26 May 2016, 22:17
ޗައިނާއާ ރާއްޖެއާ ދެމެދު އެކުލަވާލަން ހަމަޖެހިފައިވާ ފްރީޓްރޭޑް އެއްބަސްވުމުގައި މި އަހަރު ތެރޭގައި ސޮއި ކުރެވޭނެކަން ޔަގީންވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި މި ހަފްތާގައި ފެށި، ޗައިނާ އަދި ރާއްޖޭގެ ފްރީ ޓްރޭޑް އެގްރިމެންޓް އެކުލަވާލުމުގެ މަޝްވަރާގެ ތިންވަނަ ރައުންޑް މިރޭ ވަނީ ނިންމާލާފަ އެވެ.
މިއަދުގެ މަޝްވަރާތައް ދިގު ދެމިގެން ދިޔަ އިރު، ޗައިނާއާ ރާއްޖެއާ ދޭތެރޭގައި ކުދިކުދި ދެބަސްވުންތަކެއް އުފެދުނު ކަން އެނގިފައި ވެ އެވެ. އެހެން ނަމަވެސް މަޝްވަރާ ކޮށްގެން ދެބަސްވުން ނައްތާލައި، ދެގައުމުން ވަނީ މަޝްވަރާގެ ތިންވަނަ ބުރު ކާމިޔާބު ކަމާ އެކު ނިންމާލާފަ އެވެ.
މަޝްވަރާތައް ނިންމާލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާއާ ރާއްޖެއާ ދެމެދު މި އަހަރު ތެރޭގައި ފްރީ ޓްރޭޑް އެގްރީމެންޓް އެކުލަވާލައި، އޭގައި ސޮއި ކުރެވޭނެ ކަމުގެ ޔަގީންކަން މި ބުރުގެ މަޝްވަރާތަކުން ލިބިއްޖެ ކަމަށެވެ.
"މި ރައުންޑުގެ މަސައްކަތް ނިމުނު އިރު ޔަގީން ކޮށްދީފި، މިހާރު މި އަހަރުގެ ނިޔަލަށް ފްރީޓްރޭޑްގެ އެއްބަސްވުމަކަށް އާދެވޭނެކަން. މި ބުރުގެ އެންމެ ބޮޑު ކާމިޔާބަކީ މި މަސައްކަތް މި އަހަރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ލިބުން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، މަޝްވަރާގެ ތިންވަނަ ބުރު ނިމިފައިވާ އިރު، ފައިނަލް މަޝްވަރާ ބުރެއް މި އަހަރުގެ އޯގަސްޓް މަހު ބެއިޖިންގގައި އޮންނާނެ ކަމަށާ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެއަށް ފަހު ސޮއި ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ، ދިވެހި މަސްވެރިންނަށާއި ރާއްޖޭގެ މުދާ އެކްސްޕޯޓު ކުރާ ފަރާތްތަކަށް ފަސޭހައިން، ކުޑަ އަގެއްގައި މުދާ އެކްސްޕޯޓު ކުރެވޭނެ ގޮތަކާ މެދު ކަމަށެވެ.
"ކުޑަ އަގެއްގައި ނުވަތަ ތަކުލީފެއް ނެތި ބޭރު ދުނިޔެއަށް އެކްސްޕޯޓު ކުރެވޭނެ މުދަލަށް ހެދުން [މަގްސަދަކީ]. އެކަން އަސްލު ކުރެވިއްޖިއްޔާ ވިޔަފާރިވެރިންނަށް އަސްލު ނަފާއެއް ލިބޭނީ. އެ މަގްސަދުގައި ޗައިނާއާ އެކުގައި ވާހަކަ ދެކެވެމުން ދަނީ،" ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، މި އެގްރީމެންޓުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފުރުސަތުތަކެއް ލިބޭނެ ކަމަށާއި، އެ ފުރުސަތުތަކުގެ ފައިދާ ފުރިހަމައަށް ނަގައި، ވިޔަފާރިއާ މެދު ތަފާތު ނަޒަރިއްޔާއަކުން ވިސްނުމަށް ތައްޔާރުވުމަށް އިކޮނޮމިކް މިނިސްޓަރު، ދިވެހި ވިޔަފާރިވެރިންނަށް ގޮވާލެއްވި އެވެ.