ނަފްސާނީ ބައްޔަށް ފަރުވާދޭ ސައިކޮލޮޖީ ދާއިރާއިން ބެޗްލާސް ޑިގްރީ ހަދާފައިވާ ފަރާތްތަކުން ހެލްތު މިނިސްޓްރީން ރަޖިސްޓްރީ ނުކޮށްދޭތީ އެދާއިރާއިން ހިދުމަތްދޭ ކުލިނިކްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެދާއިރާގެ ތަޖުރިބާކާރުން ބުނެފިއެވެ.

ނަފްސާނީ ބައްޔަށް ފަރުވާދޭ، މޯލްޑިވްސް އިނިސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓުރެއިނިން އެންޑް ރިސާޗް(މިޕްސުޓާ) އާއި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިން ވަނީ އެ ދެ ކުލިނިކްގައި މަސައްކަތް ކުރާ ސައިކޮލޮޖިސްޓުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށްދޭތީ އެދެ ކުލުނިކް ހިންގުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ.

މިޕްސުޓާ ކުލިނިކް--

މޯލްޑިވްސް އެެލައިޑް ހެލްތު ކައުންސިލުން ބުނެފައިވަނީ ސައިކޮލިޖިސްޓެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ސައިކޮލޮޖީ އިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ސައިކޮލޮޖީގެ ކިޔެވި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް އޮންނަންޖެހެއެވެ. "ސައިކޮލޮޖިސްޓްސް އެސިސްޓެންޓް"ގެ ވަގުތީ ހުއްދަ ލިބެނީ މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެގެން މިދިޔަ އޭޕްރީލާއި ހަމައަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ސައިކޮލޮޖީ އިން ބެޗްލަރސް ޑިގްރީއެއް އޮތް ފަރާތްކަށެވެ. އޭގެ ފަހުން ގުރެޖުއޭޓްވި ފަރާތްތަކަށް އެފުރުސަތެއް ނުލިބެއެވެ.

މީގެ 25 އަހަރު ކުރިން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާދެމުންދާ އަދި ރާއްޖޭގެ ފުރަތަމަ ކުލިނިކަލް ސައިކޮލޮޖިސް ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ މިހާރު އުސޫލްއޮތްގޮތުން ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީ ނަގައިގެން އަންނަ ކުދިންނަށް އެދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުއްދަ ނުލިބޭ ކަމަށެވެ.

އެކުދިންނަކީ ސައިކޮލޮޖިސްޓުންގެ ސްޕަވިޝަންގެ ދަށުން މަސައްކަތް ކުރުމުގެ ފެންވަރު ހުރި ކުދިންކަމަށާއި އެކުދިންން ބޭކާރު ކުރުމުގެ ބަދަލުގައި ކޮންމެވެސް ހުއްދައެއް ލިބެންޖެހޭ ކަމަށް ނާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ގުރެޖުއޭޓުންނަށްވެސް ކޮންމެ ވެސް ލެވަލްއެއްގައި މަސައްކަތް ކުރެވޭނެ ގޮތް އޮންނަން ވާނެއޭ، ވަރިހަމަ އަޅުގަނޑުމެންނަށް އެސިސްޓެންޓް ސައިކޮލޮޖިސްޓް ޓުރެއިނީ ކިޔަސްވެސް، މިހާރަކު އެޗާންސެއް ނެތް." ނާޒް ވިދާޅުވިއެވެ.

ނަފްސާނީ ބަލީގެ ފަރުވާދޭ އައިސީޕީއާއި ކެއާ ސޮސައިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުރަނީ-- ސަން ފޮޓޯ

އެކުދިންނަށް ތަޖުރިބާނުހޯދަން ފުރުސަތު ނުދިނުމުން އެކުދިން ނަފްސާނީ ބަލިން ހާއްސަވާނީ ކޮން ކަމަކަށްކަން ނޭންގޭނެ ކަމަށާއި މިހާރު އުސޫލްއޮތްގޮތުން ނަފްސާނީ ދާއިރާއިން ކިޔަވާ ކުދިންނަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ނާޒް ވިދާޅުވިއެވެ.

ނާޒު ވިދާޅުވީ ބެޗްލާސް ޑިގްރީ ހަދާ ކުދިންނަށް ދުނިޔޭގެ އެހެންގައުމުތަކުން ފުރުސަތު ލިބޭ ކަމަށާއި އެގޮތުން އޭނާއަށްވެސް އެލެވަލްއަށް ކިޔެވުމުން އިންޑިއާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. މިއީ ނަފްސާނީ މައްސަލަ ތޮއްޖެހިފައިވާ އަދި ފަންނީ މީހުން މަދު ގައުމަކަށްވާއިރު ޑިގްރީ ނަގައިގެން އަންނަ ކުދިންނަށް އެދާއިރާއިން ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައިރި މާސްޓާސް މީހުން އެހާ ފަންނީ މީހުން ތިބިނަމަ އެންމެ ރަނގަޅު، އަދި ކިރިޔާ ރާއްޖޭގައި ގުރެޖުއޭޓްކޯހެއް މިހެދުނީ، ދެން މިހިސާބުން ކުރިމަރާލަން ވީއެއް ނޫން ދެއްތޯ، މާދަން މިކުދިން މާސްޓާސް ހަދައިގެން އަންނަންދެން ދެއްވާށޭ ޓައިމްޕީރިއަޑް." ނާޒު ވިދާޅުވިއެވެ.

އައިސީޕީގެ ޓެކްނިކަލް ޑިރެކްޓަރު އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި ސައިކޮލޮޖިސްޓް ދާއިރާއިން އަލަށް ކިޔަވައިގެން އަންނަ ކުދިންނަށް އެސިސްޓެންޓް ސައިކޮލިޖިސްޓްގެ މަގާމު އުފައްދައިގެން ނުވަތަ އެހެން ނަމެއްގެ ދަށުން މަގާމެއް އުފައްދައިގެން ނަމަވެސް އެކުދިންނަށް އެދާއިރާ މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.

ސައުދާ ވިދާޅުވީ ސައިކޮޮޖިސްޓުންނަށް ހުއްދަ ދިނުމަށް ހެލްތު މިނިސްޓްރީގެ ބޯޑުގައި ތިބި ފަރާތްތަކުގެ ތެރެއިން އެދާއިރާގެ ތަޖުރިބާކާރަކު ނެތުމުން އެފަރާތްތަކަށް ސައިކޮލޮޖިސްޓުންނާއި ކައުންސިލިން ދޭ ފަރާތްތައް ވަކިކުރަން ނޭންގޭ ކަމަށެވެ. އެހެންކަމުން ސައިކޮލޮޖިސްޓް ކިޔަވައިގެން އަންނަ ކުދިންނަށް ކައުންސިލިންގެ ހުއްދަ ދެމުންދާ ކަމަށްވެސް ސައުދާ ވިދާޅުވިއެވެ.

ސައިކޮލޮޖިސްޓުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "ސަން"އަށް ވިދާޅުވީ ސައިކޮލޮޖީގެ ދާއިރާއިން ބެޖްލާސް ޑިގްރީ ހަދާފައިވާ ފަރާތްތަކާއި މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަންއޮތީ މަޝްވަރާ ކުރަން ކަމަށެވެ. އެކަމާއި ގުޅޭގޮތުން އަންނަ ހަފްތާގެ ތެރޭގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.

ސައިކޮލޮޖީ ދާއިރާއިން މާސްޓާސް ހަދާފައިވާ މީހުން ރާއްޖޭގައި މަދެވެ. ރާއްޖޭގައި ގިނައިން އުޅެނީ އެފަދަ ތަޖުރިބާކާރުންގެ ލަފާގެ މަތިން މަސައްކަތް ކުރާ ޑިގްރީ ފެންވަރުގެ މީހުންނެވެ.