27 May 2016, 15:44
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެކަމުގެ ސަބަބުން އެ ސަރަހައްދަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"މިއީ އެއްވެސް ކޮޅިގަނޑެއް ނުވަތަ ތޫފާނެއްގެ ވިއްސާރައެއް ނޫން. މިއީ ހަމަ ހުޅަނގު މޫސުމުގެ ވިއްސާރަ." އޮފިޝަލު ވިދާޅުވި އެވެ.
ހުޅަނގު މޫސުން ރާއްޖެ އަށް ފެށިފައި ވަނީ މި މަހުގެ 9ވަނަ ދުވަހު އެވެ.
މެޓު އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި އެއްވެސް ރަށަކަށް އުދަ އަރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުއްޓާނުލާ ވާރޭ ވެހުމުގެ ސަަބުބުން ބައެއް ރަށްރަށުގައި ފެންބޮޑުވެ ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. މެޓް އޮފީހުން ބުނި ގޮތުން އެއީ ތޫފާން "ރޯނު"ގެ ސަބަބުން ކުރި ވިއްސާރަ އެކެވެ. އޭރު މެޓު އޮފީހުން ބުނެފައިވަނީ ރޯނު ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާ ކަމަށެވެ.