26 May 2016, 12:52
ދިވެހި ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު، ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން އެކުލަވާލި އެއްބަސްވުމަށް އިންޑިއާ ސަރުކާރުން ރުހުން ދީފި އެވެ.
މިދިޔަ އޭޕްރިލް މަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަ އެއްބަސްވުމެއް އެކުލަވާލާފައިވާ އިރު، ފަތުރުވެރިކަމުގެ ދާއިރާ އިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ވެސް އެއްބަސްވުމެއްގައި ސޮއި ކުރެއްވި އެވެ.
އިންޑިއާގެ ޔޫނިއަން ކެބިނެޓުން އިއްޔެ ބޭއްވި ކެބިނެޓް މީޓިންގްއެއްގައި ރާއްޖެއާ އެކު ހެދި ފަތުރުވެރިކަމާ ބެހޭ އެއްބަސްވުމަށް އެ ގައުމުން ވަނީ ރުހުން ދީފަ އެވެ.
ބޮޑުވަޒީރު ނަރެންދްރާ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވި ކެބިނެޓް މީޓިންގް އަށް ފަހު، ކެބިނެޓުން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއާ އެކު ވި އެއްބަސްވުމުގައި ހިމެނޭ ކަންކަން ހާމަ ކުރައްވައިފަ އެވެ.
އެގޮތުން، އެ އެއްބަސްވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އިން ދެ ގައުމުން އެއްބާރުލުން ދިނުމާ އެކު ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމާ ބެހޭ މައުލޫމާތާއި ޑޭޓާ ބަދަލުކުރުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި ދެ ގައުމުގެ ސްޓޭކްހޯލްޑަރުންގެ މެދުގައި އެއްބާރުލުން ދިނުމާއި ގުޅުން ބަދަހިކުރުން ހިމެނެ އެވެ.
އޭގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ އިން ހިއުމަން ރިސޯށް ޑިވެލޮޕްމެންޓާ ބެހޭ އެކްސްޗޭންޖް ޕްރޮގްރާމްތައް ބޭއްވުމާއި ދެ ގައުމުގެ ޓުއާ އޮޕަރޭޓަރުން އެއްގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރުމާއި އެ ދާއިރާ އިން އިންވެސްޓްމެންޓުތައް އިތުރު ކުރުމާއި ދެގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް ދެގައުމުގެ މީޑިއާ އާއި އެހެނިހެން ސްޓޭކްހޯލްޑަރުން ވެސް ދަތުރުތައް ކުރުން ހިމެނެ އެވެ.
ދެ ގައުމުން ވެސް ބާއްވާ ފަތުރުވެރިކަމާ ބެހޭ މައުރަޒުތަކާއި ޓްރޭޑް ފެއާތަކުގައި ދެ ގައުމުގެ ސްޓޭކްހޯލްޑަރުން ބައިވެރިވުން ވެސް، އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.
އިންޑިއާއަކީ ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ އެއް ގައުމެވެ.