މި އަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓަށް ކުރިއަރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކުރާ އަދަދު އެއަށްވުރެ ދަށްވެއްޖެ އެވެ.

އެ އިދާރާއިން ބުނަނީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 3.5 ޕަސެންޓަށް ކަމަށެވެ.

މިއަހަރު ދައުލަތުގެ ބެޖެޓް ހުށަހަޅަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައިވަނީ، މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 6.4 ޕަސެންޓް ކަމަށެވެ. އެ ކުރިއެރުން މައިގަނދު ގޮތެއްގައި އަންނާނީ އިމާރާތްކުރުމުގެ ދާއިރާ އިން ކަމަށް ލަފާކޮށްފައިވެ އެވެ.

ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތާއި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށްފަހު މިމަހުގެ 13 ވަނަ ދުވަހު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދު ގިނަ އަހަރުތަކެއް ވަންދެން އަވަށްޓެރި ގައުމުތަކަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އައިސް، 2015 ވަނަ އަހަރު އެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.

އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތު މިދިޔަ އަހަރު ދަށަށް ދިއުމާ ގުޅިގެން އެ އަހަރު އިގްތިސާދު ކުރިއަރާފައިވަނީ 1.5 ޕަސެންޓް ކަމަށް ބުނެފައިވެ އެވެ.

އައިއެމްއެފް އިން މިއަހަރު ނިމޭއިރު ގައުމީ އުފެންދުންތެރިކަން 3.5 އިން އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ސިނާއަތު ރަނގަޅުވާނެ ކަމަށް ލަފާކޮށްފައެވެ.

ނަމަވެސް، އޭޝިއާ ގެ ގައުމުތަކުގެ އިގްތިސާދު ކުރިއެރުމެއް އޮތް ރިސްކުތަކުގެ ސަބަބުންނާއި އަދި ކުރިއަށްދާ ބޮޑެތި އުމްރާނީ މަޝްރޫއުތަކުން ލިބޭނެ ކަމަށް ލަފާކުރެވޭ ފައިދާ ހާސިލް ނުވެއްޖެނަމަ އިގްތިސާދުގެ ކުރިއެރުމަށް ދަށްވާނެ ކަމަށް ބުނެފައިވެ އެވެ.

އައިއެމްއެފް އިން ބުނީ، ދައުލަތުގެ ދަރަނި ހުރި މިންވަރު މަތި ކަމަށާއި އަދި ދަރަނި މައްޗަށް ދާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، 2015 ވަނަ އަހަރުގެ ބަޖެޓްގައި ހަރަދުކުޑަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި ދައުލަތަށް ލިބިފައިވާ އާމްދަނީ އެކަށީގެންވާ ވަރަށް ރަނގަޅުވުމުން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ދަށްވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދޫދެވިފައިވާ މަނިޓަރީ ސިޔާސަތެއް ގެންގުޅެފައިވާކަން އެ އިދާރާ އިން ފާހަގަކޮށްފައިވެ އެވެ. އަދި ބޭންކުތަކުން އަމިލް ސެކްޓާއަށް ލޯނުދޫކުރާ މިންވަރު ކުރިއަށްވުރެ އިތުރުވާން ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.

ބައިނަލްއަގްވާމީ އެންމެ ބޮޑު މާލީ އިދާރާ އިން ބުނީ، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިންފުލޭޝަން ކުރިއަށް އޮތްތަނުގައި ވެސް ދަށްކޮށް ހިފެހެއްޓިފައި ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ ބެޖެޓް ސިޔާސަތު މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ ކެޕިޓަލް ހަރަދުތަކުގެ ތެރެއިން އެންމެ މުހިއްމު ހަރަދުތަކަށް އިސްކަމެއްދީ ކަރަންޓް ހަރަދުތައް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކަށް އަޅުމަށާއި ހަރުދަނާ އުސުލުތަކެއްގެ ދަށުން ހިންގަމުންދާ ޓެކްސްގެ ނިޒާމުގެ ތެރެއިންނާއި ޓެކްސް ކުރެވޭ ފަރާތްތައް އިތުރުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރެވިދާނެ އާ ގޮތްތަކެއް ހޯދަން ލަފާ ދީފައިވެ އެވެ.