އިނގިރޭސި ޕްރިމިއާ ލީގުން ނިއުކާސަލް ރެލިގޭޓްވި ނަމަވެސް އެ ޓީމްގެ ކޯޗުކަމުގައި ދެމިހުރުމަށް ރަފޭލް ބެނިޓޭޒް ނިންމައިފި އެވެ.

ލިވަޕޫލާއި ޗެލްސީ އަދި ރެއާލް މެޑްރިޑް ފަދަ ބޮޑެތި ކުލަބުތަކަށް ކޯޗު ކޮށްދީފައިވާ އުމުރުން 56 އަހަރުގެ ތަޖުރިބާކާރު ކޯޗު ނިއުކާސަލްއާ މިދިޔަ މާޗު މަހު ހަވާލުވި އިރު ވެސް އެ ޓީމު އޮތީ ރެލިގޭޝަން ޒޯންގަ އެވެ. ނިއުކާޝަލް އިން މި ސީޒަން ނިންމާލީ 37 ޕޮއިންޓާއި އެކު ތާވަލުގެ ފުލުން ތިން ވަނާގައި އޮވެއެވެ.

ނިއުކާސަލް ރެލިގޭޓްވުމާ އެކު ބެނިޓޭޒް އެ ޓީމް ދޫކޮށްލާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އޭނާ ބުނީ ޓީމުގައި މަޑުކުރަން ލިބުނު އެންމެ ބޮޑު ހިއްވަރެއް ލިބުނީ ސްޕޯޓަރުންގެ ފަރާތުން ކަމަށާއި ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ކަމެއް ކޮށްދިނުމުގެ އުންމީދުގައި ޓީމުގައި މަޑު ކުރުން ނިންމީ ކަމަށެވެ.

"އަހަރެން ޓީމްގައި މަޑުކުރުމަށް އެންމެ ބޮޑު ހިތް ވަރެއް ލިބުނީ ސްޕޯޓަރުންގެ ފަރާތުން. އެ މީހުންގެ ފަރާތުން އެ ލިބުނު ލޯތްބާއި އިޙްތިރާމަކީ ހަދާނުން ފުހެލެވޭނެ އެއްޗެއް ނޫން،" ބެނިޓޭޒް ބުންޏެވެ.

ބެނިޓޭޒްގެ އިރުޝާދުގެ ދަށުން ނިއުކާސަލް ކުޅުނު 10 މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާ އިރު އޭނާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މެންޗަސްޓާ ޔުނައިޓެޑް އާއި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށް ފަހު މެޗުގައި ތާވަލުގެ ތިން ވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަތުން 1-5ގެ ބޮޑު ނަތީޖާ އަކުން މޮޅުވުމެވެ.