26 May 2016, 14:28
ހއ. ދިއްދޫ ސުކޫލުގެ ޕްރިންސިޕަލު ސުކޫލުން ބަދަލުވާތީ، އެކަމާ ކަންބޮޑުވެގެން އެ ރަށު ސުކޫލުގެ ބެލެނެވެރިން ސުކޫލު ދޮށަށް އެއްވެއްޖެ އެވެ.
ދިއްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ސިނާނު "ސަން"އަށް މިއަދު ވިދާޅުވީ އެރަށު ސުކޫލުގެ ބެލެނެވެރިން ސުކޫލު ދޮަށަށް އެއްވެފައި ތިބީ ޕްރިންސިޕަލާ ދޭތެރޭ ހިތްހަމަނުޖެހިގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ ބެލެނެވެރިން އެއްވެ ތިބީ ޕްރިންސިޕަލު ދިއްދޫ ސުކޫލުން ބަދަލުވާތީ އެކަމާ ދެރަވެ، ކަންބޮޑުވެގެން ކަމަށެވެ.
"މިހާރު ދިއްދޫ ސުކޫލުގައި މި ހުންނެވި ޕްރިންސިޕަލަކީ ބެލެނެވެރިންނަށް ވަރަށް ކަމުދާ ޕްރިންސިޕަލެއް. އެހެންވެ ޕްރިންސިޕަލް ރަށު ސުކޫލުން ދާތީ އެކަމާ ދެރަވެ، އަދި އެކަމާ ކަންބޮޑުވެގެން ސުކޫލު ދޮަށަށް ބެލެނެވެރިން އެއްވެ ތިބީ،" ސިނާނު ވިދާޅުވި އެވެ.
ހއ. ދިއްދޫ ސުކޫލުގެ ޕްރިންސިޕަލު އެ ސުކޫލު ދޫކޮށް ދާތީވެ ބެލެނެވެރިން ސުކޫލު ދޮށަށް އެއްވެފައި: ފޮޓޯ/ ޓުވީޓާ
ސިނާން ވިދާޅުވީ ޕްރިންސިޕަލް ބަދަލުވަނީ އެރަށު ސުކޫލުގެ މެނޭޖުމަންޓާއި މައްސަލައެއް ޖެހިގެން ކަމަށް "މައުލޫމާތު" ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސުކޫލު ދޮަށަށް ބެލެނެވެރިން އެއްވުމުން ބައެއް ބެލެނެވެރިންނާއި ޕްރިންސިޕަލް ބައްދަލުކުރައްވާފައިވާ ކަމަށެވެ.
"އެ ޕްރިންސިޕަލް ސުކޫލަށް އައިފަހުން ސުކޫލަށް ވަނީ ވަރަށް ބޮޑެތި، ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައި. އެކަން އަޅުގަނޑުމެން ކައުންސިލުން ވެސް ބަލައިގަންނަން. އެހެންވީމަ ކަމަށް ބެލެވެނީ ބެލެނެވެރިން ކަންބޮޑުވުންފާޅު ކުރަމުން އެގެންދަނީ،" ސިނާނު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ސުކޫލުގެ މެނޭޖުމަންޓުގެ ބަހެއް ވެސް އަދި ޕްރިންސިޕަލުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.