ތިން ރަށެއްގެ ކުނި މެނޭޖުކުރުމުގެ ނިޒާމުގެ ބައެއް މަސައްކަތްތައް ކުރުމަށް، އެންވާރަމެންޓް މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލު ކޮށްފި އެވެ.

މިއަދު އެންވާރަމެންޓު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ބ. ދަރަވަންދޫ، މ. މުލި އަދި އއ. ތޮއްޑޫގެ ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތްތަކެއް ވަނީ، ތަފާތު ތިން ފަރާތަކާ ހަވާލު ކޮށްފަ އެވެ.

ތިން ރަށެއްގެ ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތްތަކެއް ކުރުމަށް ހަވާލުކުރުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އޭގެ ތެރެއިން، ބ. ދަރަވަންދޫގެ ކުނި މެނޭޖު ކުރާ މަރުކަޒު އަޕްގްރޭޑު ކުރުމަށް ހަވާލު ކުރެވުނީ، ވީ އަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. ފަނަރަ ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި އެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 178،419 ރުފިޔާ ޚަރަދުކޮށްގެން ކުރެވޭ މަސައްކަތެވެ.

މ. މުލީގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ކުރުމަށް ހަމަޖެހިފައި އޮތީ ކުނި އަންދާ އިންސިނަރޭޓަރެއް ބިނާކުރުމުގެ މަސައްކަތެވެ. އިންޓަލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް، 45 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކުރި އެ މަސައްކަތުގެ އަގަކީ 843،655 ރުފިޔާ އެވެ. އެއީވެސް ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ތިން ރަށެއްގެ ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތްތަކެއް ކުރުމަށް ހަވާލުކުރުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އއ. ތޮއްޑޫގެ ކުނި މެނޭޖުކުރާ މަރުކަޒަށް ޖެނެރޭޓަރެއް ގެނެސް، އިންސްޓޯލު ކޮށްދިނުމަށް ހަވާލު ކުރީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ކުރުމަށް ދީފައި ވަނީ ޖުމްލަ އަށް ދުވަހެވެ. އަދި މިއީ ދިވެހި ސަރުކާރުގެ ބަޖެޓުން ޖުމްލަ 380،000 ރުފިޔާ ޚަރަދު ކުރާ ބަޖެޓެވެ.

އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ، އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރެވެ.