މިދިޔަ އަހަރު ޖޫން މަހު ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާ ފުލުހުންނަށް ފެނުނީ އޭނާ މަރުވެފައި އޮތާ 24 ގަޑިއިރު ފަހުން ކަމަށް އޭނާ މަރުވެފައި އޮތް ސީންއަށް ދިޔަ ފުލުހެއް މިއަދު ކޯޓުގައި ހެކިބަސްދެމުން ބުނެފި އެވެ.

ބާންދު ޝަހުމިޔާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށެވެ.

ދައުލަތުން ހަމްޒާގެ މައްޗަށް ކުރި ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާގައި ބުނެފައިވަނީ 9 ޖޫން 2015 ވަނަ ދުވަހު 22:00 އެހާކަންހާއިރު ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ޖަހުމުގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައިވާ ކަމަށެވެ.

އެ މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ބާންދު ޝާހުމިޔާ މަރުވެފައި އޮތް ސީންއަށް ފުލުހަކު ކޯޓުގައި ހެކިބަސް ދެމުން ބުނީ އެ މީހުން ރަންދާނުގެއަށް ދިޔަ އިރު އެ ގޭގެ ފެންޑާގެ ޓައިލްސް މަތީގައި އޮތް ކުނަލެއްގައި ބާންދް ޝަހުމިޔާ އޮތް ކަމަށެވެ. އަދި އޭރުވެސް އެތަނުން ކުނިވަސް ދުވާ ކަމަށް ޒަކީ ވިދާޅުވި އެވެ.

އޭނާ އޮތީ މޫނުމަތީގައި ބާލީހެއް އަޅާފައި ކަމަށާއި އޭރުވެސް އެއްވެސް ހަރަކާތެއް ނެތުމުން ޑޮކްޓަރަށް ގުޅައިގެން އެތަނަށް ގެނެސް ބެލުމުން ބާންދު ޝާހުމިޔާ މަރުވެފައި އޮންނަތާ 24 ގަޑިއިރު ވެފައިވާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ފުލުސް މީހާ ބުންޏެވެ. އޭނާއަށް ލިބިފައި ހުރި ޒަހަމްތަކާ ބެހޭ ގޮތުން ދައުލަތުން ސުވާލު ކުރުމުން ފުލުސް މީހާ ބުނީ އޭނާގެ މޫނުމަތިން ވައަތު ލޯކައިރިން ވަރަށް ބޮޑަށް ފަޅާލާފައިވާ ކަމަށެވެ.

"ދެ އިނގިލި ނުވަތަ ތިން އިނގި އެތެރެއަށް ވައްދާލެވޭ ވަރަށް ލޯމަތިން ފަޅާލާފައި ހުރީ. އޭރުވެސް ފަޅާލާފައި ހުރިތަނުން މެހި ވަދެ ނުކުމެ ހަދާ،" ހެކިބަސް ދިން ފުލުސް މީހާ ބުންޏެވެ.

ރަންދާނުގޭގެ ފެންޑާގެ ފާރުގައި ލޭތަކެއް ހުރި ކަމަށާއި ލޭތަައް ހުރި ހިކިފައި ކަމަށް ފުލުސް މީހާ ބުންޏެވެ.

އެ މައްސަލާގައި އިތުރު ހެކިން ވެސް މިއަދު ހާޒިރުކުރި ކުރި އެވެ. ނަމަވެސް ހެކިބަސް ނެގުން ހުއްޓާލީ ދައުވާ ލިބޭ ހަމްޒާގެ ވަކީލަށް ބައެއް ލިޔުކިޔުންތައް ފޯރުކޮށް ނުދީ ހުރުމުން ވަކީލާ އެކަން ފާހަގަކުރުމުންނެވެ. ހަމްޒާގެ ވަކީލާ ވިދާޅުވީ ލިޔެކިޔުންތައް ހޯދުމަށް ކޯޓަށް ފޯމު ހުށަހެޅުމުން ދިން ލިޔެކިޔުންތެކުގެ ތެރޭގައި ދައުލަތުން ހުށަހެޅި ހެކިވެރިން ފުލުހުންގެ ތަހުގީގަށް ދިން ބަޔާންތައް ވެސް ލިބިފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ސިއްރު ހެކި ނޫން އެހެން ހެކިންގެ މައުލޫމާތު ދިފާއީ ވަކީލާ ހިއްސާ ކުރުމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.

މިއަދު ގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ މައްސަލާގައި ހިއްސާކުރެވެން ހުރި ލިޔެކިޔުންތައް ދިފާއީ ވަކީލާ ހިއްސާކުރުމަށް މިއަދު ހެކިބަސް ނެގުން ހުއްޓާލީ ކަމަށެވެ. އިތުރު އަޑުއެހުމެއް ފެށޭ ހަފްތާ ބާއްވާނެ ކަހަލަ އިޝާރާތެއް ގާޒީ ދެއްވި އެވެ.