26 May 2016, 15:27
ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ، ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ހިއްސާއަކަށް 17.50 ރުފިޔާ ބެހުމަށް އެކުންފުނިން ނިންމައިފި އެވެ.
އެޗްޑީއެފްސީގައި ދިވެހި ސަރުކާރުގެ 49 ޕަސަންޓު ހިއްސާ އޮވެ އެވެ. އަދި އިސްލާމިކް ފައިނެންސް ކޯޕަރޭޝަނުގެ 18 ޕަސަންޓު ހިއްސާ، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ 18 ޕަސަންޓު ހިއްސާގެ އިތުރުން އެޗްޑީއެފްސީ އިންވެސްޓްމެންޓްސް އިންޑިއާގެ 15 ޕަސަންޓް ހިއްސާ އެކުންފުނީގައި އޮވެ އެވެ.
އެޗްޑީއެފްސީ އިން ބުނާ ގޮތުން އެކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވައިފަ އެވެ.
އެޗްޑީއެފްސީގެ އޭޖީއެމްގައި ނިންމީ، ހިއްސާއަކަށް 17.50 ރުފިޔާ ބެހުމަށެވެ. އެކުންފުނީގެ އަހަރީ ރިޕޯޓާއި މާލީ ބަޔާންތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެކުންފުންޏަށް 71.4 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 60.5 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.
މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު މަތީ އަދަދެކެވެ. ދެ ހާސް ސާދަ ވަނަ އަހަރު އެޗްޑީއެފްސީ އަށް 64.6 މިލިޔަން ރުފިޔާގެ ފައިދާ ލިބުނު އިރު، ޓެކްސް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ 54.9 މިލިޔަން ރުފިޔާ އެވެ.
އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.