26 May 2016, 18:16
އެޑިޔުކޭޝަން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ހިންގާ، ޓޫރިޒަމް ދާއިރާއަށް 8،000 މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ށ. އަތޮޅުން 1،000 މީހަކު ހޯދައި ދިނުމަށް އެ އަތޮޅު މިލަންދޫ ކައުންސިލުން ނިންމައިފި އެވެ.
މިއަދު ޝީ ބިލްޑިންގައި އޮތް ހަފްލާއެއްގައި، މިކަމާ ބެހޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެ އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ށ. މިލަންދޫ ކައުންސިލުގެ ރައީސް އަބްދުﷲ ފާއިޒް ހަސަނެވެ.
އެޑިއުކޭޝަން އަދި ޓޫރިޒަމް މިނިސްޓްރީން ހިންގާ، ޓޫރިޒަމް ދާއިރާއަށް 8،000 މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ކުރިޔަށް ގެންދަނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް) އޮތޯރިޓީއިންނެވެ.
ޓޫރިޒަމް ދާއިރާއަށް 8،000 މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު އޭޕްރިލް މަހުން ފެށިގެން މި ހިނގާ މެއި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ފަތުރުވެރިކަމާ ގުޅޭ 26 ދާއިރާއަކުން ތަމްރީނު ޕްރޮގްރާމްތައް ޓިވެޓުން ހިންގާއިރު، އޭގެ ތެރޭގައި ފްރޮންޓް އޮފީހާއި ކޭޝިއަރުން، އިންޖިނިއަރުންނާއި ޓުއާ ގައިޑުން އަދި އައިޓީ ޓެކްނިޝަނުންނާއި މެރިން މެކޭނިކުން ހިމެނެ އެވެ.
ހިލޭ ހިންގާ އެ ކޯސްތަކަކީ ލެވެލް ތިނަކާއި ލެވެލް ހަތަރެއްގެ ކޯސްތަކެވެ. ލެވެލް ތިނެއްގެ ކޯސްތަކުގައި ބައިވެރިވެވޭނެ ޝަރުތަކަށް ގްރޭޑު ހަތެއް ކަނޑައަޅާފައިވާ އިރު، ލެވެލް ހަތަރެއްގެ ކޯސްތަކުގައި ބައިވެރިވެވޭނެ ޝަރުތަކަށް ކަނޑައަޅާފައި ވަނީ ސާނަވީ ސުކޫލް އިމްތިހާނަކުން ތިން މާއްދާ އިން ފާސްވެފައިވުން ނުވަތަ އެދާއިރާ އާ ގުޅުން ހުރި ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަ ކޮށްފައިވުމެވެ.
ލެވެލް ތިނެއްގެ ކޯސްތަކުގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އަދި ލެވެލް ހަތަރެއްގެ ކޯސްތަކުގެ މުއްދަތަކީ އަށް މަސް ދުވަހެވެ.