ދިވެހިރާއްޖެއާ އެކު ފްރީޓްރޭޑް އެގްރިމެންޓް ހެދުމަށް ހޮންކޮންގުން ޝައުގުވެރިިކަން ފާޅުކޮށްފައިވާ އިރު، އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އޮޓޮނޮމަސް ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ ހޮންކޮންގުން މި މަހުގެ ކުރީކޮޅު ވަނީ، ރާއްޖެއާ އެކު ފްރީޓްރޭޑް އެގްރިމެންޓެއް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މިއަދު ނިމިގެން ދިޔަ ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމެންޓުގެ ތިންވަނަ މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ފްރީޓްރޭޑް އެގްރިމެންޓެއް އެކުލަވާލުމަށް ހޮންކޮންގުން ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ، އެކަމާ ބެހޭ މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ފްރީޓްރޭޑް އެގްރިމެންޓެއްގައި ހޮންކޮންގްގެ ބައިވެރިވުން ގެންނާނީ ކިހާ މިންވަރަކަށް ކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހޮންކޮންގުން ވެސް ފްރީޓްރޭޑް އެގްރިމެންޓުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ވަނީ އެކަށައަޅާފައި. މިހާރު މަޝްވަރާ ކުރަމުން މި ދަނީ، ކޮން ލެވެލެއްގައިތޯ ހޮންކޮންގްގެ ބައިވެރިވުން ގެންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މެއި މަހުގެ ހަވަނަ ދުވަހު ހޮންކޮންގް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއާ އެކު ފްރީޓްރޭޑް އެގްރިމެންޓު ހެދުމަށް ދާދި އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. އެގައުމުން ނިންމީ، ރާއްޖޭގެ އިތުރުން ހުޅަނގު އޭޝިއާގައި އޮންނަ ޖޯޖިއާއާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށެވެ.

"މި ދެ ގައުމަކީ ވެސް، ތަރައްގީ ވާނެ ކަމުގެ ބޮޑު އުންމީދެއް އޮތް ދެ މާކެޓު. ދެގައުމުގެ އިގްތިސާދާ އެކު ވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ހަދައިފި ނަމަ ހޮންގްކޮންގަށް ވަރަށް ފައިދާ ކުރާނެ. އަދި ހޮންގްކޮންގެ ފްރީޓްރޭޑް ނެޓްވޯކް އެސަރަހައްދުތަކުގެ އެހެން ގައުމުތަކަށް ފުޅާކުރުމަށް އެހީތެރިވެދޭނެ،" ހޮންގްކޮންގ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެފައިވެއެވެ.

ހޮންގްކޮންގް ސަރުކާރުން ވަނީ، ރާއްޖެއާއި ޖޯޖިއާއާ އެކު ފްރީޓްރޭޑް އެގްރީމެންޓް ހެދުމުގެ ރަސްމީ ޑޮކިއުމެންޓް ވެސް އާންމުކޮށްފަ އެވެ.

ޑޮކިއުމެންޓުގައި ބުނެފައިވާ މައިގަނޑު ކަންކަން

  • ޓެރިފް ދަށް ކުރުން ނުވަތަ ކަނޑާލުން:
    • މިހާރު ހޮންގްކޮންގުން ރާއްޖެއަށް އެތެރެކުރާ މުދަލަށް 20.8 ޕަސަންޓުގެ ޓެރިފް ދައްކަންޖެހޭ. ހޮންގްކޮންގުން ބުނީ އެގްރީމެންޓު ހެދިއްޖެ ނަމަ ރާއްޖޭގެ ޕްރޮޑަކްޓުތަކަށް ހޮންގްކޮންގުން ކަނޑައަޅާފައިވާ ޓެރިފް ކަނޑާލާނެ ކަމަށް. އަދި ރާއްޖެއިން އެގައުމުގެ ޕްރޮޑަކްޓްތަކަށް ކަނޑައަޅާފައިވާ ޓެރިފް ކުޑަކުރުމަށް ނުވަތަ އުވާލުމަށް މަޝްވަރާ ކުރާނެ ކަމަށް.
  • މާކެޓަށް ވަނުމާއި އޮޕަރޭޓް ކުރުމުގެ ފަސޭހަކަން:
    • ހޮންގްކޮންގްގެ ޚިދުމަތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ސަޕްލަޔަރުންނަށް ރާއްޖެއާއި ޖޯޖިއާގެ މާކެޓުތަކަށް ވަނުމަށް ފަސޭހަކަން ހޯދަން މަޝްވަރާ ކުރާނެ ކަމަށް ހޮންގްކޮންގުން ބުނޭ.
  • އިންވެސްޓް ކުރުމާއި މަސައްކަތް ކުރުމުގެ ފަސޭހަކަން:
    • އެއްގައުމުން އަނެއް ގައުމުގައި އިންވެސްޓް ކުރުމަށާއި، އެކަން ކުރުމަށް ރަނގަޅު މާހައުލެއް ގާއިމުކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ހޮންގްކޮންގުން ބުނޭ.
  • ހުރަސްތައް ނައްތާލުމާ، ކަސްޓަމްސް ޕްރޮސީޖާ ފަސޭހަކުރުން:
    • ދެގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރި ގުޅުމަށް އެޅޭ އެހެނިހެން ހުރަސްތައް ނައްތާލުމަށާއި، ވިޔަފާރި ހަރުދަނާ ކުރުމަށް މިންގަނޑުތަކެއް ގާއިމުކުރުމަށާއި، ކަސްޓަމްސް މެދުވެރިކޮށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މަސައްކަތް ފަސޭހަ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް މަޝްވަރާ ކުރާނެ ކަމަށް ހޮންގްކޮންގުން ބުނޭ.

ހޮންގްކޮންގުން ބުނާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއާ އެގައުމާ ދެމެދު 276 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވިފައި ވެ އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް، ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރި ވަނީ 38 ޕަސަންޓު ކުރިއަރާފަ އެވެ.