ސައިރިކްސް ކޮލެޖްގެ 2016 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތު، "ސައިރިކްސް ކޮލެޖް ކޮންވަކޭޝަން 2016" ކުރީ ރޭ ދަރުބާރުގޭގައި ބާއްވައިފި އެވެ.

އެ ރަސްމިއްޔާތުގައި ސައިރިކްސް ކޮލެޖްގައި ހިންގި ސެޓްފިކެޓް، ޑިޕްލޮމާ، ޑިގްރީ އަދި މާސްޓަސް ލެވަލްގެ ކޯސްތައް ފުރިހަމަކުރި 238 ދަރިވަރުން ގްރެޖްއޭޓްވި އެވެ. އަދި ގައުމީ އެކި މުބާރާތްތަކުގައި ވަނަތައް ހޯދި ސައިރިކްސް ކޮލެޖްގެ ދަރިވަރުންނަށް ދެވޭ އެވޯޑާއި ކޯސްތަކުން މަތީ ނަތީޖާތައް ހޯދި ދަރިވަރުންނަށްދޭ ޗެއާމަންސް އެވޯޑްގެ އިތުރުން، ސައިރިކްސް ކޮލެޖްގެ ދަރިވަރުންގެ ތެރެއިން ޢިލްމީގޮތުން އެންމެ ފާހަގަކުރެވޭ ނަތީޖާ ހޯދި ދަރިވަރަކަށްދޭ "އޮގަރު ފާއިޒާ ޢަލީ އެވޯޑް ފޯ އެކްސަލަންސް" އެ ރަސްމިއްޔާތުގައި ޙަވާލުކުރި އެވެ.

މި އަހަރު އެއެވޯޑް ޙާޞިލްކުރީ މާސްޓާ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރި ދަރިވަރު ޢަލީ މަމްދޫޙު އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ދަސްވެނެވި ދަރިވަރުންނާ މުހާތަބު ކުރައްވައި ހޯމް މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ވަގުތު ބޭކާރު ނުކުރުމަށާއި މަސައްކަތުގައި ހޭދަކުރާ ވަގުތު އުފެއްދުންތެރި ގޮތުގައި ބޭނުންކުރުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލައި ނާކާމިޔާބުވުމުން ހިތްވަރު ދެރަ ނުކުރުމަށާއި ގަދައަޅާ މަސައްކަތްކޮށްގެން ކާމިޔާބީ ހާސިލު ކުރެވެންދެން މަސައްކަތް ކުރުން މުހިންމު ކަމަށެށެވެ.

އުމަރު ވިދާޅުވީ ސައިރިކްސް ކޮލެޖަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގައި ވޭތުވެ ދިޔަ 22 އަހަރު ހިދުމަތް ފޯރުކޮށްދީފައިޗާ ކޮލެޖުން ފޯރުކޮށްދީފައިވާ ކޮލެޖެއް ކަމަށާއި އެ ޚިދުމަތް ފާހަގަކުރައްވާ ކަމަށެވެ. އަދި ކޮލެޖްގެ ޗެއާމަން އަޙުމަދު ޝަރީފުއާއި ކޮލެޖުގެ ވެރިންނަށް މަރުޙަބާ ވިދާޅުވި އެވެ.

އެ ކޮލެޖްގެ ރެކްޓާ ޑރ. އަޙުމަދު ޝާހިދު ވިދާޅުވީ ދަރިވަރުންގެ ޢިލްމީ ގާބިލްކަމާއި ހުނަރުތައް އިތުރުކުރުމަށް ސައިރިކްސް ކޮލެޖުން މަސައްކަތް ކުރާ ކަމަށެވެ. އަދި ދަރިވަރުންގެ މެދުގައި އަބަދުވެސް ކަންކަމާ މެދު ސުވާލުކުރުމާއި ދެނެގަތުމުގެ ޝަޢުގުވެރިކަން އިތުރުކުރުމަށް އިލްތިމާސްކުރެއްވި އެވެ.