26 May 2016, 16:16
"ގެދޮރުވެރިކުރުން" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުގައި "އަޅުގަނޑުމެންނަކީ ﷲގެ ދެވަނަ ދަރިންނެއް ނޫން. އަޅުގަނޑުމެންނަކީ އެހެން ގައުމުތަކުގައި ވެސް ތިބި ފަދަ އިންސާނުން." ކަމުގައި ވިދާޅުވެފައި ވަނީ ނަޞާރާއިންނަށް ރައްދު ދިނުމަށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން ބުނެފި އެވެ.
ބްރޯޑްކޮމް އިން އެހެން ބުނެފައި ވަނީ އެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މާތްﷲ އަށް ޝިރުކުކުރެވޭ ޒާތުގެ އަދި އިސްލާމީ އަސްލުތަކާ ހިލާފަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު އާންމު ކުރި ރިޕޯޓުގަ އެވެ.
މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި އެމަނިކުފާނު އެހެން ވިދާޅުވެފައި ވަނީ، "ދިވެހިރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ދިވެހި ރާއްޖެ ތަރައްގީވެ، ކުރިއެރުމަށް ހުރަސް އެޅުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޔަހޫދީންނާއި، ނަޞާރާއިންނަށް ރައްދު ދެއްވުމުގެ ގޮތުން" ކަމަށެވެ.
އެގޮތުން އުޒައިރުގެ ފާނަކީ ﷲގެ ދަރިކަލެއް ކަމަށް ޔަހޫދީން ބުނާ ކަމަށާއި އަދި އީސާގެފާނަކީ ﷲގެ ދަރިކަލެއް ކަމަށް ނަޞާރާއިން ގަބޫލު ކުރާ އިރު، އެވާހަކަ އެގޮތަށް ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 30 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ކަމަށާއި، އަދި ޔަހޫދީންނާއި ނަސާރާއިން އެކުވެގެން "ތިމަންމެންނީ ﷲގެ ދަރިންނެވެ. އަދި ތިމަންމެންނީ ﷲ ލޯބިވެވޮޑިގަންނަވާ މީހުންނެވެ." ބުނެފައިވާ ކަމަށް ބްރޯޑްކޮމްގެ ރިޕޯޓުގައިވެ އެވެ.
އޭގެ އިތުރުން އައްތައުބާ ސޫރަތުގެ 30 ވަނަ އާޔަތާއި އަލްމާއިދަތު ސޫރަތުގެ 18 ވަނަ އާޔަތުގެ އަލީގައި ރައީސް އަބްދުﷲ ޔާމީން، ޔަހޫދީންނާއި ނަޞާރާއިންނަށް ރައްދު ދެއްވުމުގައި ވިދާޅުވެފައިވާ ވާހަކަފުޅަކީ، އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަފުޅެއްނޫން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ދިން ރައުޔުގައި ބުނެފައިވާ ކަމަށް ވެސް ބްރޯޑްކޮމް އިން ވަނީ ބުނެފަ އެވެ.
"އެ ރައުޔު އަށް ރިއާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅު ހިމެނޭ މައްސަލައާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއްވެސް ހަމަޔަކާ ހިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީ އެވެ." މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.