26 May 2016, 14:24
އެތުލެޓިކޯ މެޑްރިޑުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޖެހޭ ކަމަށާއި އެ މުބާރާތް ކާމިޔާބު ނުކުރެވިއްޖެނަމަ، އެއީ ބޮޑު ހިތާމައަކަށް ވެގެންދާނެ ކަމަށް އެ ކްލަބުގެ ރައީސް އިންރީކޭ ސެރޭޒޯ ވިދާޅުވެއްޖެ އެވެ.
ޔޫރަޕުގެ ސަރަހައްދީ މުބާރާތެއް ކާމިޔާބު ކުރުމުގެ މަސައްކަތް ކުރަމުންދާ އެތުލެޓިކޯ އިން މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެވެ.
ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެތުލެޓިކޯ އިން ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް ދަތުރުކުރީ ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެފަ އެވެ. ކުއާޓާ ފައިނަލުން ސްޕެއިން ޗެމްޕިއަން ބާސެލޯނާ ކަޓުވާލި އިރު، ސެމީ ފައިނަލުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވަނީ ކަޓުވާލައިފަ އެވެ.
"ހޮނިހިރު ދުވަހު ކުޅޭ ފައިނަލު މެޗުން އަހަރެމެން މޮޅުވާން ޖެހޭ. މޮޅު ނުވެވިއްޖެ ނަމަ، އެއީ ބޮޑު ހިތާމައަކަށް ވެގެންދާނެ. ކޮންމެ ގޮތަކަށް ވިޔަސް އަހަރެމެން ޖެހޭނެ މޮޅުވާން،" ސެރޭޒޯ ވިދާޅުވި އެވެ.
އެތުލެޓިކޯ އަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ނުހޯދުނު ނަމަވެސް، އެ ކްލަބުން ވަނީ ދެ ފަހަރަކު އެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ކުޅުނު ފައިނަލުގައި ރެއާލް އަތުން އެތުލެޓިކޯ ބަލިވީ 4-1 ލަނޑުންނެވެ.