ޔޫރަޕުގެ އެންމެ ބޮޑު އެއާލައިން، ޖަރުމަނުގެ ލުފްތަންސާ އެއާލައިނުގެ ވިޔަފާރި ފުޅާ ކުރުމަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ، އެ އެއާލައިނުގައި ކެބިން ކްރޫއިންގެ ވަޒީފާއަށް އާ މުވައްޒަފުން ނެގޭ ގޮތް މިވަގުތު ނުވާތީ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ލުފްތަންސާއިން ނިންމާފައި ވަނީ މި އަހަރު ތެރޭގައި، އެ އެއާލައިން ދަތުރުކުރާ މަންޒިލުތައް އިތުރުކޮށް، އާ އޮޕަރޭޝަންތަކަށް ބޭނުންވާ ސްޓާފުން ނެގުމަށެވެ. ނަމަވެސް އެކަމަށް މިވަގުތު އޮތް ހުރަހަކީ، ޖަރުމަނުގެ ކެބިން ކްރޫއިންގެ ޓްރޭޑް ޔޫނިއަނެއް ކަމުގައިވާ ޔޫއެފްއޯއާ އެކު ލުފްތަންސާއިން ހަދާފައިވާ ކޮންޓްރެކްޓެއްގެ މައްސަލަ އެވެ. އެ ޔޫނިއަނުން މައްސަލަ ކޯޓަށް ވައްދާފައި ވެ އެވެ.

ތެލުގެ އަގު ވަރަށް ހެޔޮ މި ދަނޑިވަޅުގައި ވެސް، އާބިޓްރޭޝަނުގައިވާ މައްސަލައިގެ ސަބަބުން ޝަރުތު ހަމަވާ ކޮލިފައިޑް މުވައްޒަފުން ލުފްތަންސާއަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

"މި ޔޫނިއަންގެ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަކީ މީގެ ކުރިން ހޮޓެލްތަކާ ރެސްޓޯރަންޓްތަކުގެ މުވައްޒަފުން. އެމީހުންނަށް އެތަންތަނުގެ ވަޒީފާ މާ ކަމުދޭ. މާ ރަނގަޅު އިނާޔަތް ވެސް ލިބެޔޯ. ނަމަވެސް ލުފްތަންސާގެ ހާލަތު ދަނީ ގޯސްވަމުން. އެހެންވެ މުވައްޒަފުން އެތަނަށް ނުލިބެނީ،" ޔޫއެފްއޯ ޓްރޭޑް ޔޫނިއަނުގެ އޮފިޝަލަކު ބުންޏެވެ.

މީގެ އިތުރުން، ލުފްތަންސާގެ ކެބިން ކްރޫ ވަޒީފާގެ މުސާރަ މާ ކުޑަކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ލުފްތަންސާގެ ކެބިން ކްރޫއެއްގެ އެވަރޭޖް މުސާރަ، ޖަރުމަނުގެ މިނިމަމް ވޭޖަށް ވުރެ އިތުރު ވަނީ ކުޑަ މިންވަރަކަށެވެ. ލުފްތަންސާއިން ދަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން އޯވަޓައިމް ބޯނަސް ވެސް ކުޑަ ކުރަމުންނެވެ. މިކަމުގެ ސަބަބުން ގިނަ ފްލައިޓު އެޓެންޑަންޓުން ލުފްތަންސާގައި މަސައްކަތް ކުރުމަށް ޝައުގުވެރިއެއް ނުވެ އެވެ.

ލުފްތަންސާއިން އަމާޒު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 1،400 އާ ކެބިން ކްރޫއިން އެ އެއާލައިނަށް ނެގުމަށެވެ. މީގެ އިތުރުން އެ އެއާލައިނުގެ ސަބްސިޑަރީ އެއާލައިން ޔޫރޯވިންގްސްއަށް ވެސް 2،800 ކެބިން ކްރޫއިން ހޯދުމުގެ މަސައްކަތް ލުފްތަންސާއިން ދަނީ ކުރަމުންނެވެ.

ލުފްތަންސާއިން ދުނިޔޭގެ 220 މަންޒިލަކަށް މިހާރު ވެސް ދަތުރު ކުރާ އިރު، އެކުންފުނީގެ ސަބްސިޑަރީ އެއާލައިންތަކާ އެކު އެއީ ޔޫރަޕުގެ އެންމެ ބޮޑު އެއާލައިން ކުންފުންޏެވެ. ލުފްތަންސާގެ ސަބްސިޑަރީތަކުގެ ތެރޭގައި އޮސްޓްރިއަން އެއާލައިންސް، ޔޫރޯވިންގްސް، ސަން އެކްސްޕްރެސް، ސްވިސް އިންޓަނޭޝަނަލް އަދި އެޑެލްވެއިސް ފަދަ އެއާލައިންތައް ހިމެނެ އެވެ.