27 May 2016, 20:13
ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އެދާއިރާއިން ފަރުވާ ދިނުމުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޭންޖެހޭ ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބުނެފިއެވެ.
މޯލްޑިވްސް އެެލައިޑް ހެލްތު ކައުންސިލުން ބުނެފައިވަނީ ސައިކޮލިޖިސްޓެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާއެކު، ސައިކޮލޮޖީގެ ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮންނަންޖެހެއެވެ. "ސައިކޮލޮޖިސްޓްސް އެސިސްޓެންޓް"ގެ ވަގުތީ ހުއްދަ މިދިޔަ އޭޕްރީލްގެ ގުރެޖުއޭޓްވި ފަރާތްތަކަށް ނުލިބެއެވެ.
ޔުނިވާސިޓީގެ ސައިކޮލޮޖީ ޑިޕާޓްމެންޓުގެ ހެޑް އައިޝަތު ޝަނޫރާ މިއަދު ސަން އަށް ވިދާޅުވީ ސައިކޮލޮޖީ ދާއިރާއިން ބެޗްލާސް ޑިގްރީ ނަގާފައިވާ ކުދިންނަކީ އެދާއިރާއިން މަސައްކަތް ކުރެވޭނެ ފެންވަރު ހުރި ކުދިން ކަމަށާއި އެކުދިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
"ސައިކޮލޮޖިސްޓެއްގެ ގޮތުގައި ނޫނަސް އެސިސްޓެންޓް ސައިކޮލޮޖިސްޓެއްގެ ގޮތުގައި އަސްލު އެކުދިންނަށް ޕުރެކްޓިސްކުރެވޭނެ، އެކުދިންގެ ހުންނާނެ އެފެންވަރު ގައިމުވެސް." ޝަނޫރާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގެ ގައުމުތަކުގައިވެސް ބެޗްލާސް ޑިގްރީއާއެކު އެސިސްޓެންޓް ސައިކޮލިޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެވޭ ކަމަށާއި އެކުދިން މާސްޓާސް ހެދުމަށް ބޭނުންވާ ތަޖުރިބާ ހޯދުމަށްވެސް އެފުރުސަތު ދޭންޖެހޭކަމަށް ޝަނޫރާ ވިދާޅުވިއެވެ.
އެގަވާއިދު ހަދަން އުޅޭކަން އެނގިގެން މީގެ ކުރިންވެސް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާނެ ކަމަށާއި އެކަން ހައްލު ކުރުމަށް މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝަނޫރާ ވިދާޅުވިއެވެ.
ސައިކޮލޮޖިސްޓުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ސައިކޮލޮޖީގެ ދާއިރާއިން ބެޖްލާސް ޑިގްރީ ހަދާފައިވާ ފަރާތްތަކާއި މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަންއޮތީ މަޝްވަރާ ކުރަން ކަމަށެވެ. އެކަމާއި ގުޅޭގޮތުން އަންނަ ހަފްތާގެ ތެރޭގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.
ނަފްސާނީ ބައްޔަށް ފަރުވާދޭ، މޯލްޑިވްސް އިނިސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓުރެއިނިން އެންޑް ރިސާޗް(މިޕްސުޓާ) އާއި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިން ވަނީ އެ ދެ ކުލިނިކްގައި މަސައްކަތް ކުރާ ސައިކޮލޮޖިސްޓުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށްދޭތީ އެދެ ކުލުނިކް ހިންގުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ.
މީގެ 25 އަހަރު ކުރިން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާދެމުންދާ އަދި ރާއްޖޭގެ ފުރަތަމަ ކުލިނިކަލް ސައިކޮލޮޖިސްޓު ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ މިހާރު އުސޫލު އޮތްގޮތުން ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީ ނަގައިގެން އަންނަ ކުދިންނަށް އެދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުއްދަ ނުލިބޭ ކަމަށެވެ.
އެކުދިންނަކީ ސައިކޮލޮޖިސްޓުންގެ ސްޕަވިޝަންގެ ދަށުން މަސައްކަތް ކުރުމުގެ ފެންވަރު ހުރި ކުދިންކަމަށާއި އެކުދިން ބޭކާރު ކުރުމުގެ ބަދަލުގައި ކޮންމެވެސް ހުއްދައެއް ލިބެންޖެހޭ ކަމަށް ނާޒް ވިދާޅުވިއެވެ.
އައިސީޕީގެ ޓެކްނިކަލް ޑިރެކްޓަރު އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި ސައިކޮލޮޖިސްޓް ދާއިރާއިން އަލަށް ކިޔަވައިގެން އަންނަ ކުދިންނަށް އެސިސްޓެންޓް ސައިކޮލިޖިސްޓްގެ މަގާމު އުފައްދައިގެން ނުވަތަ އެހެން ނަމެއްގެ ދަށުން މަގާމެއް އުފައްދައިގެން ނަމަވެސް އެކުދިންނަށް އެދާއިރާ މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ސައިކޮލޮޖީ ދާއިރާއިން މާސްޓާސް ހަދާފައިވާ މީހުން ރާއްޖޭގައި މަދެވެ. ރާއްޖޭގައި ގިނައިން އުޅެނީ އެފަދަ ތަޖުރިބާކާރުންގެ ލަފާގެ މަތިން މަސައްކަތް ކުރާ ޑިގްރީ ފެންވަރުގެ މީހުންނެވެ.