27 May 2016, 15:42
އިންޑިޔާގެ އަންހެނުން ސައޫދީ އަރަބިޔާގައި ގަނެވިއްކުމާއި އަޅުވެތި ކުރުމުގެ ވިޔަފާރި (ހިޔުމަން ޓްރެފިކިން) ހިންގާ ކަމަށް އިންޑިޔާއިން ކުރި ތުހުމަތުތަކަކަށް ސައޫދީން އިންކާރުކޮށްފިއެވެ.
ސައޫދީ އަރަބިޔާގެ އެންމެ ބޮޑު އެއް ރެކްރޫޓްމެންޓް އެޖެންސީގެ ވެރިޔާ ސައުދުލްބައްދާޙް ވިދާޅުވީ އިންޑިޔާގެ އަންހެނުން އަމާޒުކޮށްގެން ސައޫދީ އަރަބިޔާގައި ހިޔުމަންޓްރެފިކިން ނުހިންގާ ކަމަށާ ސައޫދީ ގެތަކުގެ ޚާދިމާއިންގެ ގޮތުގައިވެސް އިންޑިޔާގެ އަންހެނުން ނުގެންގުޅޭ ކަމަށެވެ.
އިންޑިޔާގެ ޚާރިޖީ ވަޒީރާ ޝުޝްމާ ސްވަރާޖް އާ ހަވާލާދީ އިނގިރޭސިވިލާތުގެ ދި އިންޑިޕެންޑެންޓް ނޫސް ބުނާގޮތުން ސައޫދީ އަރަބިޔާގެ އެކި މަސައްކަތްތަކަށް ގެންދާ އިންޑިޔާގެ އަންހެނުންނަށް އޮޅުވާލައިގެން އެމީހުން ހިޔުމަން ޓްރެފިކިންގެ މަޅީގައި ޖައްސާ މައްސަލަ އާންމު ވެފައިވާކަމުގައެވެ.
މިގޮތުން ނަރުހުންގެ ގޮތުގައާއި އެނޫންވެސް ކަންކަމުގައި ސައޫދީ އަށް ގެންދާ އަންހެނުން އެއްކުންފުނިން އަނެއް ކުންފުންޏަށް ވިއްކާލާ ކަމަށާއި އެމީހުން ގިނަފަހަރު މަސައްކަތްކުރަންޖެހެނީ ކުރިން އެމީހުންނަށް ހުށަހެޅި ވަޒީފާއާ މުޅިން ޚިލާފު މަސައްކަތް ތައްކަމަށް ދި އިންޑިޕެންޑެންޓް ނޫހަށް ދެއްވި ބަސްދީގަތުމުގައި އިންޑިޔާގެ ޚާރިޖީ ވަޒީރާ ޝުޝްމާ ސްވަރާޖް ވިދާޅުވެފައިވެއެވެ. އަދި އިންޑިޔާގެ އަންހެނުން ވަޒީފާގައި ގެންގުޅޭ ކުންފުނިތަކުގެ އިސްވެރިން އެމީހުންނަށް ޖިންސީގޮތުންނާއި ނަފްސާނީގޮތުން ގޯނާކޮށް އެކިކަންކަމުގައި ބިރުދައްކައި އިންޑިޔާގެ އަންހެނުން އަޅުވެތިކޮށް އެމީހުންނަށް އޮޅުވާލުމުގެ އަމަލުތައް ހިންގަމުން ގެންދާކަމަށްވެސް ޝުޝްމާ ސްވަރާޖް ތުހުމަތު ކުރައްވާފައިވެއެވެ.
ބޭރުގައުމުތަކުގައި މަސައްކަތްކުރާ އިންޑިޔާ މީހުންގެ ކަންތައްތައް ބަލަހައްޓާ އިންޑިޔާގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ބާލީ ރަގޮންޓާ ރެޑީ ވަނީ މިމައްސަލަތަކާ ގުޅިގެން ސައޫދީ އާއި ބަހްރައިންގައި މަސައްކަތްކުރާ އިންޑިޔާގެ އަންހެނުން އެނބުރައި ގައުމަށް ގެނައުމާމެދު އިންޑިޔާ ސަރުކާރުން ވިސްނަމުންދާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސައޫދީ އާއި ބަހްރައިންގައި މަސައްކަތްކުރާ އަންހެނުން އަނބުރައި ގައުމަށް ގެންނާނީ އެދެގައުމުގެ ސަރުކާރުތަކާ ވާހަކަ ދެއްކުމަށްފަހު މައްސަލަ ހައްލުނުވެއްޖެ ހާލަތެއްގައި ކަމަށްވެސް ރަގޮންޓާ ރެޑީ ވިދާޅުވިއެވެ.
އަދި ސައޫދީ ޖަލުތަކުގައި އިންޑިޔާގެ 25 އަންހެނުން ހައްޔަރުކޮށްފައި އެބަތިބިކަމަށްވެސް ވިދާޅުވިއެވެ. ސައޫދީ ސަރުކާރު ބުނާގޮތުން މިއީ އެކި ބާވަތުގެ ކުށްތައް ކޮށްފައިވުމުގެ ސަބަބުން ޖަލަށްލާފައިވާ އަންހެނުންނެވެ. ނަމަވެސް އިންޑިޔާގެ މަސްއޫލުވެރިޔާ ވަނީ ކުޑަކުޑަކަމެއްގައިވެސް އިންޑިޔާގެ އަންހެނުން ސައޫދީގައި ޖަލަށްދާންޖެހޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ސައޫދީ އަރަބިޔާގެ އެންމެ ބޮޑު އެއް ރެކްރޫޓްމެންޓް ކުންފުނީގެ ވެރިޔާ ސައުދުލްބައްދާޙް، "ހަފިންޓަން ޕޯސްޓް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ސައޫދީގައި ނަރުހުންނާއި ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނީޝަނުންނާއި އެނޫންވެސް އެކިއެކި ޕްރޮފެޝަންތަކުގައި އިންޑިޔާގެ މިލިޔަނަކަށްވުރެ ގިނަ އަންހެނުން މަސައްކަތްކުރާ ކަމުގައެވެ. ނަމަވެސް ގޭގޭގެ ޚާދިމާއިން (މޭޑުން) ގެ ގޮތުގައި އިންޑިޔާ އަންހެނުން ސައޫދީ ގައި ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައޫދީ ގޭގޭގެ ޚާދިމާއިންގެ ގޮތުގައި މަސައްކަތް ކުރަނީ ލަންކާ އަންހެނުންނާއި އިންޑޮނީޝިޔާ އަންހެނުންނާ އަދި ފިލިޕީންސް އަންހެނުންނެވެ. (ދި އިންޑިޕެންޑެންޓް)