26 May 2016, 12:47
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް"ގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބައިވެރިވެއްޖެ އެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ބައިވެރިވެވޭ މުވައްޒަފުންގެ ސްކީމަކީ މުސާރައިން ކޮންމެ މަހަކު ވެސް ވަކި ވަރެއް ކެނޑޭ ގޮތަށް މުވައްޒަފުން ހައްޖަށާއި އުމްރާއަށް ގެންގޮސްދޭ ސުކީމެކެވެ. ހައްޖު ސުކީމްގެ ބޭނުމަކީ ޒުވާން އުމުރުގައި ހައްޖަށް ދިއުމަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުވައްޒަފުންގެ ސްކީމުގައި ބައިވެރިވި އެއްބަސްވުމުގައި އެ ކޮމިޝަންގެ ފަރާތުން ސޮއި ކުރެއްވީ ޖޭއެސްސީގެ ސެކަރެޓަރީ ޖެނަރަލް އަބޫބަކުރު މުހައްމަދެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސެވެ.
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން "ސަން"އަށް މިއަދު ވިދާޅުވީ އެ ސްކީމުގައި އެ ކޮމިޝަނުން ބައިވެރިވީ މުވައްޒަފުންގެ ޝައުގުވެރިކަން އެ ސްކީމަށް އޮތްލެއް ބޮޑު ކަމުން ކަމަށެވެ. ޖޭއެސްސީގެ މުވައްޒަފުންގެ އަދަދަކީ 26 އެވެ.

"މުވައްޒަފުންގެ ސުކީމް" ގައި ޖޭއެސްސީ އިން ބައިވެރިވެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ޖޭއެސްސީ
ޖޭއެސްސީއަކީ މުވައްޒަފުންގެ ސްކީމުގައި ބައިވެރިވި 15 ވަނަ އިދާރާއެވެ. އެންމެ ފަހުން އެ ސްކީމުގައި ބައިވެރިވެފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުންނެވެ.
މުވައްޒަފުންގެ ސްކީމުގައި މިހާތަނަށް ބައިވެރިވެފައިވާ އިދާރާތަކާއި ކުންފުނިތަކުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ދިރާގާއި ފިނޭންސް މިނިސްޓްރީ އާއި ކަސްޓަމްސްގެ އިތުރުން އެމްއޭސީއެލް ވެސް ހިމެނެ އެވެ.