ސައިކަލަކާއި ޕިކަޕެއް ޖެހި މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ޒަހަމުވެއްޖެ އެވެ.

މަންޒަރުދުށް މީހަކު "ސަން"އަށް މިއަދު ބުނީ އެކްސިޑެންޓު ހިނގީ ވިލާ ކޮލެޖު ކައިރިން، ރައްދެބައި ހިނގުމުން ބޮޑުތަކުރުފާނު މަގަށް ސައިކަލުގައި ނުކުތް މީހަކު ތެޔޮ ބަރުކޮށްގެން ދިޔަ ލޮރީއެއްގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި ސައިކަލު ދުއްވަން އިން މީހާގެ ފަައި ވަރަށް ބޮޑަށް ޒަހަމުވެފައިވާ ކަމަށް މަންޒަރު ދުއް މީހަ ބުންޏެވެ.

މިއަދު ވިލާ ކޮލެޖު ކައިރިން ބޮޑުތަކުރުފާނު މަގުގައި ޖީއެން ސައިކަލަކާއި ތެޔޮލޮރީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ސަކަލުދުއްވަން އިން މީހާގެ ފައިވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި -- ސަން ފޮޓޯ އަހްމަދު މުޖްތަބާ

"ވިލާ ކޮލެޖު މަގުން ބޮޑުތަކުރުފާނު މަގަށް ނުކުންނަށް ސައިކަލު އައީ. ވަރަށް ބާރަށް އައީ ސައިކަލު. ދެން ބޮޑުތަކުރުފާނު މަގުން ދުއްވާފައި އައި ޕިކަޕެއްގައި އެ ސައިކަލު ޖެހުނީ. އެކްސިޑެންޓުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެ ސަރަހައްދުގައި ހުރި މީހެއްގެ ސައިކަލަށް އަރުވައިގެން،" އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިއަދު ހަވީރު 4:10 އެހާކަށްހާއިރު ވިލާ ކޮލެޖު ކުރިމަތިން ކަމަށެވެ. ނަމަވެސް އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް އަދި އަނިޔާވި މީހާގެ ތަފްސީލުތަކެއް ވިދާޅެއް ނުވެ އެވެ.