13 May 2011, 21:20
ސަރުކާރުން ޒުވާނުންގެ އަޑު އަހައި، ތަކެތީގެ އަގު ތިރިކުރަން އެއްބަސް ނުވެއްޖެ ނަމަ އަނެއްކާވެސް ސިލްސިލްލާ މުޒާހަރާތަކަށް އެބުރި ނިކުންނާނެ ކަމުގެ އިންޒާރުދެމުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުން ޒުވާނުން ނިންމާލައިފި އެވެ.
ޒުވާނުންނާއި ސިޔާސީ ފަރާތްތަކުން އިސްވެ ތިބެ މިދިޔަ ހަފްތާއިން ފެށިގެން މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަށް ސަރުކާރާ ވާހަކަދެއްކުމަށް ހުއްޓާލިފަހުން ޒުވާނުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި ވާހަކަދެއްކި ހުރިހާ ޒުވާނުންވެސް ވަނީ ސަރުކާރުން ތަކެތީގެ އަގު ތިރި ކުރަން ދެން މުޒާހަރާތަކުގައި ދެމި ތިބޭނެ ކަމަށާއި ސަރުކާރުން ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް މުޒާހަރާތަކައިގެން ކުރިއަށް ގޮސް ސަރުކާރު ވައްޓާލަން ޖެހިއްޖެ ހާލަތެއްގައި ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފަ އެވެ.
"ސަރުކާރާއި އަޅުގަނޑުމެންނާއި އެންމެފަހުން ބޭއްވި ވާހަކަތަކުން އެގުނީ ތިބޭފުޅުންނާއި އަޅުގަނޑުމެންގެ އަޑު އަހަން ސަރުކާރުން ބޭނުމެއް ނޫންކަން. އާދިއްތަ ދުވަހު އަނެއްކާ މަޝްވަރާތަކަށް މިދަނީ. މިކަމުގައި ގެއަށް ވަންނާނެ އެއްވެސް ގޮތެއް ނޯންނާނެ. އަޅުގަނޑުމެން އެހެންވެ މި ސަރުކާރުގެ ހުރިހާ ވެރިންނަށް އަދި މި ދައްކަނީ ރީނދޫ ކާޑެއް. އަދި ރަތް ކާޑު ދައްކަން ޖެހުނީމާ ރަތް ކާޑުވެސް ދައްކާނަން،" ތަކެތީގެ އަގު ބޮޑުވަނީ ރައްޔިތުން ހަނާވަނީގެ މި ނަމުގައި ޒުވާނުން ކުރާ ސިލްސިލާ މުޒާހަރާތައް ފެއްޓި ފަހުން މީޑިޔާގައި ވާހަކަދައްކާ ޒުވާން މުހައްމަދު އަހުސަން މިރޭގެ މުޒާހަރާ ނިންމާލުމުގެ ގޮތުން ސަރުކާރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެމުން ބުންޏެވެ.
މީގެ ކުރިން ސަރުކާރާ ޒުވާނުންނާއި ދެމެދު ބާއްވި ވާހަކަތައް ނާކާމިޔާބު ވުމާއި އެކު އަންނަ އާދިއްތަ ދުވަހު އަލުން ސަރުކާރާ އެއްމޭޒެއްގެ ދަށައް ޒުވާނުން އަންނައިރު ނުވަރޭ މަތިން ކުރި ސިލްސިލާ މުޒާހަރާތަކުގައި ޒުވާނުން ދެއްކި ހިތްވަރު ފާހަގަ ކުރުމުގެ ގޮތުން ވަނީ ކޭކެއް ވެސް ފަޅާފަ އެވެ. ޒުވާން އަންހެން ކުދިންނާއި އަދި މަންމައިން ވެގެން ޒުވާނުންނަށް ހަދިޔާ ކުރި އެކޭކު ފަޅައިދިނީ މުޒާހަރާތަކުގައި ހައްޔަރުވެ އަދި އަނިޔާވި ބައެއް ފަރާތްތަކުންނެވެ.
އެހެން ރޭ ރެއާއި ހިލާފަށް އެންމެ 700 ކައެއްހާ މީހުން ބައިވެރިވި އެ އެއްވުމުގައި ވާހަކަދެއްކި ބައެއް ޒުވާނުން ވަނީ ދެން ސީދާ ހަރަކާތައް މަގުމައްޗަށް ނުކުންނައިރު ފުލުހުން ޒުވާނުންނަށް ހުރަސް އަޅައިފިނަމަ ފުލުހުން "ސައިޒަށް ތިރިކުރަން" ޖެހިދާނެ ކަމުގެ އިންޒާރުދީ ފުލުހުންނަށް ވެސް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ.
"އަޅުގަނޑު މިކޮޅަށް އައުމުގެ ކުރިން ފުލުހުންގެ ގާނޫނު ބަލައިލިން. އޭގެން ވަރަށް ސާފު ފުލުހުންނަށް ކުރެވޭނެ ކަންތައް. އެހެންވީމާ ދެން ފުލުހުން މުގުރު ބުރިއާ އެއްޗިހި ހިފައިގެން ނުކުމެ އަޅުގަނޑުމެންނަށް އަނިޔާކުރަން ނިކުމެއްޖެ ނަމަ އެމީހުން ސައިޒުކޮށް އެމީހުން ގާނޫނުގެ އިމަށް ވެއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހިދާނޭ،" ޕީއޭގެ މެންބަރެއްކަމައްވާ އަމީން ކިޔާ ޒުވާނަކު އެއްވެފައިވާ މީހުންނާއި މުހާތަބުކޮށް ބުންޏެވެ.
ސަރުކާރަށާއި ފުލުހުންނަށް ހޫނު ބަހުގެ ހަމަލާތަކެއް ދިން މިރޭގެ އެއްވުމުގައި މައުމޫންގެ ދަރިކަބަލުން ދުންޔާ މައުމޫން އާއި އަދި ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އަންހެނުން ދެއްކި ހިތްވަރަށް ތާއީދުކޮށް މިރޭގެ އެއްވުމުގައި ވާހަކަދައްކާފަ އެވެ.
މުޒާހަރާގައި އަނިޔާވި ބައެއް މީހުންގެ ފޮޓޯތަކާއި އަދި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި ޒުވާން ހުސެން އާދަމްގެ ފޮޓޯ ތައް ހިފައިގެން އެއްވެ ތިބި ގިނަ އަދަދެއްގެ ރައްޔިތުން މިރޭވެސް ވަނީ ތަކެތީގެ އަގު ތިރި ކުރުމަށް ގޮވާލައި އަޑުއުފުލާފަ އެވެ. އެ އަޑުއުފުލުމަށް ތާއީދު ކޮށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެހެން ރޭ ރެއެކޭވެސް އެއްގޮތަށް މިރޭވެސް ވާހަކަދައްކާ ސަރުކާރުގެ އިސްތިއުފާއަށް ގޮވާފަ އެވެ.
ހިތްވަރުގެ ކޭކު ކެއުމާއިއެކު މިރޭގެ މުޒާހަރާ ނިއްމާލިއިރު އާޓިފިޝަލްގައި ބަހައްޓާފައި ހުރި ސްކްރީނެއްގައި ރައީސް ނަޝީދު މުޒާހަރާ ކުރާ މަންޒަރުތަކާއި އަޑުތައް ދިޔައީ އިއްވަމުންނެވެ. އަދި މި ސަރުކާރުގެ ބައެއް އިސްވެރިން ފުލުހުންނަށް ދީފައިވާ ބޮޑަތި އިންޒާރުތަކުގެ ވީޑިއޯ ކުލިޕްތައް ދިޔައީ ދައްކަމުންނެވެ. އެ ކުލިޕްތައް ބެލުމަށް ގިނަ ބަޔަކު އެ ސަރައްހައްދައްޖަމާވެފައި އެބަތިއްބެވެ.
އަންނަ އާދިއްތަ ދުވަހަކީ ޒުވާނުން ސަރުކާރަށް ދޭ އެންމެ ފަހުގެ ފުރުސަތު ކަމަށް ބުނާ އެ މަޝްވަރާތައް އޮންނާނީ އެދުވަހު ހަވީރު ހަތަރެއް ޖަހާއިރު އެވެ.
---
ޒުވާނުންގެ މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވި ދާދި ދެންމެއަކު ނިންމާލައިފި އެވެ. ޒުވާނުންގެ އެއްވުން ނިންމައިލީ ސަރުކާރަށް ވަރަށް ބޮަޑަށް ފާޑުކިޔައި އިންޒާރުތައް ދެމުންނެވެ. އަދި މި ސަރުކާރަށް ވެރިކަމަށް ދެން ނާދެވޭނެ ކަމަށާއި އެކަން ވިޔަ ނުދޭ މަސައްކަތް ކުރާނަ ކަމަށް ގޮވައިލަމުންނެވެ. އެއްވުމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހު މުޒާހަރާތައް އަލުން ފަށާނެ ކަމަށާއި އަދި ސްކޫލްތަކުގެ އިމްތިހާނު ނިމުމުން ބޮޑުވެގެންވާ މުޒާހަރާއެއް ޖައްސަން ޒުވާނުން ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށެވެ. މިޗަގު އެއްވުން ނިންމާލުމަށްފަހު އެއްވެ ތިބި މީހުން ގެންދަނީ ޒުވާނުން އަންހެން ކުދިން ކޭކް ކަމުންނެވެ. ޒުވާނުންނާއި އެއްވެފައިވާ އެންމެން ކޭކް ކާއިރު ރައީސް ނަޝީދު ކުރިން މުޒާހަރާތަކުގައި އެމަނިކުފާނު އުޅުއްވާ މަންޒަރުތަކުގެ ވީޑިއޯ ފްޓޭޖާއި ފުލުހުންނަށް އަނިޔާ ކުރުމަށް ރައީސްގެ ޕްރެސް ސެކްރެޓަރީ ގޮވާލާފައިވާ ވީޑިއޯއެއް ބޮޑު ދައްކަމުން އެބަދެ އެވެ.
23:01 މިވަގުތު ވާހަކަ ދައްކަނީ ޒުވާނުންގެ މުޒާހަރާގައި ތަރުޖަމާނެއްގެ ގޮތުން ހަރަކާތްތެރިވާ އަހުސަން. އެނާ ހިއްސާ ކުރަމުންދަނީ ސަރުކާރާއެކު ދެއްކި ވާހަކަތަކުގެ ތަފުސީލު
http://sun.mv/albums/l_931.jpg
22:47 މިހާރު ވާހަކަފުޅު ދައްކަވަނީ ދުންޔާ މައުމޫން. އޭނާ ވިދާޅުވީ ޒުވާނުންގެ ސިލްސިލާ މުޒާހަރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު ކަމަށް. އަދި މުޒާހަރާތަކާބެހޭ މައުލޫމާތު ބޭރު ގައުމުތަކުގެ ސަރުކާރުތަކަށާއި މިޝަންތަކާއި މީޑިއާއަށް ހިއްސާ ކުރަމުންދާ ކަމަށް ވިދާޅުވި
22:45 ޒުވާނުން ގެ އެއްވުން ނިންމާލަން ގަސްދުކޮށްފައި ވަނީ މިރޭ 12:00 ޖަހާއިރު ކަމަށްވޭ. މިވަގުތު ވާހަކަފުޅު ދައްކަވަނީ މެންބަރު ނިހާން. މިހާރު ވަރަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.
22:37 ޒުވާނުންގެ އެއްވުމުގައި ބައިވެރިވާ ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޒުވާން އަންހެން ކުދިންތަކެއް އެއްވުމަށް ގެނައި ކޭކް ދެންމެ ފަޅައިފި އެވެ. މި ކޭކް ފެޅީ ސިލްސިލާ މުޒާހަރަތަކުގައި ފުލުހުން ހައްޔަރުކޮށް އަށް ދުވަސް ވަންދެން ޖަލުގައި ބަހައްޓާފައި މިއަދު ދޫކޮށްލި ޒުވާނެކެވެ.
http://sun.mv/albums/l_927.jpg
22:25 ހޯމް މިނިސްޓަރު އަފީފު ނުހަމަ ގޮތުގައި ފުލުހުންގެ ބާރު ކުރަމުންދާ ކަމަށާއި މިނިސްޓަރުގެ މައްޗަށް ދައުވާ ކުރާނެ ކަމަށްވެސް ގޮވަމުން އެބަދޭ. އެ މީހުން ބުނަނީ އެކަން ސާބިތުވާނެ ވީޑިއޯ ހެކި އެބަހުރި ކަމަށް
22:21 އާޓިފިޝަލް ބީޗްގައި ޒުވާނުން ކުރިޔަށްގެންދާ އެއްވުމުގައި މާ ބޮޑު އިތުރު ހަރަކާތެއް ނެތެވެ. މައިގަނޑު ގޮތެއްގައި ގޮވައިލަމުންދަނީ އަގުތައް އަތްފޯރާ ފަށަށް ތިރި ކުރުމަށާއި އެކަންކަން ހައްލު ނުކުރާނަމަ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ސިލްސިލާ މުޒާހަރަތައް ކުރިޔަށްގެންދާނެ ކަމަށެވެ.
http://sun.mv/albums/l_932.jpg
21:59 ޒުވާނުންނަށް ހިތްވަރު ދިނުމަށް ކަމަށް ބުނަ ޒުވާން އަންހެން ކުދިންތަކެއް ދެންމެ އާޓިފިޝަލް ބީޗަށް ކޭކެއް ގެނެސްފި، ޒުވާނުންގެ ފަރާތުން ބުނަނީ މި ކޭކަކީ ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޒުވާން އަންހެން ކުދިންނާއި އެކުދިންގެ މައިންބައިގެން ގުޅިގެން ގެންދިޔަ ކޭކެއް ކަމަށް.
21:52 މިވަގުތު އާޓިފިޝަލް ބީޗްފައި ފުދޭވަރަކަށް ގިނަ މީހުން ވަނީ ޖަމާވެފަ އެވެ. މިހާރު ވާހަކަފުޅު ދައްކަވަނީ މެންބަރު އިލްހާމެވެ. އޭގެ ކުރިން މުޅިން ވެސް ވާހަކަ ދެއްކީ ޒުވާނުންނެވެ. އެމީހުން ބުނެފައި ވަނީ އަގުތަކުގެ މައްސަލައިގައި ސަރުކާރާއެކު ދައްކާވަހަކަތަކުގައި އާދިއްތަ ދުވަހު މަގެއް ނުފެނިއްޖެ ނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާތައް އަލުން ކުރިޔަށްގެންދާނެ ކަމަށެވެ.
21:41 މިހާރު ފުދޭވަރަކަށް ވަނީ މީހުން ޖަމާވެފައި. އަދިވެސް އެކި ޒުވާނުން ވާހަކަ ދައްކައި ޝުއޫރު ފާޅު ކުރުން ފިޔަވައި އިތުރު ކަމެއް ނުހިނގާ
21:23 މިވަގުތު ޕޯޑިއަމްގައި ޒުވާނަކު ވާހަކަ ދައްކަނީ. އެހާ ގިނަ ބަޔަކު މިވަގުތަކު ނެތް. ފުލުހުން ވަނީ މުޒާހަރާތައް އަލުން ފަށައި ގަވައިދާ ހިލާފުވާ ފަރާތްކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ މިރޭ ބަޔާނެއް ނެރެފައި.
ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި މާލޭގައި މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާތައް ހަފުތާއަކަށް މެދުކަނޑައިލުމަށް ފަހު، އާޓިފިޝަލް ބީޗަށް މިރޭ ޒުވާނުން އެއްވެސް ޝުއޫރު ފާޅުކުރަން ފަށައިފި އެވެ. އަލުން ޒުވާނުން އެއްވި ނަމަވެސް ސިލްސިލާ މުޒާހަރާތައް ހުއްޓައިލިއިރު ސަރުކާރާއެކު ފަށާފައިވާ މަޝްވަރާތަކުން ވެސް މިހާތަނަށް ވަނީ އެއްވެސް ނަތީޖާއެއް ނުނުކުމެފަ އެވެ.
ޒުވާނުން ސިޔާސީ ފަރާތްތަކާ ގުޅިގެން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުންގެ ކޮމެޓީގެ މެންބަރު އަބްދުﷲ ރިފާއު )ބޮޗޭ( ބުނީ ސަރުކާރާއި މުޒާހަރާ ކުރާ ޒުވާނުންނާއެކު ކުރާ މަޝްވަރާތައް ނިމިފައި ނުވުމުން މިރޭ މުޒާހަރާ ކުރާނީ ހަމައެކަނި އާޓްފިޝަލް ބީޗުގައި ކަމަށެވެ.
ޒުވާނުން ފެށި ސިލްސިލާ މުޒާހަރާތައް މެދުކަނޑައިލީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.