27 May 2016, 10:05
އިންޑިއާގެ އެންމެ ގިނަ ދުވަސްވީ ޓީވީ ޝޯ، ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓު (ސީއައިޑީ)ގެ އާ އެޕިސޯޑެއް ނުފެންނަތާ މިހާރު މަހެއް ވެއްޖެ އެވެ. ސީއައިޑީގެ އެޕިސޯޑުތައް ހުއްޓިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހު "ދަ ކަޕިލް ޝަރުމާ ޝޯ" ޕްރިމިއާ ކުރި ހިސާބުންނެވެ.
ސޮނީ އިން މެދުކެނޑުމެއް ނެތި ޝޯ ގެނެސްދޭތާ 18 އަހަރު ވެފައި ވަނިކޮށް، ކުއްލިއަކަށް ޝޯގެ އާ އެޕިސޯޑެއް ނުފެނި މަހެއް ވުމުން ޝޯ އެކީގައި ހުއްޓާލާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
ނަމަވެސް ޝޯގައި އޭސީޕީ ޕްރަދިއުމަންގެ ރޯލު އަދާކުރާ ޝިވާޖީ ސަތަމް ވަނީ ޝޯވ ހުއްޓާނުލާކަން ޔަގީންކޮށްދީފަ އެވެ.
އިންޑިއާގެ ނޫސްތަކަށް ޝިވާޖީ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޝޯ ހުއްޓާލީ ނޫން ކަމަށާއި ކުޑަ ބްރޭކެއް ނެގީ ކަމަށެވެ. އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޝޯގެ މުޅިން އާ އެޕިސޯޑުތަކެއް ފެނިގެން ދާނެ ކަމަށް ވެސް ޝިވާޖީ ވަނީ ބުނެފަ އެވެ.

ޝިވާޖީ ސަތަމް ---
"އަންނަ މަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން އަނެއްކާ ވެސް ޓީވީ އިން ޝޯ ދައްކަން ފަށާނެ،" ޝިވާޖީ ބުންޏެވެ.
ނަމަވެސް ކުއްލިއަކަށް ބްރޭކެއް ނެގި ސަބަބު ސޮނީ އިން ވެސް ހާމަކޮށްފައި ނުވާއިރު، އެ ސަބަބު ނޭނގޭ ކަމަށް ޝިވާޖީ ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް އަލުން ޝޯ ފަށާއިރު ސީއައިޑީގެ ކާސްޓަށް ބަދަލުތަކެއް އަންނާނެ ކަމަށްވެ އެވެ. އެގޮތުން ޝޯގައި އިންސްޕެކްޓާ ސަޗިންގެ ރޯލުން ފެނިގެންދާ ރިޝިކޭޝް ޕާންޑޭ އާއި ޝޯގައި ޖޭވަންތީ ގެ ރޯލުން ފެނިގެންދާ ތާނިޔާ އަބްރޯލް އަދި އިންސްޕެކްޓާ ނިކިލްގެ ރޯލުން ފެނިގެންދާ އަބޭ ޝުކްލާ ވަނީ ޝޯ އިން ބާކީ ކޮށްފަ އެވެ.
"އެކަމަކު އިތުރު އެއްވެސް މީހަކު ޝޯވ އަށް އިތުރެއްވެސް ނުކުރާނެ،" ޝިވާޖީ ބުނެފައިވެ އެވެ.

ރިޝިކޭޝް (ކ)، ތާނިޔާ (މ)، އަބޭ (ވ) - އެ ތިން މީހުން ވަނީ ޝޯވ އިން ބާކީ ކޮށްފައި --
ސީއައިޑީ އަކީ އިންޑިއާގައި ހިނގާ ތަފާތު އެކި ކަހަލަ ޖިނާއީ ކުށްތަކުގެ މައްޗަށް އަލިއަޅުވާލައިގެން 1998 ވަނަ އަހަރުން ފެށިގެން ގެނެސްދޭ ކްރައިމް-ތުރިލާ އެކެވެ. ސީއައިޑީގެ ފުރަތަމަ އެޕިސޯޑު ދައްކާފައި ވަނީ 1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
މީގެ 12 އަހަރު ކުރިން، ސީއައިޑީ އިން ވަނީ އެންމެ ޝޮޓަކުން، އެއްވެސް މެދުކެނޑުމެއް ނެތި އެޕިސޯޑެއްގެ 111 މިނެޓު ޝޫޓުކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދައިފަ އެވެ.