ނެޓްބޯޅަ އަމްޕަޔަރުން ތަމްރީނު ކުރުމަށް ނ. ހޮޅުދޫގައި ނެޓްބޯލް ލެވެލް އެކެއްގެ އަމްޕަޔަރިން ކޯހެއް ކުރިއަށް ގެންގޮސްފި އެވެ.

މި މަހުގެ 19 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އަމްޕަޔަރިން ކޯސް އިންތިޒާމުކޮށްފައިވަނީ ހޮޅުދޫ ޒުވާނުންގެ މަރުކަޒުންނެވެ. އެ ކޯސް ކުރިއަށްދިޔައީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.

ހޮޅުދޫ ޒުވާނުންގެ މަރުކަޒުން މައުލޫމާތު ދޭގޮތުގައި، އެ ރަށުގައި އަމްޕަޔަރުން ތަމްރީނު ކުރުމަށް ކުރިއަށްގެންދިޔަ ކޯހުގައި ޖުމްލަ 15 ފަރާތަކުން ބައިވެރިވި އެވެ. އޭގެ ތެރެއިން ކޯހުން ފާސްވެ، ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 13 ބައިވެރިންނެވެ.

ވެލިދޫގެ އިތުރުން އެ އަތޮޅުގެ މަނަދޫ އާއި ވެލިދޫ އިން ވެސް އެ ކޯހުގައި ބައިވެރިވެފައިވާ އިރު، ކޯސް ކުރިއަށްދިޔައީ ހޮޅުދޫ ޕްރީ ސްކޫލާއި، ހޮޅުދޫ މޭނާ ސްކޫލުގެ އާ އިމާރާތް އަދި އެ ރަށު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.

ހޮޅުދޫގައި ކުރިއަށްދިޔަ ނެޓްބޯލް އަމްޕަޔަރިން ކޯހުގެ ކްލާސްތައް ނަގައިދިނީ ނެޓްބޯޅަ އެސޯސިއޭޝަނުގެ ތަޖުރިބާކާރު ރެފްރީއެކެވެ.