ހުޅުމާލޭ ސެންޓްރަލް ޕާކުގައި އައުޓްޑޯ ޖިމެއް އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގެ "ލެޝާ ޒޯން" ހުޅުވުމަށް މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ސައިމަން މިއަދު "ސަން" އަށް ވިދާޅުވީ، އައުޓްޑޯ ޖިމް ހުޅުވުމަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓެއް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި އެ ޖިމް ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ޒުވާނުންނަށް ހާއްސަ ޒޯންގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރު ޖުލައި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެތަނަށް އަންނަން ޖެހޭ އައުޓްޑޯ ޖިމް ސެޓަޕް ގެނެވި، ކްލައިމްބިން ވޯލް ފަދަ އިތުރު ފީޗާސްތައް މި އަހަރު ތެރޭގައި ގެނެވި ރާއްޖޭއި އޮތް އެންމެ ބޮޑު އެންމެ ފުރިހަމަ އެންމެ ހިތްގައިމު ޕާކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވެގެންދާނެ،" ސައިމަން ވިދާޅުވި އެވެ.

އެ ޖިމްގައި އެކި ކަހަލަ 18 ޖިމް އިކުއިޕްމަންޓު ނުވަތަ މެޝިން ހުންނާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސައިމަން ވިދާޅުވީ މި އަހަރުގެ ތެރޭގައި ސެންޓްރަލް ޕާކްގައި ފައުންޓަން ޒޯންގެ މަސައްކަތް ވެސް ފެށި، ބޮޑު ބައެއް ނިންމާލެވޭނެ ކަމަށެވެ. އަދި އިތުރު ރިކްރިއޭޝަނަލް ފީޗާސްތައް ވެސް މި އަހަރު ތެރޭގައި ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވީ ހުޅުމާލެ އަކީ އުންމީދުގެ ސިޓީ ކަމަށާއި ހުޅުމާލެ ތަރައްގީ ވަމުން އަންނަނީ ވަރަށް ބާރު ދުވެއްޔެއްގައި ކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ތަރައްގީ ކުރަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެ ޕާކުގައި ސެންޓްރަލް ޕްލާޒާ އަކާއި ފައުންޓެން ޒޯން އަކާއި އިންޓަރެކްޓިވް ޒޯން އެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.

މާލޭ ރަސްފަންނުގައި ވެސް އައުޓްޑޯ ޖިމް އެއް ވަނީ ހުޅުވައިފަ އެވެ.