ކުރިއަށް އޮތް ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗަކީ އެތުލެޓިކޯ މެޑްރިޑް އިން ރެއާލް މެޑްރިޑް ބަލިކުރަން ޖެހޭ މެޗެއް ކަމަށް ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ރެއާލް މެޑްރިޑްއާ އެންމެ ވާދަވެރި ބާސެލޯނާއަށް ސަޕޯޓްކުރާ ގިނަ ފަރާތް ތަކަކުން ކުރިއަށް އޮތް ޗެމްޕިއަންސް ލީގްގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑަށް ސަޕޯޓްކުރާ ކަން ހާމަކުރަމުންދާ އިރު ޒަވީ ބުނީ މި ފަހަރު އޭނާ އެތުލެޓިކޯ އަށް ސަޕޯޓް ކުރަނީ ރެއާލް މެޑްރިޑް އަށް އެ ތަށި ލިބެން ބޭނުން ނުވާތީ ނޫން ކަމަށާއި އެއީ އެތުލެޓިކޯ އަށް ހައްގު ޓްރޮފީއަކަށް ވާތީ ކަމަށެވެ.

"އުތުލެޓިކޯ އަށް އެ ތަށި ހައްގު ވަނީ އެ މީހުން ކުރަމުންދާ މަސަތްކަތުގެ ސަބަބުން. ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ އެމީހުން އެ ތަށި ހޯދުމަށް މަސަތްކަތް ކުރާތާ. މި ފަހަރު ވެގެން ދާނީ އެތުލެޓިކޯގެ ފަހަރަކަށް،" ޒަވީ ބުންޏެވެ.

ބާސެލޯނާއާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބް ކޮށްފައިވާ ޒަވީ ބުނީ އެތުލެޓިކޯގެ ތާރީހްގައި މިހާތަނަށް އަދި ޗެމްޕިއަންސް ލީގް އުފުލާލުމުގެ ނަސީބު ލިބިފައި ނުވާ އިރު އެ މީހުން ދަނީ މި ފަހަރުގެ މުބާރާތް ކާމިޔާބް ކޮށް ތާރީހްގެ ތެރެއަށް ވަދުމަށް ގިނަ މަސަތްކަތް ތަކެއް ކުރަމުން ކަމަށެވެ.

"އެންމެނަށް ވެސް އިނގޭ އެ މުބާރާތުގެ ފޭވަރިޓުންނަކީ ރެއާލް މެޑްރިޑް ކަން. ނަމަވެސް ފުޓްބޯޅަ އަކީ ފޭވަރިޓުންނަށް ބަލާފަ ގޮތް ނިއްމޭނެ އެއްޗެއް ނޫން. އުތުލެޓިކޯގައި އިބަ ތިބަ ރަނގަޅު ގިނަ ކުޅުންތެރިން ތަކެއް އެ މުބާރާތް ކާމިޔާބް ކުރެވޭނެ ވަރުގެ،" ޒަވީ ބުންޏެވެ.

މިހާތަނަށް އަދި ޗެމްޕިއަންސް ލީގް ކާމިޔާބް ކުރުމުގެ ނަސީބު ލިބިފައިނުވާ އެތުލެޓިކޯ އިން އެ މުބާރާތުގެ އެންމެ ކާމިޔާބް ޓީމްއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހުގެރޭ ނިކުންނަށް ތައްޔާރު ވަމުންދާ އިރު ޒަވީ ބުނީ ޓީމްގެ ހައިބަތަށް ބަލާފައި ޓްރޮފީއެއް ލިބުމަކީ ދުރުކަމެއް ކަމަށާއި އެތުލެޓިކޯ މެޑްރިޑްގައި ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލު ކޮށްލެވޭ ވަރުގެ ހުނަރުވެރި މޮޅު ކުޅުންތެރިން ތަކެއް އިބަ ތިބި ކަމަށެވެ.