26 May 2016, 12:14
ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް ކުޅެމުންދިޔަ ފޯވާޑް މާރިއޯ ބަލޮޓެލީ، އިނގިރޭސި ކްލަބު ލިވަޕޫލަށް އެނބުރި ދާނެ ކަމަށް މިލާނުގެ ވެރިޔާ އަދި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއާ ބަރްލަސްކޯނީ ވިދާޅުވެއްޖެ އެވެ.
ނިމިގެންދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބަލޮޓެލީ މިލާނަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މިލާނަށް އޭނާ ކުޅުނު 20 މެޗުގެ ތެރެއިން ޖެހިފައި ވަނީ އެންމެ ލަނޑެކެވެ.
އުމުރުން 25 އަހަރުގެ ފޯވާޑް ބަލޮޓެލީ އާއެކު ލިވަޕޫލުން ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އޮތް ނަމަވެސް އެ ކްލަބަށް އެނބުރި ދާން ބޭނުންނުވާ ކަމަށް ދާދިފަހުން އޭނާ ވަނީ ހާމަކޮށްފަ އެވެ.

އޭސީ މިލާނުގެ ވެރިޔާ އަދި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއާ ބަރްލަސްކޯނީ --- ފޮޓޯ: އޭޕީ
"އަހަރެމެންގެ ޓީމުން ގިނަ ކުޅުންތެރިންތަކެއް ދާނެ. އަދި ބަލޮޓެލީއަކީ އަހަރެމެންނާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެއް ކުޅުންތެރިޔާ،" ޓެލެލޮމްބާޑީ އަށް ދިން އިންޓަވިއުއެއްގައި އުމުރުން 79 އަހަރުގެ ބަރްލަސްކޯނީ ވިދާޅުވި އެވެ.
ނިމިގެންދިޔަ ސީޒަނުގައި ވެސް މިލާނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އެ ކްލަބުން އިޓާލިއަން ސެރީއާގެ ހަތް ވަނައިގައި އޮވެ ސީޒަން ނިންމާލި އިރު، އިޓަލިއަން ކަޕުގެ ފައިނަލުގައި ޔުވެންޓަސް އަތުން ވަނީ ބަލިވެފަ އެވެ.