ހިރޮޝީމާ (މޭ 27) : މީގެ 71 އަހަރު ކުރިން އެމެރިކާ އެޓޮމްބޮން އެޅި ޖަޕާނުގެ ދެރަށުގެ ތެރެއިން އެއްރަށް ކަމަށްވާ ހިރޮޝީމާއަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޒިޔާރަތް ކުރައްވައި އެރަށުގެ ސުލްހައިގެ ހަނދާނީ ޕާކުގައި މާބޮނޑިއެއް ބާއްވަވައިފިއެވެ.

މިއީ އެމެރިކާގެ ރައީސަކު ހިރޮޝީމާއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މިޒިޔާރަތް ކުރެއްވީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭގެ އަރިހުގައެވެ. މިޒިޔާރަތަށްފަހުވެސް އޮބާމާވަނީ ޖަޕާން ރައްޔިތުންގެ ހައްގުގައި އެމެރިކާގެ އޭރުގެ ސަރުކާރުން ހިންގި މިބޮޑު ޖަރީމާއަށް މަޢާފް އެދުމަށް ދެކޮޅު ހައްދަވާފައެވެ. އެމެރިކާއިން ޖަޕާނުގެ ހިރޮޝީމާއަށް އެޓޮމް ބޮން އެޅީ 945 ވަނަ އަހަރުގެ އޮގްސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. އެބޮމުގެ ހަމަލާގައި ބޮންއެޅި ވަގުތު ހިރޮޝީމާއިން އެއްފަހަރާ އެއްލައްކަ ސާޅީސް ހާސްމީހުން މަރުވިއެވެ. މީގެތެރޭގައި ކުޑަކުދިންނާއި މާބަނޑު އަންހެނުންވެސް ހިމެނެއެވެ.

އެއަށްފަހު ތިން ދުވަސްފަހުން އެމެރިކާ އަނެއްކާވެސް ޖަޕާނުގެ އެހެން ރަށެއްކަމަށްވާ ނަގަޒާކީ އަށް ދެވަނަ އެޓޮމްބޮން ވައްޓާލިއެވެ. އެހަމަލާގައި އެރަށުން އެއްފަހަރާ އެއްލައްކަ ފަސްދޮޅަސް ހާސްމީހުން މަރުވިއެވެ. އަދި މިދެ ޙަމަލާގެ ރޭޑިއޭޝަންގެ ސަބަބުން އޭގެފަހުން ޖަޕާނުންގެ ރައްޔިތުންގެ ތެރެއިން މިލިޔަނެއްހާ މީހުން މަރުވެ ފަނާވެގެން ގޮސްފައިވެއެވެ. އަދި އެދެބޮމުގެ ރޭޝިއޭޝަންގެ ސަބަބުން މިހާރުވެސް ޖަޕާނުގެ އެދެ ސަރަހައްދުގައި ކެންސަރުބަލި ވަރަށް ގިނައެވެ.

އެމެރިކާގެ އެދެހަމަލާގައި ހިރޮޝީމާއާއި ނަގަޒާކީ އެއްކޮށް ހަލާކުވެ ވީރާނާވިއެވެ. އެމެރިކާއިން އެޓޮމް ބޮމުގެ ޙަމަލާތައް ޖަޕާނަށްދިނީ ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާން ބަލިކޮށް އަމާންދިނުމަށް ޖަޕާނަށް މަޖްބޫރު ކުރުމުގެ ނަމުގައެވެ. ނަމަވެސް އޭރު ޖަޕާން އޮތީ ދެވަނަ ބޮޑުހަނގުރާމައިގާ ބަލިވެ އަމާންދޭން ގާތްވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާން ބަލިކޮށް އަމާންދިނުމަށް ޖަޕާނަށް މަޖްބޫރު ކުރުމުގެ ނަމުގައި މިދެ ޖަރީމާ އެމެރިކާ ހިންގީ އެމެރިކާގެ އޭރުގެ އެންމެ ބޮޑު ދުޝްމަން ކުރީގެ ސޮވިއެޓް ޔުނިޔަން އަށް އެމެރިކާގެ އަސްކަރީ ބާރުދައްކާލައި ސޮވިއެޓް ޔުނިޔަން އަށް ބިރުދެއްކުމުގެ ބޭނުމުގައި ކަން ފަހުންވަނީ ފަޅާއަރާފައެވެ.

ސޮވިއެޓް ޔުނިޔަންއަށް އެމެރިކާގެ ބާރު ދައްކާލުމުގެ ބޭނުމުގައި ޖަޕާނުގެ މިލިޔަނެއްހާ ރައްޔިތުން ގެ ފުރާނަ ދުއްވާލުމަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ބައްޕަ ކަމަށް ދައުވާކުރާ އެމެރިކާއަށް އެއްވެސް ކަމަކަށް ނުވިއެވެ. މިޖަރީމާއަށް މައާފަށް އެދުމަށް އޮބާމާ ދެކޮޅު ހެއްދެވުމަކީ އެމެރިކާގެ ހަރުކަށިކަމާއި ބޮޑާކަމާއި އިންސާނުންގެ ފުރާނައިގެ އަގު އެމެރިކާގެ ކުރިމަތީގައި ނެތްމިންވަރު ހާމަވެގެންދާކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އިންސާނުންނާ ދެކޮޅަށް އެމެރިކާ ހިންގި ފަދަ މިވަރުގެ ޖަރީމާއެއް އެހެން އެއްވެސް ގައުމަކުން މިހާތަނަށް ހިންގާފައެއް ނުވެއެވެ.

ސޮވިއެޓް ޔުނިޔަންއާއި ދުނިޔޭގެ އެހެން ބާރުތަކުން ނިއުކްލިޔަރ ބޮން އުފެއްދީ އެމެރިކާގެ މިބިރު ދެއްކުންތަކާ ގުޅިގެންނެވެ. މިއާއެކު ނިއުކްލިޔަރ ބޮން އުފައްދާފައިވާ އެއްވެސް ގައުމަކަށް ނިއުކްލިޔަރ ބޮމުން ހަމަލާދިނުމުގެ ފުރްސަތު އެމެރިކާއަށްވަނީ ގެއްލިފައެވެ. މިއަދު ޚުދު އެމެރިކާއަކީވެސް ނިއުކްލިޔަރ ބިރާ ކުރިމަތިލާން ޖެހިފައިވާ ގައުމެކެވެ. ކުޑަ ގައުމެއްކަމަށްވާ އުތުރު ކޮރެޔާއަށްވެސް އެމެރިކާއަށް ނިއުކްލިޔަރ ހަތިޔާރުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވެއެވެ.

ނަމަވެސް ނިއުކްލިޔަރ ހަތިޔާރު ނެތްގައުމަކާ ދެކޮޅަށް އެމެރިކާއިން ނިއުކްލިޔަރ ހަމަލާއެއް ދޭނެކަމުގެ ބިރު އަދިވެސް އެބައޮތެވެ. އަދި ދުނިޔޭގައި އަދިވެސް ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރާނަމަ އެކަންކުރާނީ އެމެރިކާއިން ކަމަށާ އުތުރުކޮރެޔާ ފަދަ ގައުމުތަކުގައި ނިއުކްލިޔަރ ހަތިޔާރު ހުރެފައި ޚުދު މުޚްތާރު ވެރިކަން ކުރިނަމަވެސް ދުނިޔޭގެ އަމްނާއި ސުލްޙައަށް އަދިވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. (ނޫސްއެޖެންސީތައް)