26 May 2016, 16:27
أبو سفيانކައުސާހިބާގެ ގަނޑުވަރުގައި
أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاކައުސާހިބާصلّى اللّـه عليه وسلّمއާ ކާވެނިބައްލަވައިގެންނެވިކަންأبو سفيانއަށް އެނގިވަޑައިގަތީ އެކަމަނާ މަދީނާއަށް ވަޑައިގެންނެވި ފަހުންނެވެ. އޭރުأبو سفيانހުންނެވީ އިސްލާމްދީނުގެ ނަބިއްޔާއާއި މުސްލިމުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމަތަކުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީތަކުގެ ސަބަބުން ވަރަށްބޮޑަށް ހިތްވަރުފުޅު އެލިފައެވެ. އިސްލާމްދީނުގެ ރަޙްމަތުގެ ފެންއާރު ޢަރަބިކަރައިގެ ހަނަފަސް ބައްރުގައި ހިނގައިގެންދިޔަ ނުދެއްވަން އަޅުއްވާނެ އިތުރު ފިޔަވަޅުފުޅެއް ޚިޔާލުފުޅަށް ނުގެންނެވިގެން ފިކުރުފުޅު ބޮޑުވެފައެވެ.
أبوسفيانއެކަމުގެ ފިކުރުގައި ހުންނަވަނިކޮށް ކޮންމެވެސްމީހަކު އޭނާގެ އަރިހުގައި ދެންނެވިއެވެ. ކަލޭގެފާނުمحمّدގެފާނާ ހަނގުރާމަކުރައްވަން ޚިޔާލުކުރެއްވުމުގެ ބަދަލުގައި އަމިއްލަފުޅުގެ ސަލާމަތްކުރެއްވޭތޯ ބައްލަވާށެވެ. ކަލޭގެފާނުގެ ދަރިކަނބަލުންرملة،محمّد بن عبد اللّـهގެ ޙަޔާތްޕުޅުގެ ބައިވެރިޔަކަށް ވެވަޑައިގެންފިއެވެ.أبوسفيانއަށް ހީފުޅުވީ އޭނާގެ ކަންފަތްޕުޅަށް ހޮނުއެޅިހެންނެވެ. ވަގުތުން އޭނާއަށް ދެއަތްޕުޅުން އިސްތަށިފުޅުގައި ހިއްޕަވައިގެން އިށީނދެވަޑައިގެންނެވިއްޖެއެވެ. އޭނާ އަމިއްލަފުޅު ނަފްސާ ވާހަކަ ދެއްކެވިއެވެ. "މިހާރަކަށްއައިސް އަހަންނާމެދު ކަންތައް ދިމާވަމުން މިއަންނަނީ ކޮންގޮތަކަށްބާވައެވެ؟ އަހަރެން ވިސްނީ އެހެންގޮތަކަށެވެ. ކަންތައް މިދިމާވީ މުޅިން ތަފާތު ގޮތަކަށެވެ. މިހުރިހާ ކަމެއް ދެކޭން އަހަރެން ދުނިޔޭގައި މިލެހެއްޓެވީ ކީއްވެގެންބާވައެވެ؟ އަހަރެން އެމީހެއްގެ ވަސްވެސް މިހަސްތީން ފޮހެލަން ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް ހިފަމުން އަންނަ މީހާގެ ގެއަށް އޭނާގެ ޙަޔާތްޕުޅުގެ ބައިވެރިޔަކަށްވެގެން އެދިޔައީ އަހަރެންގެ ލޮލުގެ ކޮއި ކަމުގައިވާ ލޮބުވެތި ދަރިފުޅެވެ. މިހާރު ދެން އަހަރެންގެ އަތުގައި އޮތީވެސް ކޮންއެއްޗެއް ހެއްޔެވެ؟ ދެން އަހަރެންمحمّدގެފާނާ ދެކޮޅަށް ހަނގުރާމައިގެ މައިދާނަކަށް ނިކުންނާނީ ކޮންމޫނަކާއިގެން ހެއްޔެވެ؟ މީހުން އަހަންނާމެދު ބުނާނީވެސް ކީކޭހެއްޔެވެ؟"
އޭނާ ތާރީޚުގެ ތެރެއަށް ވިސްނުންފުޅު ދޫކޮށްލެއްވިއެވެ. މަޑުމަޑުން ލަވައެއް އަޅުއްވައިލައްވައިފައި ވިދާޅުވިއެވެ. "އަހަރެން ޖެހޭނީ ޙަޤީޤަތް ޤަބޫލުކުރާށެވެ.محمّد بن عبد اللّـهއަކީ ވަތަކުތޯ ޖަހައިނުލެވޭނެ ޒުވާނެކެވެ. ކުރިފުޅުމަތިން ޙަމަލަދީގެން އެބޭކަލެއްގެ ނޭފަތްޕުޅު ޒަޚަމުކޮށްނުލެވޭނެ ބޭކަލެކެވެ. އެކަލޭގެފާނު އަބަދުވެސް ހުންނަވާނީ ފިސާރި މަތިހަށި ނަންގަވައިގެން ކޮޅަށެވެ. ކޮންމެ މައިދާނަކުންވެސް އެކަލޭގެފާނާ ހިނިތުންކުރާނީ ކާމިޔާބީއެވެ. އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސްދޭނީ ނަސީބާއި ނަޞްރެވެ. އަހަރެންގެ ދަރިފުޅު އެކަލޭގެފާނުގެ އަނބިކަނބަލަކަށްވެގެން އެކަލޭގެފާނުގެ ގަނޑުވަރަށް ހިނގައްޖެއެވެ. އެއްވެސް މައްސަލައެއް ނޫނެވެ. އޭނާވީ ކޮންމެތަނަކުވެސް އުފަލުގައި ލަހައްޓަވާށިއެވެ!"
އަނެއްކާވެސް ދުވަސްތަކެއް މާޒީވެގެން ހިނގައްޖެއެވެ. ޤުރައިޝުން ހުދައިބިއްޔާގެ ޞުލްޙަނާމާއާ ޚިލާފުވުމުގެ ސަބަބުން ޞުލްޙަނާމާ އުވިއްޖެއެވެ. އެ ޞުލްޙަނާމާ އާކުރަން ޤުރައިޝުން ބޭނުންވިއެވެ. އެކަމަށްޓަކައި މަދީނަތުލްމުނައްވަރާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީވެސް ޤުރައިޝުންގެ ޒަޢީމުأبو سفيانއަށެވެ. އޭނާ މަދީނާއަށް ވަޑައިގެންފައި ދަރިކަނބަލުން ދެކެވަޑައިގަތުމަށްޓަކައި ކައުސާހިބާގެ ގަނޑުވަރަށް ވަޑައިގެންނެވިއެވެ.
أبوسفيانއޭނާގެ ދަރިކަނބަލުންأمّ المؤمنين السّيّدة أمّ حبيبة رضى اللّـه عنــهاގެ ގެކޮޅަށް ވަޑައިގެންފައި އިށީނދެވަޑައިގަންނަވާން ދިމާކުރެއްވީ ކައުސާހިބާصلّى اللّـه عليه وسلّمގެ ތަންމަތިކޮޅުގައެވެ.السّيّدة أمّ حبيبة رضى اللّـه عنــهاއަވަސްއަވަހަށް ވަޑައިގެން އެ ތަންމަތިކޮޅު އޮޅައިލައްވައި އެއްފަރާތަކަށް ޖައްސައިލެއްވިއެވެ. އެތަން ފެނިވަޑައިގަތުމުންأبو سفيانއަޖާއިބުފުޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ދަރިފުޅު ބައްޕަޔާމެދު ތިޔަކަންތައްކުރިގޮތުން ވަރަށްބޮޑަށް ޙައިރާންވެއްޖައީމެވެ. ބައްޕަ މިއައީ ދަރިފުޅު ދެކޭހިތުން ދަރިފުޅުގެ ގެޔަށެވެ. އެކަމާ ދަރިފުޅު އުފާފާޅުކުރަން ޖެހޭނެއެވެ. އެކަމަކު ކަންމިވީ އެގޮތަކަށެއް ނޫނެވެ. ދަރިފުޅު ބައްޕަ ފެނުމާއެކު އިށީންނަންއޮތް ތަންމަތި އޮޅައިލައިފީމުއެވެ. ތިޔައީ ކޮންކަމެއްހެއްޔެވެ؟ ބައްޕަޔަށް މިފެނުނީ ކޮންމަންޒަރެއް ހެއްޔެވެ؟"
أمّ المؤمنين السّيّدة أمّ حبيبة رضى اللّـه عنــهاވިދާޅުވިއެވެ. "ލޯބިވާ ބައްޕާފުޅާއެވެ! މިއީرسول اللّـه صلّى اللّـه عليه وسلّمގެ ޠާހިރު ތަންމަތިކޮޅެވެ. އެއްވެސް މުޝްރިކަކަށް އެތަންމަތިކޮޅަކު ނުއިށީނދެވޭނެއެވެ. މުޝްރިކުންނަކީ ނަޖިހުން ޠާހިރުނުވާ ބައެކެވެ. ބައްޕަވެސް ތިޔަހުންނެވީ އެގޮތުގައެވެ. އަޅުގަނޑު މިތަންމަތި އެއްފަރާތްކުރީ އެހެންވެއެވެ." އެވާހަކަފުޅު އިވިވަޑައިގަތުމުންأبو سفيانވަރަށްބޮޑަށް ލަދުފުޅުގެން ވަޑައިގެންނެވިއެވެ. އެކަން ފޮރުއްވަމުން އޭނާ ވިދާޅުވިއެވެ. "ބައްޕަޔާ ވަކިވިފަހުން ދަރިފުޅުގެ ޚުލުޤު ވަރަށް ނުބައިވެއްޖެއެވެ. މިގެއިން ބައްޕަޔާމެދު މިގޮތަށް މުޢާމަލާކުރާނެ ކަމަކަށް ބައްޕަ ހީއެއް ނުކުރަމެވެ. އެންމެ ރަނގަޅެވެ. ދަރިފުޅުގެ ގޭގައި ދަރިފުޅު އުފަލުގައި އުޅޭށެވެ."
أمّ المؤمنينވިދާޅުވިއެވެ. "ލޯބިވާ ބައްޕާފުޅާއެވެ! އަޅުގަނޑުގެ އިސްލާމީ އަޚްލާޤު ލާޒިމުކުރަނީ މިގޮތެވެ. ބައްޕަޔަކަށް އެއަގުތަކެއް ވަޒަނެއް ނުކުރެއްވޭނެއެވެ. އެހެންކަމުން ބައްޕާފުޅު ދެރަފުޅުވީއެވެ. އަރަހުށި މާތްاللّـهއަޅުގަނޑަށްވަނީ އިސްލާމްދީން ޤަބޫލުކުރުމުގެ ތައުފީޤު ދެއްވައިފައެވެ. ލޯބިވާ ބައްޕާފުޅާއެވެ! ބައްޕައަކީ ޤުރައިޝުންގެ އަމީރެވެ. ބައްޕާފުޅުގެ ނަންފުޅު މަޝްހޫރެވެ. މަޤާމު މަތިވެރިއެވެ. ނަމަވެސް އަޅުގަނޑު ޙައިރާންވަނީ ބައްޕާފުޅަށް އިސްލާމްދީނުގެ މޮޅުކަން ވިސްނިވަޑައިނުގަންނަވާތީއެވެ. ބައްޕާފުޅުގެ ބުއްދިފުޅު ތަނަވަސްކަމާއެކުވެސް އެދީން ޤަބޫލު ނުކުރައްވާތީއެވެ. ދުނިޔަވީގޮތުން ބައްޕާފުޅުގެ މަޤާމު މަތިވެރިކަމާއެކުވެސް، ދީނީގޮތުން ބައްޕާފުޅު ތިޔަހުންނެވީ ނުހަނު ދަށުދަރަޖައެއްގައެވެ. ބައްޕާފުޅު އަޅުކަންކުރައްވަނީ ލޮލަށް ނުފެންނަ، ކަންފަތަށް އަޑުނުއިވޭ ހިލަގަނޑަކަށެވެ. އެހިލަގަނޑަށް އަނެކަކަށް ފައިދާއެއްވެސް ހޯދައެއް ނުދެވޭނެއެވެ. ގެއްލުމެއްވެސް ނުދެވޭނެއެވެ."
ދަރިކަނބަލުންގެ ވާހަކަފުޅު އަޑުއައްސަވައިފައިأبو سفيانވިދާޅުވިއެވެ. "އެހެންވީއިރު އަހަރެން އަހަރެންގެ ކާބަފައިންގެ ދީން ދޫކޮށްލަންވީހެއްޔެވެ؟ އެއީ ކިހިނަކުން ކުރެވޭނެކަމެއްހެއްޔެވެ؟"
أبوسفيانއެހެން ވިދާޅުވެފައިأمّ المؤمنين السّيّدة أمّ حبيبةގެ އަތްޕުޅުން ކުޑަނާސްތާއެއްވެސް ކޮށްލައްވައިގެން އެނބުރި ވަޑައިގެންފިއެވެ.
أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاހިތްޕުޅުގެ އަޑީން ދުޢާކުރައްވަމުންގެންދެވީ އެކަމަނާގެ ބައްޕާފުޅަށާއި އަޚުންނަށް ތެދުމަގު ދެއްކެވުން އެދިވަޑައިގެންނެވެ. އިސްލާމްދީން ޤަބޫލުކުރައްވައި އޭގެ ނަތީޖާއެއްގެގޮތުން މާތްاللّـهގެ ނިޢުމަތްތަކުގެ ސުވަރުގޭގެ ޙައްޤުވެރީންކަމުގައި ވެވަޑައިގަތުމުގެ ނަސީބު ލިބިވަޑައިގަތުން އެދިވަޑައިގެންނެވެ. އެކަމަނާ ވަރަށްގިނައިން ވިސްނާވަޑައިގަންނަވައެވެ. އަނެއްކާ އަހަރެންގެ ބައްޕާފުޅުވެސްأبوجهلއާއި،وليد بن المغيرةއާއި،عاص بن وائلއާއި،عتبة بن ربيعةއާއި،شيبة بن ربيعةފަދައިން ކާފަރުކަންމަތީގައި މިދުނިޔެއިން ވަކިވެވަޑައިގަންނަވާނީބާވައެވެ؟
أمّ المؤمنينއެޚިޔާލުފުޅުގައި އިންނަވަނިކޮށް މައްކާ ފަތަޙަކުރެއްވި ދުވަހުأبو سفيانއާއި، އޭނާގެ ދެދަރިކަލުންކަމުގައިވާيزيدއާއި،معاويةއިސްލާމްވެވަޑައިގަތުމުންأمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاކޮޅުނެތްކޮޅަށް އުފާކުރެއްވިއެވެ.أبو سفيانرضى اللّـه عنــهއިސްލާމްވެވަޑައިގެންނެވުމަށްފަހު އިސްލާމްދީނަށް ނަޞުރުދެއްވުމުގައިވެސް އެކަލޭގެފާނު ހުންނެވީ ނުހަނު ޖޯޝާއި ފޯރީގައި ކުރިޔަށް ނިކުމެވަޑައިގެންނެވެ. އޭނާގެ ޝަޚްޞިއްޔަތުގެ ކާފިރުކަމުގެ ދަގަނޑު އިސްލާމްވެވަޑައިގަތުމަށްފަހުވަނީ އެކަތަޔަށް ބަދަލުވެފައެވެ. ހުނައިނު ހަނގުރާމައިގައި އޭނާގެ އެއްލޯފުޅު އިސްލާމްދީނަށްޓަކައި ޤުރްބާންކުރެއްވިއެވެ. ޔަރުމޫކު ހަނގުރާމައިގައި އަނެއް ލޯފުޅު ޤުރްބާން ކުރެއްވިއެވެ.أبو سفيانއާއި އޭނާގެ ދަރިކަލުންيزيدއާއި،معاويةމުސްލިމުން ޝާމުކަރައިގައި ކުރި ޖިހާދުގައި ވަރަށް ބުޠޫލަތްތެރި ދައުރެއް އަދާކުރެއްވިއެވެ. އެބޭކަލުންގެ ގެއްލިފައިވާ ޝަރަފު ހޯއްދަވަން ނުހަނު ބުރަކޮށް މަސައްކަތް ކުރެއްވިއެވެ.
عبد اللّـه بن عبّاس رضى اللّـه عنــهماވިދާޅުވެފައިވެއެވެ.سورة الممتحنةގެ ހަތްވަނަ އާޔަތް ބާވައިލެއްވީ ކައުސާހިބާصلّى اللّـه عليه وسلّم،السّيّدة أمّ حبيبةއާ ކާވެނިބައްލަވައިގެންނެވި ދަނޑިވަޅުގައެވެ. އެއާޔަތުގައިވަނީ:
"އެއުރެންކުރެ ތިޔަބައިމީހުން ޢަދާވަތްތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައިاللّـهއެކުވެރިކަން ލައްވައިފާށިއެވެ.اللّـهއީ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދިاللّـهއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."(الممتحنة: 7)
މިފަދައިންނެވެ.إبن عبّاسވިދާޅުވާގޮތުގައިأبو سفيانއާއި،يزيد بن أبى سفيانއާއި،
أمير معاوية (رضى اللّـه عنــهم)އިސްލާމްވެވަޑައިގަތީ ކައުސާހިބާصلّى اللّـه عليه وسلّم،أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاއާ ކާވެނިބައްލަވައިގެންނެވުމުގެ ސަބަބުންނެވެ.
أمّ المؤمنين السّيّدة أمّ حبيبة رضى اللّـه عنــهاމަދީނާއަށް ވަޑައިގަތުމަށްފަހުވެސް އެކަމަނާގެ ދަރިކަނބަލުންحبيبةއަށް ރިވެތި ތަރްބިޔަތެއް ދެއްވަން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.السّيّدة حبيبة رضى اللّـه عنــهاފިރިފުރާވަރަށް އަރައިވަޑައިގެންނެވުމުން، ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ވަރަށް އަރިސް ޞަޙާބީއެއްކަމުގައިވާداؤد بن عروة بن مسعود رضى اللّـه عنــهއާ އެކަމަނާއާ ކާވެނިކޮށްދެއްވިعروة بن مسعودއަކީ ޘަޤީފުވަންހައިގެ ރައީސެވެ.
(ނުނިމޭ)