ވޮޝިންޓަން (މޭ 26): އެމެރިކާ އަސްކަރިއްޔާގެ ނިއުކްލިއާ ހަތިޔާރާ ބެހޭ ފައުޖުތަކުން އަދިވެސް ބޭނުން ކުރަނީ "އަށް އިންޗީގެ ފްލޮޕީ ޑިސްކު" ބޭނުން ކުރަން ޖެހޭ 1970ގެ އަހަރުތަކުގެ ކޮމްޕިއުޓާ ސިސްޓަމްތަށް ކަމަށް އެގައުމުގެ ގަވަމެންޓް އެކައުންޓެބިލިޓީ އޮފީސް (ޖީއޭއޯ) އިން ބުނެފި އެވެ.

ޖީއޭއޯއިން އާއްމު ކުރި ރިޕޯޓެއްގައިވާ ގޮތުން ޕެންޓަގަންއަކީ ކޮމްޕިއުޓާ ސިސްޓަމްތައް ވީހާވެސް އަވަހަކަށް އާކުރަން ޖެހިފައިވާ ސަރުކާރުގެ ޑިޕާންޓްމެންޓުތަކުގެ ތެރެއިން އެއް ޑިޕާޓްމެންޓެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދުވަސްވެފައިވާ ޓެކްނޮލޮޖީ ބޭނުން ކުރަމުން ގެންދިއުމަށް ކޮންމެ އަހަރަކު 61 ބިލިއަން ޑޮލަރު ހޭދަ ކުރަން ޖެހެ އެވެ. އެއީ ޒަމާނީ އާލާތްތައް މެއިންޓެއިން ކުރަން ހޭދަ ކުރަންޖެހޭ މިންވަރަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

ނަމަވެސް، ފްލޮޕީ ޑިސްކުތަކަކީ މިހާރު ބޭނުން ނުކުރާ ޑިވައިސްއެއް ކަމުން 2017 އަންނަންވާ އިރަށް އެކޮމްޕިއުޓާ ސިސްޓަމްތައް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ޕެންޓަގަންގެ ތަރުޖަމާނު، ލެފްޓެނެންޓް ކާނަލް ވެލެރީ ހެންޑާސަން ވިދާޅުވި އެވެ. (ބީބީސީ)