13 May 2011, 20:54
އިސްލާމްއާބާދު: މާބޮޑަށް ގާތްވެ އެމެރިކާއަށް އެއްބާރުލުން ދިނުމަކީ ޕާކިސްތާނުގެ ސިޔާސީ ވެރިންގެ މުސްތަޤްބަލަށް ބިރުހުރިކަމެއް ކަމަށް ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ އިންޒާރު ކުރައްވައިފި އެވެ.
އެމެރިކާގެ "ޓައިމް" މަޖައްލާއަށް ދެއްވި ބަސްދީގަތުމެއްގައި ގީލާނީ ވިދާޅުވީ އެމެރިކާގެ ހަރުކަށި ޢަމަލުތަކާއި އެމެރިކާގެ ވައިގެ ޙަމަލާތަކުން ޕާކިސްތާނުގެ ގިނަޢަދަދެގެ ރައްޔިތުން މަރުވެ ޒަޚަމްވަމުންދިޔުމުގެ އިތުރުން ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމް ކުރުމެއްނެތި ޕާކިސްތާނުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަންނަމުން ދިޔުން ތަކުރާރު ކުރުމުގެ ސަބަބުން އެމެރިކާދެކެ ރުޅިއައިސް ނަފްރަތުވާ ޕާކިސްތާނުގެ ރައްޔިތުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމުގައެވެ.
ޕާކިސްތާނުގެ ސަރުކާރާއި ވެރިންނަކީ ދިމުޤްރާތީ ގޮތުން ރައްޔިތުންގެ އިންތިޚާބުކުރާ ބަޔަކަށްވާއިރު ރައްޔިތުންގެ ރުޅިއާއި ނަފްރަތު އަމާޒުވާ ޤައުމަކާއެކު މާބޮޑަށް ގާތްވުމަކީ ޕާކިސްތާނުގެ ވެރިންނަށް ކުރަންފަސޭހަ ކަމެއްނޫން ކަމަށް ގީލާނީ ވިދާޅުވިއެވެ.
އެމެރިކާގެ ޢަމަލުތައް މިގޮތަށް ހުންނައިރު އެެމެރިކާއާ ގުޅުންތައް ބަދަހިކޮށް އެމެރިކާއަށް އެއްބާރުލުން ދިނުމަކީ ކުރިޔަށް އޮތް އިިންތިޚާބުގައި ޕާކިސްތާނުގެ ސަރުކާރަށް ނާކާމިޔާބީ ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ގީލާނީ ވިދާޅުވިއެވެ.
ގީލާނީ އެމެރިކާއަށް ގޮވާލެއްވީ ހަރުކަށި ސުލޫކުތައް ބަދަލުކޮށް ޕާކިސްތާން ރައްޔިތުންގެ އިތުބާރު ލިބޭފަދަ މަޑުމައިތިރި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. ގީލާނީ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އުސާމާ ބިންލާދިން އަވަހާރަަކޮށްލުމަށް ކަމަށްބުނެ ޕާކިސްތާނުގައި ޤަވާޢިދާ ޚިލާފަށް އެމެރިކާ ހިންގި ޢަސްކަރީ އޮޕަރޭޝަނާ ގުޅިގެން ދެޤައުމުގެ ގުޅުންތައް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
މިމައްސަލާގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާ އާއި އެމެރިކާގެ ޖާސޫސީ އިދާރާގެ ދެމެދުގައި ކުރިންއޮތް އިތުބާރަށްވެސް ވަނީ ލޮޅުން އަރާފައެވެ. އަދި އެމެރިކާއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ޕާކިސްތާނުގެ އަސްކަރީ ޖެނެރަލެއްގެ ދަތުރުފުޅުވެސް ޕާކިސްތާނުންވަނީ ކެންސަލްކޮށްފައެވެ. -- އަލްޖަޒީރާ