އުމުރުން 18 އަހަރުގެ ރަކްޝިތު މެހެރާ އަކީ ލޮލުގެ ފެނުން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައިވާ ކުއްޖެކެވެ. ލޯ ފުސްވުމުގެ މައްސަލަ އޭނާއަށް ދިމާވާން ފެށީ ގުރޭޑް ހައެއްގައި ކިޔަވަމުން ދަނިކޮށެވެ.

ނަމަވެސް ހިތް އަލި، ރަކްޝިތު ކިޔެވުމަށް ބަހެއްޓި ފަރުވާތެރިކަން ކުޑަވެސް ފަނޑުވެފައެއް ނުވެ އެވެ. ރަކްޝިތުގެ ބޭބެއަށް ވެސް އެ މައްސަލަ ދިމާވެފައި ވާތީ، އެދެކުދިންގެ މައިންބަފައިން ތިބީ ރަކްޝިތަށް ވަރަށް ބޮޑަށް ފަރުވާތެރި ވެގެންނެވެ.

"ދުވަހަކުވެސް ޓިއުޝަން އަކަށް ނުދަން. ކުލާހުގައި ޓީޗަރުން ކިޔައިދޭނެ ފިލާވަޅުތައް ބާރަށް. ދެން ގޭގައި މަންމަ އަބަދުވެސް އެހީވާނެ." ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެ އެވެ.

މަންމަ އާއި ޓީޗަރުންގެ އެހީތެރިކަމާ އެކު ފިލާވަޅުތައް ދަސްކޮށް ރަކްޝިތު ވަނީ އެ އެންމެން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދާފަ އެވެ.

އިންޑިއާގެ ސެންޓްރަލް ބޯޑު އޮފް އެގްޒަމިނޭޝަނުން މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރި މި އަހަރުގެ ގުރޭޑު 12 ނިންމި ނަތީޖާތައް ދައްކާ ގޮތުން، ރަކްޝިތު ވަނީ އެވަރެޖް މާކުހަކަށް 97.4 ޕަސެންޓު މާކްސް ހޯދައިފަ އެވެ. އަދި ހިސްޓްރީ މާއްދާ އިން އޭނާ ވަނީ ފުރިހަމަ 100 މާކްސް އެއް ހޯދައިފަ އެވެ.

އެ ނަތީޖާ އާއެކު ރަކްޝިތު ވެގެން ގޮސްފައިވަނީ އޭނާ ކިޔެވި ސްކޫލުގެ އެއްވަނަ ދަރިވަރަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކެޓަގަރީ އިން އޭނާ ވަނީ މުޅި އިންޑިއާ އިން ތިން ވަނަ ހޯދައިފަ އެވެ.

ރަކްޝިތު ބުނީ ހިތްވަރާއި އެކު މަސައްކަތް ކޮށްފި ނަމަ ނުކުޅެދުންތެރިކަމަކީ ކާމިޔާބީ އަށް ވާސިލުވުމަށް އެޅޭ ހުރަހަކަށް ނުވާނެ ކަމަށެވެ.

ރަކްޝިތު ބޭނުން ވަނީ ލެކްޗަރަރ އަކަށް ނުވަތަ އިންޑިއަން ފޮރިން ސާވިސް އޮފިސަރަކަށް ވުމެވެ. (ޓައިމްސް އޮފް އިންޑިއާ)