މަސް ކަނޑާ އަށިމައްޗަށް ކުޅުޖަހާ ވާހަކައާއި ކިލާފެނުން ތަރުކާރީ ދޮވެ ވިއްކާކަން އެނގުނީ އާންމު ފަރާތަކުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އެވީޑިއޯތައް ހާމަކުރުމުންނެވެ. ރާ ހިމެނޭ ސޯސްއެއް މާލޭގެ ފިހާރަތަކުގައި ވިއްކަމުން ދިޔަކަން އެނގުނީ އާންމުން އޭގެ ފޮޓޯނަގައި ސޯޝަލް މީޑިއާގައި ހާމަކުރުމުންނެވެ. ވަޅޯމަސް މާރުކޭޓުގައި ބުޅަލާއި މީދަލުގެ އުނދަގޫބޮޑުވެ ކާބޯތަކެތީގެ މަތިން އެއެއްޗެހި ދުވާކަމާއި ކިލާފެނުގައި ބަހައްޓައިގެން މަސްމާރުކޭޓުގައި މަސް ވިއްކާކަން އެނގުނީ ލިޔުމުންނެވެ. މިހެން ކިޔާނެ ކަމެއްނެތެވެ. ކޮންމެ މިފަދަ ކަމެއް ސަމާލުކަމަށް ގެނެސްފައި ވަނީ މިކަހަލަ ގޮތަކަށެވެ. އެހެންކަމަށްވާ ނަމަ ރައްކާތެރި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ޓަކައި ދައުލަތުން ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ޒިންމާއަކީ ކޮބައިތޯ އެވެ؟

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އާންމުންނަށް ކާބޯތަކެތި ވިއްކާ ފިހާރަތަކުން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ރާ ހިމެނޭ ތަކެތި ވިއްކަން ހުރުމަކީ ކުޑަކެއް ނޫނެވެ. ނަމަވެސް އެކަން މިވަނީ ހިނގައިފަ އެވެ. މާލޭގެ ފިހާރަތަކުގައި ވިއްކަން ހުރި ލެގޯ ބްރޭންޑްގެ "އިޓާލިއަން ޗިކަން ސްކޮލަޕީނީ" ކިޔާ ސޯސްއެއްގައި ރާހުރިކަން ވަނީ ޔަގީންވެފަ އެވެ. އެކަން އެނގުނު އިރު އޭގެ ސޯސް ވަނީ ވިކިފަ އެވެ.

ރާ ހިމެނޭ ކަމަށް ބެލެވޭ ސޯސް--

ރަލުން އުފައްދާފައިވާ އެސޯސް "ހަލާލް" ބްރޭންޑް ޖަހައިގެން އެތެރެކޮށް ވިއްކި އިރު އެކަންވެސް ސަމާލުކަމަށް ގެނެސްފައި ވަނީ އާންމު ފަރާތަކުންނެވެ. އެތަކެތި ރާއްޖެ އެތެރެކޮށް ފިހާރަތަކާއި ހަމައަށްދިޔަ އިރު ކަމާ ބެހޭ ފަރާތްތައް ކޮބައިތޯ އެވެ. ރާއްޖެއަށް އެތެރެވެ ރާއްޖެ އިން ބޭރުކުރާ ތަކެތި ބަލަހައްޓާ ކަސްޓަމްސްގެ ޒިންމާ ކޮބައިތޯ އެވެ؟

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ، ދަޅުކާނާ އާއި އެފަދަ ތަކެތި ޗެކްކުރާ އިރު ބަލަމުންދަނީ އެންމެ ރިސްކު ލެވަލްގައި ނޫން ކަމަށެވެ. އެހެންނަމަވެސް ކުރިއަށްއިތްތަނުގައި އެގޮތަށް ފާހަގަކުރެވޭ ތަކެތި ހިމެނޭ ބްރޭންޑްތަކާއި އެފަދަ ތަކެތި ރަނގަޅަށް ބަލަހައްޓަމުންގެންދާ ކަމަށް ވިދާޅުވި އެވެ.

"އެދުވަހު ނެގުނު ސޯސްގެ ބްރޭންޑް އެއްޗެހި އަޅުގަނޑުމެން އިތުރަށް ބެލުމަށް ޕޯޓްތަކަށް މިވަނީ އެންގިފައި. މިގޮތަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ބައެއް ބާވަތްތަކުގެ މުދާ ދޫކުރުމުގައި އޭގެ އިންގްރެޑިއަންޓްސް ބަލައި ޗެކްކުރަމަށް ލަފާދީފައިވާނީ." ނިޔާޒު ވިދާޅުވި އެވެ.

މޭވާ އާއި ތަރުކާރީ ކަމާ ބެހޭ ފަރާތްތަކުން ބަލައި ފާސްކުރުމަށް ފަހު ދޫކުރާއިރު ކެމިކަލް އާއި އެފަދަ ތަކެތި ދޫކުރަނީ ޑިފެންސްގެ ހުއްދަ ލިބިގެން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

އެހެންކަމަށްވާ ނަމަ އަދިވެސް ރާއްޖެއަށް އެފަދަތަކެތި އެތެރެވުމުގެ ފުރުސަތު އެބައޮތެއް ނޫންތޯ އެވެ. ކިތަންމެ ކުޑަ ނަމަވެސް އެތަކެތި ވެސް ބެލޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެ އެވެ. އެހެން ނޫން ނަމަ ކުދިކުދި އެތިއެތިކޮޅުން ގަވައިދާ ހިލާފްތަކެތި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެހެންކަމުން އެކަންކަން ހައްލުކުރުމަށް އެ ޕްރޮޑަކްޓެއް އެތެރެކުރާއިރު އެހުށަހަޅާ ޑޮކިއުމަންޓް ވެރިފައިކުރަންޖެހެ އެވެ. ފަސޭހަގޮތްތަކެއްގެ ބަދަލުގައި ހަރުކަށި އުސޫލްތަކެއް އޮންނަންޖެހެ އެވެ.

ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ބެލެހެއްޓުމަކީ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޒިންމާއެކެވެ. އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވާ ގޮތުގައި ވަކިވަކި ޕްރޮޑަކްޓުތައް ބެލުމަކީ ވަރަށް ދަތިކަމެއް ކަމަށާއި އެފަދަ ކަންކަން ހައްލުކުރަންޖެހޭނީ އުސޫލް ހަރުދަނާ ކޮށްގެންނެވެ.

"ދުނިޔޭގެ އެއްވެސް ގައުމެއްގައި ވަކިވަކިން ޕްރޮޑަކްޓްތަކެއް ނުބައްލަވާނެ އެތެރެވާއިރުގައެއް، ދެން ރިސްކްބޭސް އަށް ވަކި ޕަސެންޓޭޖެއް މިބަލަނީ، އެހެންވީމަ ވަކި ޕަސެންޓޭޖެއް ބައްލަވާއިރު ޕޯޓުން ފަހަރެއްގައި މިސާލަކަށް 30 ޕަސެންޓް ބަލަމުންދަންޏާ އަނެއް 70 ޕަސެންޓުގައި ނުކުމެދާނެ ނޭނގޭ އެއްޗެއް." ސާޖިދާ ވިދާޅުވި އެވެ.

ފިހާރަތަކުގައި ވިއްކާމުދަލުގެ ފެންވަރުވެސް އެހާދަށް

ހަމައެކަނި ރާހުރި މައްސަލައެއް ނޫނެވެ. ފިހާރަތަކުގައި ވިއްކަން ހުންނަ ތަކެއްޗާއި ދޭތެރޭ ރައްކާތެރިކަމުގެ އެއްވެސް ޔަގީންކަމެއްނެތެވެ. މިކަންކަން ރަނގަޅަށް މޮނީޓާ ނުކުރެވި ވަނިކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭ ހަބަރަކީ މަގުގައި ފެންބޮޑުވުމުން އެހިރަފުސް މަގުން ތަރުކާރީދޮވެ ވިއްކަން ބަހައްޓާ ކަމެވެ. މިފަދަ ކިތައް ކަންތައް ހިނގާނެތޯ އެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި އެކަންކަން ރަނގަޅު ކުރެވޭނީ މާކެޓު ސަވައިލެންސުގެ ތެރެއިންނެވެ. މާކެޓް ސަވައިލެންސް ނުވަތަ ވިޔަފާރިތައް މޮނީޓާ ކުރަން ފެށުމުން އެފަދަ ކަންކަން ފާހަގަކުރެވި އިސްލާހު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގެ ފިހާރަތަކުގައި ކާބޯތަކެތި ވިއްކަނީ ރައްކާތެރިކަމާއެކުތޯ ބެލުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައެއްނެތެވެ. ނަމަވެސް ފަހުން މިކުރިމަތިވި މައްސަލަތަކާއެކު މިހަފްތާގެ ތެރޭގައި މިވަނީ އެމަސައްކަތް ފަށާފައެވެ. އެމަސައްކަތް ކުރާތާ މިވީ ދެ ތިން ދުވަހެއްގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ސާޖިދާ ވިދާޅުވި އެވެ. އެގޮތުން ކާބޯތަކެތި ބެހެއްޓުމާއި ގުދަން ކުރުމުގެ އިތުރުން ސާފްތާހިރުކަމުގެ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް އެއްކަހަލަ މައްސަލަތަކެއް މިފާހަގަ ކުރެވެނީ، ޕެސްޓް ކޮންޓުރޯލްގެ މައްސަލައާއި ކުދިކުދި ފިހާރަތަކުގައި ތޮއްޖައްސައިގެން އެއްޗެހި ބެހެއްޓުމާއި މިކަހަލަ މައްސަލަތައް،" ކަމަށް ސާޖިދާ ވިދާޅުވި އެވެ.

އެހެންވީމަ ވިސްނަވާށެވެ. މިއޮއް ހުރިހާ ދުވަހު ކަމުންމިގެންދިޔައީ އެފާހަގަކުރެއްވި މައްސަލަތަކާ އެކު ވިއްކަމުންދިޔަތަކެއްޗެވެ. ފިހާރަތައް މުޑުދާރުކަމާއި ސިއްހަތަށް ރައްކާތެރި ނޫން ގޮތްގޮތަށް މުއްދާވިއްކުން ހުއްޓުވުމަށް މި ހުރިހާ ދުވަހު އެމްއެފްޑީއޭއިން ނުނިކުތީ ކީއްވެގެންތޯ އެވެ؟

ދިވެހި އުފެއްދުންތަކުގެ ވެސް ރައްކާތެރިކަމެއްނެތް

ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ތަކެތީކެ އެކަންޏެއްނޫނެވެ. ރާއްޖޭގެ އުފެއްދުންތައް ވިއްކާ މާކެޓުތަކުގެ ހާލަތުވެސް ހަމަމިވަނީ އެހާ ދަށުދަރަޖައިގަ އެވެ. އެގޮތުން ބަލާނަމަ މީގެ ދެތިން ހަފްތާ ކުރިން ފާހަގަވި މައްސަލައަށް ބަލަމާ ހިނގާށެވެ. ވެރިރަށް މާލޭގެ ރަސްމީ މަސް މާރުކޭޓުގެ މަސް ކަނޑާ އަށިމައްޗަށް ދަތް އުނގުޅާފައި ކުޅުޖަހައި އެތަނުގައި ފެންވަރާކަން މިވަނީ ފަޅާއަރާފަ އެވެ. އެކަން މީޑިއާގެ ސަމާލުކަމަށް އައުމާއެކު އެތަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ހެލްތު ޕުރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވެސް ދިން ޖަވާބަކީ އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެހެންކަމުން އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ގަބޫލް ކުރަންޖެހޭ ހަގީގަތަކީ އެތައް ބަޔަކު ކާން ގަންނަ ކަނޑުމަސް ވިއްކާތަނުގެ ހާލަތު އެހާ ހިސާބަށް ނުދަނީސް އެތަނުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަންޖެހޭ އެޗްޕީއޭއަށް އެކަން ކުރަންޖެހޭނެކެމެވެ. ސޯޝަލް މީޑިއާއަށްވުރެ އެޗްޕީއޭ ފަދަ މުއައްސަސާތައް ހަރުދަނާވާންޖެހޭނެ ނޫންތޯ އެވެ.

މަސްމާރުކޭޓުގެ ސާފުތާހިރުކަން ދަށްވެފައިވާތީ އާންމުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، މަސްމާރުކޭޓު ރައްކާތެރިތަނަކަށް ހެދުމުގެ ޑްރާފްޓް މިހާރު ވަނީ ނިމި ގެޒެޓް ކުރުމުގެ މަގުމަތީ ކަމަށެވެ. އެއަށް ފަހު އެޗްޕީއޭގެ ދަށަށް އެތަން ގެނެވޭނެ ކަމަށާއި އެއާ އެކު މަސް މާރުކޭޓުން ޚިދުމަތްދެމުން ދާނީ އެޗްޕީއޭގެ ސިއްހީ މިންގަނޑުތަކަށް ރަޖިސްޓްރީ ކުރެވިގެންކަމަށް އަހުމަދު ވިދާޅުވި އެވެ.

"ސާފްތާހިރުކަމުގެ އަޅުގަނޑުމެން ބަލާ މިންގަނޑަށް ފެތިގެން ދެން އެތައް ކުރިއަށްދާނީ އޭރުން، ދެން އޭރުން އަޅުގަނޑުމެން ބަރާބަރަށް އެތަން އިންސްޕެކްޓްކުރުމާއި ހަމައެހެންމެ އަޅުގަނޑުމެން ބޭނުންވާގޮތަށް އެތަން ބައްޓަންކުރާނީ،" އަހުމަދު ވިދާޅުވި އެވެ.

މަސްމާރުކޭޓް އެކަންޏެއް ނޫނެވެ. ވަޅޯމަސް މާރުކޭޓުގެ ހާލަތުވެސް އޮތީއެހާ ދަށު ދަރަޖައިގަ އެވެ. އެއީ ބުޅަލާއި މީދަލުގެ ހާއްޔެކެވެ. ފައިދަށުން މީދާ ދުވެ އެވެ. މޭޒުތައް ދަށުން ބުޅާ ދުވެ އެވެ. އެތަނުގެ އެތަން މިތަނުގައި އެތަކެތީގެ ނަޖިހެވެ.

ވަޅޯމަސް މާރުކޭޓުގައި ހިކިމަސް ވިއްކުމުގެ ވިޔަފާރީގައި ވޭތުވެދިޔަ 10 އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ ވިޔަފާރިވެރިއެއް ކަމަށްވާ ގދ. ތިނަދޫ، އަބްދުﷲ ޔޫސުފް ބުނި ގޮތުގައި އެ މާރުކޭޓުގައި ބުޅަލާއި މީދަލުގެ އުނގަދޫ ވަރަށް ބޮޑެވެ. މަސް ވިއްކަން ބަހައްޓާފައިި ހުންނަ މޭޒުތައް ފަދަ ތަންތަނަށް ބުޅަލާއި މީދާ ނަޖިސް ބޭރުކޮށް ހަދާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެތަނުން ވިއްކާ ތަކެތީގެ ފެންވަރާއިމެދު ވިސްނާށެވެ.

ވަޅޯ މަސް މާރުކޭޓުގައި ބުޅާ-- ސަން ފޮޓޯ

ވެރިރަށް މާލެއަށް ވަޅޯމަސް ވިއްކާ މާރުކޭޓުގެ ހާލަތު މިއީ ހުރި ހިސާބެވެ. އެތައް ގޭބިސީއަކާއި ކެއިންބުއިމުގެ ހިދުމަތްދޭ އެތައް ތަނަކަށް އެތަނުން ދަނީ މަސް ވިއްކަމުންނެވެ. އެ މަސް އެތައް ބަޔަކު އެދަނީ ކަމުންނެވެ. މިއީ ސިއްހީގޮތުން އޮތް ބޮޑުބިރުވެރިކަމެކެވެ.

އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވި ގޮތުގައި ވަޅޯމަސް މާރުކޭޓުގެ ސާފުތާހިރުކަން ދައްވުމުގެ މައްސަލަތައް ވަނީ އެ އިދާރާއަށް ހުށައެޅިފަ އެވެ. އެމާރުކޭޓުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއަށް ފަހު އެތަން ރަނގަޅު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާއެކު ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހައްލު އަވަސްކުރަން ޖެހޭ

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ރައްކާތެރި ކާނާކެއުމަކީ އެންމެ މުހިންމުކަމަށްވާއިރު ކުރުގޮތަކަށް އިސްވެ މިފާހަގަ ކުރީ ރާއްޖޭގެ ކެއިންބުއިމުގެ ތަކެތި ފޯރުކޮށްދިނުމުގެ ހާލަތު ހުރިގޮތެވެ. މިހާ ހިސާބަށް ކަންކަންގޮސް އެކަންކަންވެސް ސަމާލުކަމަށް އައިސްފައިމިވަނީ އަމިއްލަ ފަރާތްތަކުން ސޯޝަލް މީޑިއާގަޔާއި ބައެއް މީޑިއާތަކުން ކުރި ރިޕޯޓްތަކުގެ ސަބަބަބުންނެވެ.