27 May 2016, 16:51
ރިޓަޔާޑް ކޮމިޝަނާ އޮފް ޕޮލިސް އާދަމްޒާހިރު އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ބައްދަލު ކުރައްވައި ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގައި އާދަމް ޒާހިރުގެ ފަންނީ އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުގެ ދައުވަތަަކަށް ރިޓަޔަރަޑް ކޮމިޝަނާ އޮފް ޕޮލިސް އާދަމް ޒާހިރު ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ވަޑައިގެން ސީޕީ އަރީފާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަރީފު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައިވި މުހިއްމު ދަނޑިވަޅުގައި މުޅި މުއައްސަސާގެ ހިންގުން ހަރުދަނާ ކުރައްވައި މުހިއްމު ބަދަލުތަކެއް އާދަމް ޒާހިރު އެ މުއައްސަސާއަށް ގެންނެވި ކަމަށެވެ.
އޭރު އާދަމް ޒާހިރުގެ މޭސްތިރިކަމުން ގެނެސްދެއްވި ބަދަލަކީ ވަރަށް މުހިއްމު އަދި އެހާމެ ހަރުދަނާ ބަދަލުތަކެއް ކަމަށާއި މިއަދުވެސް ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގައި އެފަދަ ރޭވުންތެރިކަމާއި ހިކުމަތްތެރިކަން ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ކަމުގައިވެސް ސީޕީ އަރީފު ވިދާޅުވިއެވެ.
ސީޕީ އަރީފު ވަނީީ މިހާރު ފުލުހުންގެ މުއައްސަސާއަށް ގެންނަމުންދާ ހެޔޮ ބަދަލުތަކަށް ފަންނީ އެހީތެރިކަން ދެއްވައި ހިދުމަތް ދެއްވުމަށް ރިޓަޔާޑް ކޮމިޝަނާ އޮފް ޕޮލިސް އާދަމް ޒާހިރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި ރިޓަޔާޑް ކޮމިޝަނާ އޮފް ޕޮލިސް އާދަމް ޒާހިރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް އަދި މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެމަނިކުފާނުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާ މިންވަރެއްގައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އެދުމަކަށް އަބަދުވެސް މަރުހަބާ ވިދާޅުވާނެ ކަމަށާއި ވަގުތު ވެވަޑައިގެންނެވި ވަރަކުން އެދިވަޑައިގަތް ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.