ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަވާލުވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މޮރީނިއޯ ސޮއިކޮށްފައިވަނީ 36 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޔުނައިޓެޑާ ހަވާލުވިކަން ޔުނައިޓެޑުން ރަސްމީކޮށް މާދަމާ އިއުލާން ކުރާނެ ކަމަށާއި އޭނާއާއެކު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ވެސް ޔުނައިޓެޑާ ގުޅޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވުމާއެކު ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިންނާއި އެ ކްލަބުގެ ސަޕޯޓަރުން ވެސް ހިމެނެ އެވެ.

ދެ ފަހަރެއްގެ މަތިން މޮރީނިއޯ ޗެލްސީއާ ހަވާލުވި އިރު، ޔުނައިޓެޑާއި ޗެލްސީގެ ވާދަވެރިކަން ބޮޑުވެގެންދިޔަ އެވެ. އޭރު މޮރީނިއޯ ވެގެންގޮސްފައިވަނީ ޔުނައިޓެޑުގެ ސަޕޯޓަރުން އަދި ކުޅުންތެރިންގެ ހަތުރެއްގެ ގޮތުގައެވެ.

ޗެލްސީއަށް ޕްރިމިއާ ލީގު ހޯދައިދިން ކޯޗު މޮރީނިއޯ އެ ކްލަބުން ވަކިކޮށްފައިވަނީ ނިމިގެންދިޔަ ސީޒަނުގެ ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް އެ ކްލަބަށް ނުނެރެވުމުގެ ސަބަބުންނެވެ. އެ ނަތީޖާތަކުގެ ސަބަބުން ލީގުގެ ގަދަ ހަތަރަކަށް ނޭރި، ޗެލްސީއަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތެއް ލިބޭގޮތް ނުވެފަ އެވެ.

ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަން ރިޓަޔާވުމާއެކު އެ ކްލަބަށް ވަނީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރަނގަޅު ކާމިޔާބެއް ހޯދޭ ގޮތް ނުވެފަ އެވެ. ފާގަސަންއަށް ފަހު ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވި ޑޭވިޑް މޮއިސް އަދި އެންމެ ފަހުން ހަވާލުވި ލުއިސް ވެން ހާލް އަށް ވެސް ރަނގަޅު ކާމިޔާބެއް އެ ކްލަބަށް ހޯދައިދެވިފައެއް ނުވެ އެވެ.

އެންމެ ފަހުން ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމު އަދާކުރި ވެން ހާލް މަގާމުން ދުރުކޮށްފައިވަނީ ޔުނައިޓެޑުން އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކުރިތާ ދެ ދުވަސް ފަހުންނެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވީ ޗެލްސީގެ ކޯޗުކަމުން ވަކިކުރިތާ 162 ދުވަސް ފަހުންނެވެ. ޗެލްސީގެ އިތުރުން މޮރީނިއޯ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި، އިޓަލީގެ އިންޓަ މިލާން އަދި ޕޯޗުގަލްގެ ޕޯޓޯއަށް ވެސް ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.