27 May 2016, 13:34
ދިވެހި މަސްވެރިން ބާނާ ކަޅުބިލަމަހަށް ރަނގަޅު އަގު ހޯދުމަށް އެހީތެރިވެދޭ އެމްއެސްސީ ސެޓިފިކެޓް ދެމެހެއްޓުމަށް ބޭނުންވާ ރިސޮލިއުޝަން އިއްޔެ ފާސްވެއްޖެ އެވެ.
އެ ރިސޮލިއުޝަން ފާސްވީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ޖަމިއްޔާއެއް ކަމަށްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ޖަލްސާ އަށް ރާއްޖޭގެ ފަރާތުން ހުށަހެޅި ރިސޮލިއުޝަންތަކުގެ ތެރެއިން ނެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެ ޖަލްސާ އަށް ރާއްޖޭގެ ފަރާތުން ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން އެކަމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފްރާންސްގެ ޓެރިޓަރީއެއް ކަމަށްވާ ރިޔޫނިއަންގައި ހަރަކާތްތެރިވެ ބަހުސްކުރަމުންދާތާ 10 ވަރަކަށް ދުވަސްވެފައިވާ ކަމަށެވެ.
ފިޝަރީޒުން ބުނީ އެކަމުގެ މުހިންމުކަމުން އެ ނެގޯސިއޭޝަންތަކުގައި ބައިވެރިވުމަށް ރައީސް ޔާމީން ފިޝަރީޒް މިނިސްޓަރު ޝައިނީ ވެސް ރިޔޫނިއަން އަށް ފޮނުވާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ރިސޮލިއުޝަން ފާސްކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަރަށް ގިނަ ތައްޔާރީތަކެއްވި ކަމަށާއި އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިންޑިއާ ކަނޑުގެ ގިނަ އަދަދެއްގެ އަސްސޭރިފަށުގެ ގައުމުތަކާ އެކު މަޝްވަރާތަކެއްކޮށް، ޔޫރަޕާއި އެހެން ގައުމުތަކަށް އެކި ފަހަރުމަތިން މިއަހަރުގެ ތެރޭގައި ފިޝަރީޒްގެ ޓީމުތަކުން ދަތުރުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
"ދާދިފަހުން ރައީސް ޔާމީން އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ޕްރައިމް މިނިސްޓަރާއި މަޝްވަރާ ކުރެވިފައިވެ އެވެ. ދާދި އެހަކަށް ދުވަހު ފިޝަރީޒް މިނިސްޓަރު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރާއި އެހެނިހެން ކަމާގުޅޭ ބޭފުޅުންނާއި މަޝްވަރާކޮށް ރާއްޖޭން މި ހުށަހެޅި ރިސޮލިއުޝަނަށް ތާއީދު ހޯދުމަށް މަޝްވަރާކުރައްވާފައިވެ އެވެ." ފިޝަރީޒުން ބުންޏެވެ.
ރާއްޖޭން އައިއޯޓީސީގައި ދައްކާ ނަމޫނާ އާއި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ވޭތުވެ ދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ތިން އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ. އެގޮތުން އެންމް ފަހުން ލިބުނު އެވޯޑް ލިބިފައި ވަނީ ކަނޑުމަހުގެ މަސްވެރިކަމުގެ އެންމެ ބޮޑު ބައްދަލުވުމުގައި މިދިޔަ ހޯމަ ދުވަހު ބެންގްކޮކްގައި އޮތް ބައިނަލްއަގްވާމީ ބައްދަލުވުމެއްގަ އެވެ.