މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ޕްރޮގުރާމެއްގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅުވައިގެން، ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު ދެއްކެވި ވާހަކަތައް ބްރޯޑުކާސްޓު ކުރުމުގައި މައްސަލައެއް ނެތް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

އެ ރޭ ޗެނަލް 13 އިން ގެނެސްދިން "ނިވްސް ޓޯކް" ޕްރޮގުރާމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުފީދު، ރައީސް ނަޝީދާ ބެހޭގޮތުން ސާބިތު ނުހިފޭ ދޮގުވާހަކަ ދައްކާފައިވާކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެމްޑީޕީއާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.

އަދި އެ ރޭގެ ޕްރޮގުރާމުގައި ނަޝީދު ރާއްޖޭގެ ރައިސޫލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައިސްފައި ވަނީ “ޒުވާނުންނަށް މަސްތުވާތަކެތީގެ ވަބާގެ ދަޅަ ދައްކައިގެން، ރާބޮވޭނެ ގޮތްތަކެއް މަގުފަހިކޮށްދޭނެ ކަމަށް ބުނެ މިކަހަލަ ވަރަށް އެހެންކަހަލަ ނުލަފާ ޖައްބާރު ވިސްނުންތައް” ދައްކައިގެން ކަމަށް ބުނެފައިވާ ކަމަށާއި އެ ވާހަކަތައް ހަމަ އެގޮތަށް ބްރޯޑްކާސްޓްކޮށްފައި ވާކަމަށް ބުނެ އެކަން ބަލައި ދިނުމަށްވެސް ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު ބްރޯޑްކޮމް އިން ބުނެފައި ވަނީ "ނިވްސް ޓޯކް" ޕްރޮގްރާމުގައި ގެނެސްދިން ކޮންޓެންޓްގައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބެހޭގޮތުން ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް، "ކަމެއް ހިނގާފައިވާ ގޮތެއް ހާމަކުރުމަށް ޝަރުއީ ކޯޓުތަކުގެ ހުކުމަށް ރިއާޔަތްކޮށް މިފަދަ އިބާރާތްތައް ބޭނުންކުރެވޭނެ ކަމަށް" ފެންނަ ކަމަށެވެ.

އަދި އެ ކޮންޓެންޓްގައި ގެނެސްދިން ވާހަކަތައް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުވާ މިންވަރަށް ހުރި ކަމަށް ބެލެން ނެތްކަމަށް އެ މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ކަނޑަޅައިފަ އެވެ.