަށެވެ.

އެފަދަ ކަންކަަމަށް ހޯދެން އޮތް އެންމެ ރަނގަޅު ހައްލަކީ ދީނީ އިރުޝާދުތަކުގެމަތިން އަމަލު ކުރުމެވެ. ޝެއިހް ފިކުރީ ވިދާޅުވީ އެކަންކަމުން ސަލާމަތްވުމަށް ﷲ ތައާލާއަށް ޒިކުރުކުރުން ގިނަކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހެނދުނާއި ހަވީރުގެ ޒިކުރުތައް ކުރުމާއި ފަރުޟު އަދި ސުންނަތް ނަމާދުތަކަށް ރައްކާތެރިވުމަކީ އެފަދަ ފާފަތަކުން ސަލާމަތްވެވޭނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

ދޮގުހެދުން އިންތިހާއަށް އާންމުވެ އެކަމާއި ނުލައި ނޫޅެވޭ ހިސާބަށް އެތައްބައެއްގެ ހާލަތު މިވަނީގޮސްފަ އެވެ. މިއީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ހަރާމް ކުރައްވާފައިވާ ކަމަކަށްވާއިރު މިކަމުން ސަލާމަތްވާންޖެހެ އެވެ. އެހެންކަމުން ދީނުގައި އަންގާފައިވާގޮތަށް އަމަލުތައް ކުރުމާއި މިބައްޔަށް ފަރުވާ ވެސް ހޯދަންޖެހެ އެވެ.

-------------------------------------------------------

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ ފަންނީ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.