13 May 2011, 19:02
ސަރުކާރުން ރައްޔިތުންނާމެދު ނުހައްގުން ކުރަމުންގެންދާ ކަންތައްތަކާއި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ އިސްތަށިފުޅުގައި އަޅުވާ އިލްޒާމްތަކުގެ ވާހަކަ އިންޑިއާގައި ތިއްބެވި ހުޅަނގުގެ ގައުމުތަކުގެ ސަފީރުންނާއެކު ހިއްސާކޮށްފައިވާ ކަމަށް ޒެޑްފެކްޝަނުން ބުނެފި އެވެ.
ޒެޑް ފެކްޝަންގެ ޑައިރެކްޓާ އޮފް ޑިޕްލޮމެޓިކް ރިލޭޝަން ދުންޔާ މައުމޫނާއި އެ ފެކްޝަންގެ ރަޖިސްޓްރާ މުހައްމަދު ހުސައިން ޝަރީފު ]މުންދު[ އާއި ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅާ ބެހޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދުންޔާ ވިދާޅުވީ އިގިރޭސީ ވިލާތާއި އެމެރިކާގެ އިތުރުން އިންޑިއާގައި ގާއިމްކޮށްފައިވާ ކެނެޑާގެ އެމްބަސީތަކަށް ޒިޔާރަތްކޮށް އެ ގައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަން ]އީޔޫ[ގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫންގެ ތަރުޖަމާން، މުންދު ވިދާޅުވީ މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޑިމޮކްރަސީގެ އިމުން ބޭރުން ސަރުކާރާއި އެހެނިހެން ފަރާތްތަކުން ކުރާ ކަންތައްތައް ބޭރުގެ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ. އެ ގޮތުން ނޫސްވެރިންގެ މިނިވަންކަމަށް ހުރަސްއަޅައި ހައްޔަރު ކުރުމާއި ބައިނަލް އަގުވާމީ މިންގަޑުތަކާ ހިލާފަށް ފުލުހުން ކުރަމުންގެންދާ ކަންތައްތަކުގެ ވާހަކަ ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. މުޒާހަރާތަކުގައި ފުލުހުންގެ ޔުނީފޯމްގައި ތައްކޮށްފައިވާ ނަން ޓެގް ނުޖަހައި އަމަލުކުރި ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސުލްހަވެރިކަމާއެކު ކުރަމުންދިޔަ މުޒާހަރާތައް ރޫޅައިލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި އިރު، ޝީލްޑް ބޭނުންކޮށްފައިވަނީ ބައިނަލް އަގުވާމީ މިންގަނޑުތަކާ ހިލާފަށް ކަމަށް ބޭރުގެ ސަފީރުން އަމިއްލަ ފުޅަށް ވިދާޅުވި ކަމަށާއި މުޒަހަރާގެ މައުލޫމާތުތައް އެބޭފުޅުންނަށް ވަރަށް ރަގަނޅަށް ލިބިފައިވާ ކަން ޔަގީންކޮށްދެއްވެވި ކަމަށެވެ.
"ވަރަށް ސާފުކޮށް ވިދާޅުވި ފުލުހުން ގާނޫނީ އިމުން ބޭރުން އަމަލްކޮށްފައިވާނަމަ ވަކިވަކިން ފުލުހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމަށާއި ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަތައް ހުށަހެޅުމަށް އެދިވަޑައިގެން ހިތްވަރު ދެއްވި،" މުންދު ވިދާޅުވި އެވެ.
ބޭރުގެ ގައުމުތަކުގެ ސަފީރުންނަށް ރާއްޖޭގެ ޚަބަރުތައް ވަރަށް ރަގަނޅަށް އިނގޭ ކަމަށާއި ސަރުކާރުން ކުރާ އިންސާނިއްޔަތާ ހިލާފު ކަންތައްތަކާ ސިޔާސީ ގޮތުން ގެންގުޅޭ އުކުޅުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވި ކަމަށްވެސް މުންދު ވިދާޅުވި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި މަހުލޫފު ވިދާޅުވީ ސަރުކާރުން ކުރާ "ނުހައްގު" ކަންތައްތަކުގެ ވާހަކަތައް ބޭރުގެ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް އިތުރު ދަތުރުތަކެއް ކުރަން ނިންމާފައިވާ ކަމަށާއި އެ ގޮތުން ސިރީލަންކާގެ ކޮލަންބޯއަށް ވަރަށް އަވަހަށް ދަތުރެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.