27 May 2016, 13:39
މަޝްހޫރު އެޕަލް އަދި ސެމްސަންގެ ސަޕްލަޔަރެއް ކަމަށްވާ ޓައިވާންގެ ފޮކްސްކޮން އިން 60،000 މީހުންގެ ވަޒީފާއަށް ރޮބޮޓުތަކެއް އައްޔަންކޮށްފި އެވެ.
ޗައިނާގެ ކުންޝަން ރީޖަންގެ ހެޑް އޮފް ޕަބްލިސިޓީ ޒޫ ޔުލިއަން ވިދާޅުވީ، ޝަންހާއީ ކައިރީގައި އޮންނަ ކުންޝަން ސިޓީގައި ފޮކްސްކޮން އިން ހިންގާ ފެކްޓަރީއެއްގެ ވަޒީފާތަކަށް ރޮބޮޓްތައް އައްޔަންކުރުމުން، އެ ކުންފުނީގައި މީހުން އަދާކުރަމުންދާ ވަޒީފާގެ އަދަދު 110،000 އިން 50،000 އަށް މަދުވެފައިވާ ކަމަށެވެ.
އިތުރު ކުންފުނިތަކަކުން އެމީހުންގެ ވަޒީފާތަކަށް ރޮބޮޓްތައް ތައާރަފްކުރުމަކީ ގާތްކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ފޮކްސްކޮން އިން ވަނީ އެކަން ދޮގު ކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި އެކަމުގެ ސަބަބުން އެތަނުގައި ވަޒީފާ އަދާކުރާ މީހުންނަށް ދިގު މުއްދަތަކަށް ވަޒީފާ ނުގެއްލޭނެ ކަމަށެވެ.
އެ ކުންފުނިން ބީބީސީއާ ހިއްސާކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރޮބޮޓް ތައް އައްޔަންކޮށްފައިވަނީ ތަކުރާރުކޮށް ކުރާ މަސައްކަތްތަކަށް ކަމަށެވެ.
އެކަމުގެ ސަބަބުން މަސައްކަތްކުރާ އިންސާނުންނަށް އުފެއްދުމުގައި މަރުހަލާގައި އަދާކުރަންޖެހޭ، ރިސާޗް އާއި ޑިވެލޮޕްމަންޓް އަދި ކުއަލަޓީ ކޮންޓްރޯލް ކުރުން ފަދަ މަތީ ފަންތީގެ މަސައްކަތްތަކަށް ތަމްރީން ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އިލެކްޓްރޯނިކް ސާމާނު އުފައްދާ ކުންފުނިތަކުގައި ވަޒީފާ އަދާކުރުމަށް އެކި ސަރަހައްދުތަކުން ކުންޝަންއަށް ގާތްގަނޑަކަށް 2.5 މިލިއަން މީހުން ހިޖުރަކޮށްގެން ދިރިއުޅެމުންދެ އެވެ.
މޯބައިލް ފޯނާއި އައިޕެޑް ފަދަ އާލާތްތައް އުފައްދާ ފޮކްސްކޮން ގެ ހެޑްކުއާޓާސް ޓައިވާންގައި ހުރި ނަމަވެސް، އެ ކުންފުނީގެ 12 ފެކްޓަރީއެއް ޗައިނާގައި ހިންގައެވެ.
މިދިޔަ އަހަރު ބޭންކް އޮފް އިންގުލޭންޑުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް އަހަރުތަކުގައި ގާތްގަނޑަކަށް 15 މިލިއަން މީހުންގެ ވަޒީފާތައް ރޮބޮޓްތަކަށް ގެއްލިގެން ގޮސްދާނެ ކަމަށެވެ.