އަންނަ މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ގައުމީ ޓީމުން ކާކާ އަށް ފުރުސަތު ދީފިއެވެ.

މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގެ ކްލަބް އޯރލެންޑް ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރަށް ބްރެޒިލް ގައުމީ ޓީމުން ފުރުސަތު ލިބުނީ، ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޑަގްލަސް ކޮސްޓާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ.

ކޮސްޓާއަކީ ޕެޕް ގާޑިއޮލާގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކަށް މިދިޔަ ސީޒަންގެ ބުންޑެސްލީގާއާއި ޖަރމަން ކަޕް ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ކުރިން ރެއާލް މެޑްރިޑާއި އޭސީ މިލާނަށް ވެސް ކުޅެފައިވާ މިހާރު އުމުރުން 34 އަހަރުގެ ކާކާ ވަނީ ބްރެޒިލް ގައުމީ ޓީމަށް 91 މެޗު ކުޅެ، 29 ގޯލް ކާމިޔާބުކޮށްދީފައެވެ. އެހެން ނަމަވެސް ތިން އަހަރު ދުވަހުގެ ތެރޭގައި އޭނާ ގައުމީ ޓީމަށް ކުޅެފައިވަނީ 60 މިނިޓެވެ.

ބްރެޒިލްގެ ކޯޗުކަމާ 2014 ވަނަ އަހަރު، ޑުންގާ ހަވާލުވި ފަހުން ކަކާއަކީ ގައުމީ ސްކޮޑުން ޖާގަ ލިބޭ، އެހެން ނަމަވެސް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބޭ ކުޅުންތެރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކަކާ ވަނީ، 2007 ވަނަ އަހަރު ފީފާ ބެލޮންޑޯ އެވޯޑް އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ކޮޕާ އެމެރިކާއަށް 100 އަހަރު ފުރުން މިއަހަރު ފާހަގަކުރާ އިރު، މިފަހަރުގެ މުބާރާތުގައި ބްރެޒިލް ލައްވާލާފައި ވަނީ އިކުއެޑޯ، ހައިޓީ އަދި ޕެރޫއާކު ގްރޫޕް "ބީ"ގައެވެ.

މިފަހަރުގެ މުބާރާތުގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ނުކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ.