14 May 2011, 07:46
ރޯމް : ރައްޔިތުންގެ އުތުރިއެރުމާއި އަހުލީ ހަނގުރާމަ އާއި ނޭޓޯގެ ވައިގެ ޙަމަލާތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފައިވާ ލީބިޔާގެ ޒަޢީމް މުޢައްމަރުލް ޤައްޒާފީ، ޓްރިޕޮލީގައި ހުންނަ ބާބުލް ޢަޒީޒިއްޔާ ކޭންޕް ދޫކުރެއްވުމަށްފަހު އެހެން ކޮންމެވެސް ތަނަކަށް ވަޑައިގެންފިކަމުގެ ވަރަށް އިތުބާރު މަޢްލޫމާތުތަކެއް ލިބިއްޖެ ކަމަށް އިޓަލީގެ ޚާރިޖީ ވަޒީރު ފްރަންކޯ ފްރަޓީނީ ވިދާޅުވެއްޖެ އެވެ.
އިޓަލީގެ ޓުސްކާނީ ގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ފްރަޓީނީ ވިދާޅުވީ ޓްރިޕޮލީގައި ހުންނަ އިޓަލީގެ ނަސާރާ ކެތަލިކް ފައްޅީގެ އިސްފާދިރީ ޖިއުފާނީ އެނުޗިންޒޫ އޭނާއަށް ޚަބަރު ކުރެއްވި ގޮތުގައި، ބާބުލް ޢަޒީޒިއްޔާ ކޭންޕް ދޫކުރެއްވުމަށްފަހު ޓްރިޕޮލީން ބޭރު ހިސާބަކަށް ގައްޒާފީ ފިއްލަވައިފި އެވެ.
އިސްފާދިރީ ޖިއުފާނީ އަކީ ލީބިޔާގެ ޢާންމުން ޙިމާޔަތް ކުރުމުގެ ނަމުގައި ނޭޓޯއިން ލީބިޔާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކާ ވަރަށް އިދިކޮޅު އަދި އެހަމަލާތަކާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލަވާ ބޭފުޅެކެވެ.
ނޭޓޯގެ ޙަމަލާތަކުގައި ލީބިޔާގެ ޢާންމު ރައްޔިތުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށްވެސް ޓްރިޕޮލީގައި ދިރިއުޅުއްވާ އިޓަލީގެ އިސްފާދިރީ ޖިއުފާނީ ވިދާޅުވި އެވެ. ނޭޓޯއިން ގައްޒާފީގެ ބާބުލް ޢަޒީޒިއްޔާ ކޭންޕަށް ދާދިފަހުން ދިން ހަމަލާތަކެއްގައި ގައްޒާފީއަށް ކާފަވިދާޅުވާ ކުޑަ ތިން ކުއްޖަކާއި ގައްޒާފީގެ ހަގު ދަރިކަލުން ސައިފުލް ޢަރަބް އަވަހާރަވެފައިވާކަން ލީބިޔާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ގައްޒާފީ، ޓްރިޕޮލީ ދޫކުރައްވައި ވަޑައިގެންނެވި ތަނަކާބެހޭ މަޢްލޫމާތު ލިބިފައި ނުވިޔަސް ނޭޓޯގެ ޙަމަލާއެއްގައި ގައްޒާފީ ޒަޚަމްވެވަޑައިގެންފައިވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް އިޓަލީގެ ޚާރިޖީ ވަޒީރު ފްރަޓީނީ ވިދާޅުވި އެވެ. ނަމަވެސް މިކަން ކަށަވަރުކޮށްދެއްވުމަށް ފްރަޓީނީ އުޒުރުވެރިވެ ވަޑައިގެންނެވިއެވެ.
ގައްޒާފީގެ ސަރުކާރުގެ ތަރްޖަމާން މުސާ އިބްރާހީމް، ފްރަޓީނީ ގެ ވާހަކަތަކަށް ރައްދު ދެއްވައި ގައްޒާފީ ގަދަވެ ހެޔޮހާލުގައި ޓްރިޕޮލީގައި ހުންނެވިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި ލީބިޔާގެ ރަސްމީ ޓީވީންވެސް ވަނީ ގައްޒާފީގެ ވީޑިޔޯއެއް ދައްކާފައެވެ. ނަމަވެސް މިއީ މީގެ ދެދުވަހެއް ކުރިން ރެކޯޑް ކޮށްފައިވާ ވީޑިޔޯއެއް ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.
ގައްޒާފީ އަވަހާރަކޮށްލުމުގެ އެއްވެސް ރޭވުމެއް ނެތްކަމަށް ތަކުރާރުކޮށް ބުނަމުންގެންދާ ނޭޓޯއިންވަނީ ޢަސްކަރީ ބޯޓުތައް ބޭނުންކޮށްގެން ގައްޒާފީގެ ކޭންޕަށް ވައިގެ އެތަށް ހަމަލާތަކެއްދީފައެވެ. ގައްޒާފީގެ ދަރިކަލަކާއި ކާފަ ތިން ދަރިކަލަކު އަވަހާރަވީވެސް ނޭޓޯގެ މިފަދަ ވައިގެ ހަމަލާތަކެއްގައެވެ. -- ބީބީސީ