ތ. ވިލިފުށިން ފުރައިގެން މާލެދަތުރުކުރި ބޯޓެއް މާލެ އަތޮޅު ފުށިދިއްގަރު ފަރަށްއަރައި ބޯޓަށް ގެއްލުންތައް ލިބިއްޖެ އެވެ.

ކުޑަކުދިންނާއި އަންހެނުންވެސް ތިބި "އޮޅުވާލި" ނަމަކަށް ކިޔާ ބޯޓު ފަރަށް އަރާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން ބުނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި މި ހާދިސާ ހިނގިއިރު މިބޯޓުގައި 12 މީހުން ތިބ އިރު ހަތް އަންހެނުންނާއި، ދެ ކުޑަކުދިންނާއި އަދި ތިން ފިރިހެނުން މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އެއިން މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މިހާރު މި ބޯޓު ވަނީ މިރޭ ފުންކޮށްފަ އެވެ. ފުންކުރީ ބޯޓުގެ ވެރިފަރާތުން ފޮނުވި ޓަގެއްގެ އެހީގަ އެވެ. ނަމަވެސް ބޯޓުގެ ތެރޭގައި ހުރި ގޭސްފުޅިތައް އަޑިއަށް ދިއުމަށްފަހު މައްޗަށް އަރައި އެ ސަރަހައްދަށް ފެތުރިފައިވާތީ ދަތުރުވެރިން ވަރަށް ބޮޑަށް ސަމާލުވުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފަ އެވެ.