ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ކުރި ސިލްސިލާ މުޒާހަރާތައް ހުއްޓާލުމަށް ސަރުކާރާއެކު ބޭއްވި މަޝްވަރާތައް ފެއިލްވުމުން މިރޭ އަނެއްކާ ވެސް އެ މުޒާހަރާތައް ފެށުމާ ގުޅިގެން، އެފަދަ އެއްވުންތަކުގައި ބަައިވެރިވާ ފަރާތްތަކުގެ ތެރެއިން ގާނޫނާ ގަވާއިދުތަކާ ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ނަމުގައި އެކި ސަރަޙައްދުތަކަށް އެއްވެ، ހިޔާލުފާޅުކުރާ ފަރާތްތަކުން އެހެން އާއްމު ފަރުދުންގެ ހައްގުތަކާއި މިނިވަންކަމަށް ހުރަސްނޭޅޭހެން ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން، އެތަނެއްގެ މަސްލަޙަތު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅޭނޭ ފަދަ އަމަލުތައް ނުހިންގުމަށާއި އެފަދަ ހާލަތްތަކުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ވެސް ފުލުހުންގެ ނޫސް ބަޔާނުގައި އެދިފައިވެ އެވެ.

"މިގޮތަށް މި އިލްތިމާސް ކުރަނީ ބައެއް ފަހަރު މިފަދަ އެއްވުންތައް ހަމަނުޖެހުންތަކަށް ބަދަލުވެ، ރައްޔިތުންގެ މުދަލާ ތަކެއްޗަށް ގެއްލުންވާ ހިސާބަށް ދިއުމުން އެކަމުގެ ޒިންމާ ނަގާނެ އެއްވެސް ފަރާތެއް ނުހުރުމާއި، މިފަދަ ހާލަތްތަކުގައި އަމަން އަމާންކަން ގާއިމްކުރަން ހަރަކާތްތެރިވާ ފުލުހުންނާ ކުރިމަތިލާ، ގާނޫނާއި ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ދާކަން ފާހަގަކުރެވިފައިވާތީ އެވެ،" ފުލުހުންގެ ނޫސްބަޔާނުގައިވެ އެވެ.

މީގެ އިތުރުން، މަގުތަކާއި، އާންމު ތަންތަނާއި، އާންމު ބައްދަލުވުންތަކާއި އަދި އާންމުން އެއްވާ ތަންތަނުގެ މަސްލަޙަތު ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަކީ ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތެއް ކަން ވެސް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.