ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ވިއްކާ ތެޔޮ، ރައްކާކުރާ މިންވަރު އިތުރު ކުރުމަށް އެކުންފުނިން ކ. ފުނަދޫގައި ފަށާފައިވާ މަޝްރޫއުއަށް ޖުމުލަ 35 މިލިއަން ޑޮލަރު ހަރަދުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަންޓީވީގެ "50 މިނެޓު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެ މަޝްރޫއަށް 35 މިލިއަން ޑޮލަރު ހަރަދުވެގެން ދަނީ ހަމައެކަނި ތެޔޮ ރައްކާކުރާ ޓޭންކަރު ގަތުމަށް ނޫން ކަމަށެވެ.

"އެއީ ސްޓޯރޭޖު ބިލްޑު ކުރުމާއި ބާތިން ރަނގަޅު ކުރުމާއި ފުނަދޫގެ ފަޔާ އެންޑު ސޭފްޓީ ރަނގަޅު ކުރުމާއި ޓޭންކަރު ގަތުމަށާއި އެއްކޮށް މުޅި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު ހަރަދުވާނެ،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ ތެޔޮ ވިއްކުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަކީ އެ ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް ބޭނުންވާ އިންފްރާސުޓްރަކްޗާ ލޮޖިސްޓިކުސް އަދި މޭން ޕަވާ އުފެއްދުން ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުންޏަށް ލިބޭ ފައިދާ އެއް ދުވަހުން އަނެއް ދުވަހު އިތުރު ކުރެވޭނީ ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ކުރެވޭނެ ވަސީލަތްތައް އުފެއްދިގެން ކަމަށެވެ.

"ފިއުލް އެކްސްޕޭންޝަން (ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުން) ޓޭންކަރަކީ މި ދެންނެވި ކަހަލަ ކަންތައްތަކުގެ ތެރެއިން އެއް ކޮމްޕޯނެންޓު. އަޅުގަނޑުމެން މިދަނީ ފުނަދޫގައި އެ ސްޓޯރޭޖު ޑަބަލް ކުރުމުގެ މަސައްކަތް ކުރަމުން. އެ މަސައްކަތް މިހާރު ވަނީ ބަޔަކަށް ހަވާލު ކުރެވިފައި. މިއަހަރުގެ ނިޔަލަށް ސްޓޯރޭޖު ކެޕޭސިޓީ ބިލްޑުކޮށް ނިމި މިހާރު އަޅުގަނޑުމެން ގެންގުޅޭ ޓޭންކަރަށް ވުރެ 30،000 ޓަނު އިތުރު ޓޭންކަރެއް އަޅުގަނޑުމެން ގެންނާނަން،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ޓޭންކަރަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޓޭންކަރު ގަނެވޭވަރު ވާނެ ކަމަށެވެ.