ރައްކާތެރިގޮތުގައި މާލޭގެ ކުނި މެނޭޖު ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި އޭގެ ކޮންސެޕްޓު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެންވަޔަރަމަންޓު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮންސެޕްޓު ހެދުމުގެ މައިގަނޑު ބޭނުމަކީ މާލެއަށް އެންމެ އެކަށީގެންވާ ވޭސްޓް ކަލެކްޝަން، ޓްރާންސްޕޯޓް، އިންޓަމީޑިއަރީ ޓްރީޓްމަންޓް ނުވަތަ ޕްރޮސެސިންގް އެންޑް ޓްރާންސްފަރ ނިޒާމަކީ ކޮބައިތޯ ބެލުން ކަމަށެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ އެ ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ކުނި އުފެދޭ މިންވަރާއި ކުނީގެ ބައިތަކުގެ ސާވޭއެއް ހަދައި، ކުނި މެނޭޖުކުރާ ފެސިލިޓީގެ ކޮންސެޕްޓް ޑިޒައިންތައް ތައްޔާރުކޮށް، ޕްލިމިނަރީ، ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓްސް ތައްޔާރުކުރުން ހިމެނޭނެ ކަމަށެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންސީ ކުންފުނިތައް ނުވަތަ ކޮންސަލްޓަންސީ ފާމުތަކަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް އެ މިނިސްޓްރީއަށް ހުށަހެޅުން އެދޭ ކަމަށެވެ.

އެ ކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މައުލޫމާތު ބްރޯޝާ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު އަދި އެފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ، އަދި ކުންފުނިތަކުން އެ މަސައްކަތަށް ހުށަހަޅާ ކޮންސަލްޓަންޓުންގެ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު ހުށަހަޅަންވާނެ ކަމަށް ވެސް އެންވަޔަރަމަންޓު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 14ވަނަ ދުވަހުގެ ހެނދުނު 11:00ގައި އެންވަޔަރަމަންޓު މިނިސްޓްރީގަ އެވެ.