މި އަހަރުގެ އޭޕްރިލް މަސް ނިމުނު އިރު، ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ ސްޓެޓިސްޓިކްސް ދައްކާ ގޮތުގައި، އޭޕްރިލް މަހު ރާއްޖެ އަށް 103،496 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. އަދި އޭޕްރީލް މަސް ނިމުނު އިރު، ރާއްޖެ އަށް މި އަހަރު އައި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 447،659 އަށް އަރައިފަ އެވެ.

މިއީ، މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާ އިރު 3.6 ޕަސަންޓުގެ ކުރިއެރުމެކެވެ.

ރާއްޖެ އަށް މި އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި، ވިލާތުން އައި 229،294 ފަތުރުވެރިއަކު ހިމެނެ އެވެ. އެއީ މި އަހަރުގެ ފަތުރުވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަ އެވެ. މި އަދަދަކީ މިދިޔަ އަހަރު ޔޫރަޕުން އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު 6.4 ޕަސަންޓުގެ ކުރިއެރުމެކެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އޭޝިއާ ޕެސިފިކް ގައުމުތަކުންނެވެ. އެގޮތުން، 263،354 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި އިރު އެއީ މިދިޔަ އަހަރު މި މުއްދަތާ އަޅާ ބަލާއިރު 32.43 ޕަސަންޓުގެ ކުރިއެރުމެކެވެ. އެމެރިކާ ސަރަހައްދުން ރާއްޖެއަށް 34،346 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މެދު އިރުމަތިން 34،522 ފަތުރުވެރިން މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ރާއްޖެ އަ އެވެ. އަދި އެފްރިކާ ބައްރުން 3،060 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު މާކެޓު ކަމުގައިވާ ޗައިނާ އިން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ، މިދިޔަ އަހަރުގެ މު މުއްދަތާ އަޅާ ބަލާއިރު 9.7 ޕަސަންޓު ދަށް ވެފަ އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި، އޭޕްރިލް މަހާ ހަމައަށް ރާއްޖޭގެ 116 ރިސޯޓުގައި 25،153 އެނދު ހުރި އިރު، އޭގެ ތެރެއިން އެވަރޭޖްކޮށް 109 ރިސޯޓުގެ 24،083 އެނދު ވަނީ އޮޕަރޭޓް ކޮށްފަ އެވެ. މީގެ އިތުރުން ޓޫރިސްޓް ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގައި އެވްރެޖްކޮށް 4،417 އެނދު ވެސް މިމުއްދަތުގައި ވަނީ އޮޕަރޭޓްކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް ވަނީ 76.2 ޕަސަންޓަށް ދަށް ވެފަ އެވެ. މާޗު މަހު އޮކިއުޕަންސީ ރޭޓު ހުރީ 78 ޕަސަންޓުގަ އެވެ.