ދުނިޔޭގެ ފެންވަރުގެ، ވަރަށް ބޮޑަށް ޒޫމް ކޮށްލައިގެން ނުވަތަ މައިކްރޮސްކޯޕް މެދުވެރިކޮށް ހަދާ ނާރުގެ ކުދިކުދި އޮޕަރޭޝަންތައް ނުވަތަ މައިކްރޮސްކޯޕިކް ނިއުރޯސާޖަރީގެ ހިދުމަތް އޭޑީކޭގައި ތައާރަފްކޮށް، ހިދުމަތްދޭން ފަށައިފި އެވެ.

އެ ޚިދުމަތް ދިނުމަށް އޭޑީކޭއަށް ގެނެސްފައި ވަނީ، "OPMI VARIO- 700" މެޝިނެކެވެ.

އޭޑީކޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ހިދުމަތާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، އަންނަ އަހަރުގެ މާރިޗް މަހު ފާހަގަކުރާ، އޭޑީކޭގެ 30 ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ މަހަކު ވެސް އާ ހިދުމަތެއް ހޮސްޕިޓަލުގައި ތައާރަފްކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަދު ތައާރަފްކުރި މައިކްރޮސްކޯޕިކް ނިއުރޯސާޖަރީ ހިދުމަތަކީ މިހާތަނަށް ރާއްޖެއަށް އާ ހިދުމަތެއް ކަމަށާއި އަދި ދިވެހިން އާއްމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލުތަކުގައި ވެސް އެ ހިދުމަތް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގެ ތެރެއިން --- ފޮޓޯ/ ޔޫސުފް ސޮފްވާން ރަޝީދު

އައްފާލު ވިދާޅުވި ގޮތުގައި، މިއަދު ތައާރަފްކުރި ފަދަ އިންވެސްޓްމަންޓް ގެނައުމުގެ ބޭނުމަކީ އޭޑީކޭގައި ކުރާ ސާޖަރީތަކުގެ ނަތީޖާތައް މިހާރަށްވުރެ ވެސް ރަނގަޅުކޮށް ބަލިމީހުންނަށާއި ޑޮކްޓަރުންނަށް ވެސް ފައިދާތަކެއް ކުރުވުން ކަމަށެވެ.

ނަމަވެސް، މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުން މިހާރު ވެސް ނަގަމުންދާ އަގަށް ބަދަލެއް ނުގެންނާނެ ކަމަށް އައްފާލު ވިދާޅުވި އެވެ.

އޭޑީކޭގެ ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. އަލީ ނިއާފު ވިދާޅުވީ، އެ ހިދުމަތް އެ ހޮސްޕިޓަލުގައި ތައާރަފްކުރިތާ މިހާރު ތިން ވަރަކަށް މަސް ދުވަސް ވެދާނެ ކަމަށާއި މިހާތަނަށް އެ ސިސްޓަމް ބޭނުންކޮށްގެން ވިއްސަށްވުރެ ގިނަ މީހުންގެ ނާރުގެ އޮޕަރޭޝަން އެ ހޮސްޕިޓަލުގައި ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މައިކްރޮސްކޯޕިކް ސާޖަރީގެ ސަބަބުން "ކުޑަކުޑަ ފާރުކޮޅަކުން ބޮޑު ސާޖަރީއެއް ހަދާލައިގެން ނުކުމެވޭނެ" ކަމަށެވެ.

އޭޑީކޭ އިން މައިކްރޮސްކޯޕިކް ނިއުރޯސާޖަރީގެ ހިދުމަތް މައިގަނޑު ގޮތެއްގައި ދެނީ ސިކުނޑި އަދި މައިބަނދައިގެ އޮޕަރޭޝަންތަކަށެވެ. ނަމަވެސް ލޮލުގެ ނާރުގެ ސާޖަރީފަދަ ނާރާ ގުޅޭ އިތުރު ސާޖަރީތައް ވެސް މިއަދު ތައާރަފްކުރި ހިދުމަތުގައި ބޭނުންކުރާ މެޝިނުން ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.