ކުރިއަށް އޮތް ރަމަޟާން މަހަށް ރައްޔިތުން ތައްޔާރުކުރުމަށް ހާއްސަ ދަރުހެއް ހުޅުމާލޭގައި ބާއްވަން އަމިއްލަ ދީނީ ޖަމިއްޔާއަކުން ނިންމައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ދަރުސް އިންތިޒާމްކުރާ ހުޅުމާލޭގައި ދީނީ އަދި އިޖްތިމާއީ ހަރަކާތްތަކެއް ހިންގާ ޖަމިއްޔާއެއް ކަމަށްވާ، އަލް ހިޖްރާ ޖަމިއްޔާގެ ނައިބް ރައީސް އަބްދުﷲ ޒިރާރު ވިދާޅުވީ، ހުޅުމާލޭ ރެހެންދި ސްކޫލުގެ ޕީޓީއޭއާ ގުޅިގެން އެ ދަރުސް ބާއްވާނީ މާދަމާ ރޭ ހުޅުމާލޭ، ރެހެންދި ސްކޫލުގައި ކަމަށެވެ.

މާދަމާ 8:30 ގައި ފަށަން ނިންމާފައިވާ އެ ދަރުހުގެ މައުޟޫއަކީ "ޣާފިލުކަމުގެ ނިދިން ހޭލަމާހެއްޔެވެ!" އެވެ. ދަރުސް ދެއްވާނީ ޝެއިހް އަހުމަދު ސަމީރު ބިން އިބްރާހިމެވެ.

މާދަމާ ރޭ ބާއްވާ އެ ދަރުސް އަލް ހިޖްރާ ޔޫޓިއުބް ޗެނަލުން ލައިވް ކުރާނެ އެވެ.

ޒިރާރު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހު އެ ޖަމިއްޔާގެ ފަރާތުން މަގުމަތީގައި ދީނީ ދައުވަތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށެވެ. "ސެޓް ޔޯ ގޯލް" ގެ ނަމުގައި މީގެ ކުރީ އަހަރުތަކުގައި ވެސް ހިންގާފައިވާ އެ ޕްރޮގްރާމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕޮއިންޓުތަކެއް ޖަހާނެ އެވެ.

އެ ޕޮއިންޓުތަކުގައި ޝެއިޚެއް ބައިވެރިވާނެ ކަމަށާއި އާއްމުން އަހަން ބޭނުންވާ ސުވާލެއް އަހައި އޮޅުން ފިލުވަން ބޭނުންވާ ދީނީ މައުލޫމާތު ޝެއިހުގެ އަރިހުން ސާފުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދީނީ ފޮތްތަކާއި ލުއިފޮތްތަކާއި، ބޭނުންވާ ބޭފުޅުންނަށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ ލިބޭނެ ކަމަށް ޒިރާރު ވިދާޅުވި އެވެ.

މަގުމަތީގެ ހަރަކާތްތަކުގެ އިތުރުން، ރަމަޟާން މަހު ހުޅުމާލޭގެ މިސްކިތްތަކުގައި ވެސް ހަރަކާތްތަކެއް ހިންގަން އަލް ހިޖްރާ ޖަމިއްޔާއިން ވަނީ ނިންމާފައެވެ.

ހުޅުމާލޭގައި ދީނީ އަދި އިޖްތިމާއީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާ އަލް ހިޖްރާ ޖަމިއްޔާއަކީ 2007 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އެ ޖަމިއްޔާގެ ހަރަކާތްތައް ހިންގަން ފަށާފައިވަނީ، 2011 ވަނަ އަހަރުން ފެށިގެންނެވެ.